ކ. މާލެ
|
18 ޖޫން 2017 | އާދީއްތަ 19:21
ކޮންފެޑެރޭޝަން ކަޕްގައި ރަޝިއާ އާއި ނިއުޒިލޭންޑް ބައްދަލުކުރި މެޗުގެ ތެރެއިން
ކޮންފެޑެރޭޝަން ކަޕްގައި ރަޝިއާ އާއި ނިއުޒިލޭންޑް ބައްދަލުކުރި މެޗުގެ ތެރެއިން
ގޫގުލް
ކޮންފެޑެރޭޝަން ކަޕް
ފުރަތަމަ މެޗް ކާމިޔާބުކޮށް ރަޝިއާއިން ފެށުން ރަނގަޅުކޮށްފި
ރަޝިއާއިން މެޗް ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުން
މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ރަޝިއާގެ ފިޔޯޑޯ ސްމޮލޯވް

ކޮންފެޑެރޭޝަން ކަޕް ފުޓުބޯޅަ މުބާރާތުގެ ފުރަތަމަ މެޗްގައި ފަސޭހަ ކަމާއެކު ނިއުޒިލޭންޑް ބަލިކޮށް މުބާރާތް ބާއްވާ ގައުމު ކަމަށްވާ ރަޝިއާއިން ފެށުން ރަނގަޅުކޮށްފިއެވެ.

ހޮނިހިރު ދުވަހުގެ ރޭ ރަޝިއާގެ ސެއިންޓް ޕީޓަސްބާގް ސްޓޭޑިއަމްގައި ކުޅުނު މި މުބާރާތުގެ ފުރަތަމަ މެޗުގައި ނިއުޒިލޭންޑާއި ވާދަކޮށް ރަޝިއާއިން ކާމިޔާބުކުރީ 2-0ގެ ނަތީޖާއަކުންނެވެ. ރަޝިއާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ލަނޑަކީ 31 ވަނަ މިނެޓުގައި ނިއުޒިލޭންޑްގެ މައިކަލް ބޮޒާލް އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. މި ލަނޑަށް ފަހުގައިވެސް ލީޑުގައި ކުޅެމުންދިޔަ ރަޝިއާއަށް ވަނީ ލަނޑު ޖަހާނެ ފުރުސަތުތަކެއް ލިބިގެން ގޮސްފައެވެ. ނަމަވެސް ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ރަޝިއާ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުގައި ރަޝިއާއިން ވަނީ ކުޅުން އިތުރަށް ރަނގަޅު ކޮށްފައެވެ. އެގޮތުން 61 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް ލީޑު އިތުރަށް ފުޅާކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދި އުމުރުން 27 އަހަރުގެ ފޯވާޑް ފިޔޯޑޯ ސްމޮލޯވް އެވެ.

ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު ބާއްވަމުން އަންނަ ކޮންފެޑެރޭޝަން ކަޕަކީ، ސަރަހައްދީ ޗެމްޕިއަނުންނާއި، ދުނިޔޭގެ ޗެމްޕިއަންގެ އިތުރުން މުބާރާތް ބާއްވާ ގައުމުގެ މެދުގައި ބާއްވާ މުބާތެކެވެ. މި މުބާރާތް ބާއްވަމުން އަންނަނީ ފީފާ ވޯލްޑްކަޕް ބޭއްވުމުގެ ކުރިން އެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވާ ގައުމެއްގައެވެ.

ހޮނިހިރު ދުވަހުގެރޭ ރަޝިއާގައި ފެށި މި މުބާރާތް ފައްޓަވައިދެއްވީ، ދުނިޔޭގެ ފުޓުބޯޅަ މައި އިދާރާ (ފީފާ)ގެ ރައީސް ޖިއާނީ އިންފަންޓީނޯ އެވެ. އިންފަންޓީނޯ އާއި އެކު ގަރުނުގެ އެންމެ މޮޅު ކުޅުންތެރިޔާ އަދި ފުޓުބޯޅަ ލެޖެންޑް ޕެލޭ އަދި ރަޝިއާގެ ރައީސް ވުލަޑްމިއާ ޕޫޓިން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގެ ގްރޫޕް އޭގައި ރަޝިއާ އާއި ނިއުޒިލޭންޑް ގެ އިތުރުން ދެން ހިމެނެނީ ޕޯޗުގަލް އަދި މެކްސިކޯ އެވެ. ގުރޫޕް ބީގައި ހިމެނެނީ އޮސްޓްރޭލިއާ، ކެމަރޫން، ޗިލީ އަދި ދުނިޔޭގެ ޗެމްޕިއަން ޖަރުމަނެވެ.

މުބާރާތުގައި އާދިއްތަ ދުވަހުގެ ރޭ ދެ މެޗް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ މެޗުގައި ރާއްޖެގަޑިން 20:00 ގައި ޕޯޗުގަލް އާއި މެކްސިކޯ އެވެ. ދެވަނަ މެޗުގައި 23:00 ގައި ކެމަރޫން އާއި ޗިލީ ބައްދަލުކުރާނެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް