ކ. މާލެ
|
1 ސެޕްޓެންބަރ 2022 | ބުރާސްފަތި 16:52
ކ އަތޮޅު ކާށިދޫ
ކ އަތޮޅު ކާށިދޫ
ރާއްޖެ އެމްވީ
މަރުގެ މައްސަލަތައް އިތުރުވުން
ކަތިވަޅިން މަރާލީ ކާށިދޫ މީހެއް، މާލޭ މީހުންވެސް ބިރުން ބޮޑުތަޅު އެޅުވި، މިއަދު ހާލަތު ބަދަލުވެއްޖެ!
އެ ޒަމާނަކީ މިހާރުހެން ތަޅާފޮޅައި، ވަޅިޖަހާ ޒަމާނެއް ނޫން
އިބްރާހީމްފުޅު މަރާލީ އޭނާ ނިދާފައި އޮއްވައި
އެ މަރާ ގުޅިގެން، އޭރު ރާއްޖޭގެ ރައްޔިތުންނަށް ކުރުވި އަސަރު ނުހަނު ބޮޑު

ގޭދޮށުން ފެންނަ އުމުރުން ދުވަސްވީ ދެމަފިރިއެކެވެ. ފެންނަ ފެނުމަށް ހިކުމަތްތެރި، އޯގާތެރި ދެމަފިރިންނެވެ. އަބަދުވެސް ފެންނަނީ ހިނިތުންވެލާފައި ތިއްބައެވެ. ފެނުމުން ގޮވާނުލައި ނުދާނެއެވެ. އެގޮތުގެމަތިން އެކުވެރިކަން އުފެދި، އާއިލާއެއްގެ މެދުގައި އޮންނަކަހަލަ ގާތް ގުޅުމެއް އުފެދިގެން ދިޔައެވެ.

އެ ދެމަފިރިންނާ ދެކެވުނު ވާހަކައިން އެނގުނީ އެ ބޭބެއަކީ ސިފައިންގެއަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކޮށް، ރިޓަޔަރކޮށްފައިވާ ފަރާތެއްކަމެވެ. 3 ނޮވެމްބަރުގެ ބިރުވެރި ހަނދާންތައްވެސް ގާތުން ދެކެފައިވާ އެ ބޭބެއާ ދެކެވުނު ވާހަކައިން، ބޭބެ ހިއްސާކުރި ވާހަކައަކަށް އަހަރެންގެ ސަމާލުކަން ވަރަށް ބޮޑަށް ހުއްޓިގެންދިޔައެވެ.

ބޭބެ ކިޔައިދިނީ މީގެ ޒަމާންތަކެއް ކުރިން، ކުރީގެ ރައީސް އިބްރާހީމް ނާސިރުގެ ދައުރުގައި ރާއްޖޭގެ ރަށެއްގައި ހިނގައިދިޔަ ކަމެއްގެ ވާހަކައެކެވެ. ކ އަތޮޅު ކާށިދޫގައި ހިނގި މަރުގެ ހާދިސާއެއްގެ ވާހަކަ ބޭބެ ކިޔައިދިނީ ދެންމެ ވީ ކަމެއްހެންނެވެ.

އެ ޒަމާނަކީ މިހާރުހެން ތަޅާފޮޅައި، ވަޅިޖަހާ ޒަމާނެއް ނޫންކަމުން، މުޅި ކާށިދޫވެސް ހިމޭންވިއެވެ. އިރުއޮއްސޭއިރަށް ދޮރުތައް ލައްޕައިގެން މީހުން ތިބެނީ ގޭގައެވެ.

އިބްރާހީމްފުޅު މަރާލީ އޭނާ ނިދާފައި އޮއްވައެވެ. އޭނާއަކީ އެރަށު ގާޒީއެވެ. ރަށުތެރޭގައި ކިޔައިއުޅޭ ގޮތުގައި އިބްރާހީމްފުޅު މާރާލީ އޭނާ ބަލަމުން ދިޔަ މައްސަލައަކާ ގުޅިގެންނާއި، ޒާތީގޮތުން އޮތް ހިތްހަމަނުޖެހުމެއްގެ ސަބަބުންނެވެ.

ކަރު ބުރިކޮށްލަން އުޅުނީ. އެވަގުތު އިބްރާހިމްފުޅުބެއަށް ހޭލެވުނު ވަގުތާ ދިމާވީ. އެހެންވެ ސީދާ ކަރަށް ވަޅި ނާރާ، ދަތްދޮޅިއާ ދިމާވީ. ދަތްދޮޅި އެއްކޮށް ވަކިވެ، ކަރުގަ ވަޅި ޖެހުނީ. އޭނަ އެތަނުގަ ބާލީސް ޖައްސައިގެން ހިނގާފަ ގޮސް އޭނާގެ ތިމާގެ އަންހެނެއްގެ ގެއަށް ދިޔައީ. އެހިސާބުން އޭނަ ވެއްޓުނީ. އެވަގުތު މަރާލަން ކަތިވަޅިން ޖެހި މީހާ މޫދަށް ގޮސް ވަޅި ދޮވެގެން އައީ. ނަމަވެސް އޭރުވެސް ވަޅީގަ ލޭ ހުރި،. އިބްރާހިމްފުޅުބެ އިނގިލިން އިޝާރަތްކުރި އޭނާއަ ދިމާއަށް، އެއީކަން ހަމަލާދިން މީހަކީ. އިބްރާހިމްފުޅުބެ ނިޔާވީ މާލެ ގެންނަން އުޅެނިކޮށް.
ރާއްޖެއެމްވީއާ ވާހަކަދެއްކި ފަރާތެއް

