ބޭބީ ވައިޕްސް ޝިޕްމެންޓެއް ކަމަށް ބުނެ އެތެރެކުރަން އުޅުނު ތަކެތީގެ ތެރެއިން 11.8 މިލިއަން ޑޮލުގެ އަގުހުރި ކޮކެއިން އަތުލައިގަނެފިއެވެ.
ސީއެންއެންގައި ބުނެފައިވަނީ ބޭބީ ވައިޕްސްގެ ތެރެއިން މަސްތުވާތަކެތި އަތުލައިގަނެފައިވަނީ ޔޫއެސް-މެކްސިކޯ ބޯޑަރު ހިމެނޭ ސަރަހައްދުން ކަމަށެވެ. އެމެރިކާގެ ކަސްޓަމްސް އެންޑް ބޯޑަރ ޕްރޮޓެކްޝަނުން ހުކުރު ދުވަހު، ކޮލޮމްބިއާ ސޮލިޑާރިޓީ ބްރިޖުން އަތުލައިގެން މަސްތުވާތަކެތި އަތުލައިގަނެފައިވާ އިރު، ބޭބީ ވައިޕްސްކަމަށް ބުނެ އެތެރެ ކުރަން އުޅުނު ކޮކެއިންގެ ޝިޕްމަންޓުގައި 11.8 މިލިއަން ޑޮލަރުގެ އަގުހުރި މަސްތުވާތަކެތި ހުރި ކަމަށް ހޯމަ ދުވަހު އެމެރިކާގެ ކަސްޓަމްސް އެންޑް ބޯޑަރ ޕްރޮޓެކްޝަނުން ނެރުނު ނޫސްބަޔާނުގައި ވަނީ ބުނެފައެވެ.
ކޮލޮމްބިއާ ސޮލިޑާރިޓީ ބްރިޖަކީ އެމެރިކާގެ ޓެކްސަސް އަދި މެކްސިކޯގެ ނުވޭވޯ ލަޑޭޑީ ގުޅުވާލަދޭ ބުރިޖެވެ. ޔޫއެސް ކަސްޓަމްސް އެންޑް ބޯޑަރ ޕްރޮޓެކްޝަންގެ އޮފީހުން ބުނެފައިވަނީ ޓްރަކަކަށްލައިގެން ގެންދިޔަ މި ޝިޕްމަންޓާއި ދޭތެރޭގައި ޝައްކުވެގެން ކުއްތާތައް ބޭނުންކޮށްގެން ފާސްކުރި އިރު، 1935 ޕެކެޓް ކޮކެއިން ހުރިކަމަށެވެ. މި ތަކެތީގެ ބަރުދަނުގައި 1533 ޕައުންޑް ހުރި ކަމަށް އެ އޮފީހުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެއެވެ.
ލަރޭޑޯ ޕޯޓްގެ، ޕޯޓް ޑިރެކްޓަރ އަލްބަރޓޯ ފްލޯރެސް ބުނެފައިވަނީ މިއީ ބޯޑަރ ސެކިއުރިޓީ މެނޭޖްމަންޓުން ކުރާ މަސައްކަތުގެ މިސާލެއް ކަމަށާއި، އަދި މިއީ ނުރައްކާތެރި ޑްރަގްސް މުޖްތަމައުގެ ތެރެއަށް ދިއުމުގެ ކުރިން ހުއްޓުވުމަށް އެހީތެރިވެދޭ ކަމެއް ކަމަށެވެ.
ހިފަހައްޓާފައިވާ ކޮކެއިންގެ މައްސަލަ އެމެރިކާގެ އިމިގްރޭޝަން އަދި ކަސްޓަމްސްއިން ދަނީ ތަހުގީގުކުރަމުންނެވެ.