އެ ވާހަކައަށް އަހަރެންގެ ސަމާލުކަން އެހާ ބޮޑަށް ހުއްޓިގެން ދިޔަ މައިގަނޑު ސަބަބަކީ، އެ މަރާ ގުޅިގެން އޭރު ރާއްޖޭގެ ރައްޔިތުންނަށް ކުރުވި އަސަރެވެ. އެ ބިރުވެރިކަން ކުރިމަތިވީ ހަމައެކަނި ކާށިދޫ ރައްޔިތުންނަކަށް ނޫނެވެ. ބޭބެ ބުނިގޮތުގައި، ކާށިދޫގައި އިބްރާހިމްފުޅު މަރާލި ޚަބަރާއެކު، މުޅި ރާއްޖެއަށް އޭގެ ސިހުން ލިބިގެން ދިޔައެވެ. އޭރު ބޭބެ އުޅެމުންދިޔައީ މާލޭގައެވެ.

ކާށިދޫގައި މީހަކު މަރާލިކަމުގެ ޚަބަރާއެކު، އޭރު މާލޭ ރައްޔިތުންވެސް 2 ދުވަސް ވަންދެން އެކަމުގެ އިންތިހާ ބިރުވެރިކަމުގައި ތިއްބެވެ. މިއީ ކާށިދޫގައި ހިނގައިދިޔަ ކަމެއް ނަމަވެސް، މާލޭގެ ރައްޔިތުންވެސް އޭރު އިރުއޮއްސޭއިރަށް ބޮޑުތަޅު އަޅުވައިގެން ގެއަށް ވަންނަކަމަށްވެއެވެ.

ކާށިދޫ މީހަކަށް ކަތިވަޅިން ހަމަލާ ދިނުމުން، މާލޭ މީހުންވެސް ބިރުން ބޮޑުތަޅު އެޅުވި ޒަމާނެއް ދުށީމު.
ރާއްޖެއެމްވީއާ ވާހަކަދެއްކި ފަރާތެއް

ކާށިދޫއިން ވާހަކަދެއްކި މީހަކު ކިޔައިދިން ގޮތުގައި، އޭރު ކާށިދޫ މީހެކޭ ބުނުމުންވެސް އެހެން ރަށްރަށުގެ މީހުން ބިރުގަންނަކަމަށްވެއެވެ. ދެތިން އަހަރެއް ވަންދެން އެކަމުގެ ބިރުވެރިކަމުގައި ރައްޔިތުން އުޅުނެވެ. އާންމު ދިރިއުޅުމުގެ ހާލަތާ މުޅިން ތަފާތުކޮށެވެ.

އެއީ އޭރުގެ ހާލަތެވެ. ނަމަވެސް މިހާރު އެހެންތޯއެވެ؟ މިއަދު މީހުން މަރަމުންދަނީ ރޯމާ ދުވާލު، މީހުންގެ ކުރިމަތީގައެވެ. ވަޅި ޖަހަމުންދަނީ އެތައް ބަޔަކު އެއްވެ ތިއްބައެވެ. މަގުމައްޗާއި ކެފޭތަކުގަައެވެ. މިއަދު އަނިޔާވެރިކަމާއެކު މީހުންގެ ފުރާނަ ދުއްވާލަމުންދަނީ ބަންދު ކޮޓަރިތަކުގައެއް ނޫނެވެ. ހާމައަށް އެންމެންނަށް ފެންނަ ގޮތަށެވެ.

މިއަދު އަނިޔާވެރިކަމާއެކު މީހަކަށް ހަމަލާދިނަސް ކުރިންހެން ބިރުން މޭކަރާ ތަނެއް ނުފެނެއެވެ. މިހާރު ބަލަނީ އަވަހަށް ފޮޓޯއެއް ނަގައި، ސޯޝަލް މީޑިއާގައި ތިމާގެ މަގުބޫލުކަން އިތުރުކޮށްލެވޭތޯއެވެ. މީހުންގެ ބޮލާއި، އަތާއި ފައި ބުރިކޮށްލާ ވާހަކައަކީވެސް މިއަދު މީހުންނަށް މާބޮޑު ހައިރާންކަމެއް ލިއްބައިދޭ ވާހަކައެއް ނޫނެވެ. އެފަދަ ފޮޓޯތައް ޝެެއަރކޮށްލަނީވެސް އެއްވެސް ޖެހިލުންވުމެއް ނެތިއެވެ. ދިވެހިންގެ ހިތުގައި އޮތް އޯގާތެރިކަމާއި ރަހުމާއި ކުލުނަށް ވަމުން މިދަނީ ކިހިނެއްތޯއެވެ؟

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް
3 ސެޕްޓެންބަރ 2022 | ހޮނިހިރު 23:20
ފޮނިޓައްޕު ހަސަނު
އެ ޝަހީދު ކޮށްލެވުނު ގާޒީ އިބްރާހިމް ފުޅަކީ ސިފައިންގެ އޮފަސަރެއްގެ މަގާމުގައި ހުންނަވަނިކޮށް ނިޔާވި ކާޝިދޫ ހުސެއިން ފުޅުގެ ބައްޕަ.
1 ސެޕްޓެންބަރ 2022 | ބުރާސްފަތި 19:39
ވާނުވާ.
އަޒްލީނާގެ މަރާ ގުޅިގެންވެސް ރާއްޖެތެރޭގެ މީހުންވެސް ބިރުން އުޅުނު. އޭރު މީހުންނަށް ޤައުމުގައި ހިނގާ ފަސާދައަކީ ވަރަށް ބޮޑެތި ކަންކަން. ރާއްޖެއިން އަލަށް އެއިޑްސް ފެނިގެންވެސް ރަށްރަށުގެ މީހުންވެސް ވަރަށް ބިރުން އުޅުނު.