ޖަރުމަނު ކަޕްގައި ޓިއުޝޮނިއާ އޮޓެންސެންއާ ދެކޮޅަށް ކުޅުނު މެޗުން އާރްބީ ލެއިޕްޒިގް ބޮޑު މޮޅެއް ހޯދައިފިއެވެ.
ރަށުން ބޭރުގައި ކުޅުނު މެޗު ލެއިޕްޒިގުން ކާމިޔާބުކޮށްފައިވަނީ 8-0 އިންނެވެ. އެ މެޗުގައި ލެއިޕްޒިގަށް ކުޅެމުން އަންނަ ޖަރުމަނުގެ ފޯވާޑް ޓީމޯ ވާނާ ވަނީ ހެޓްރިކް ހަދާފައެވެ.
މެޗުގައި ލެއިޕްޒިގްގެ ފުރަތަމަ ދެ ލަނޑު ޖެހީ ވެސް ވާނާއެވެ. ފުރަތަމަ ލަނޑު 19 ވަނަ މިނެޓުގައި އޭނާ ޖެހިއިރު، އޭގެ މިނެޓެއް ފަހުން ވަނީ ދެ ވަނަ ލަނޑު ޖަހާފައެވެ. ލެއިޕްޒިގްގެ ތިން ވަނަ ލަނޑު 40 ވަނަ މިނެޓުގައި އެންޑްރީ ސިލްވާ ޖެހިއިރު، ވާނާ ވަނީ މި ލަނޑު ޖެހުމަށް އެސިސްޓުކޮށްފައެވެ. އޭގެ ދެ މިނެޓު ފަހުން ވާނާ ވަނީ ލެއިޕްޒިގްގެ ހަތަރު ވަނަ ލަނޑު ޖަހައި އޭނާގެ ހެޓްރިކް ހަމަކޮށްފައެވެ.
ލެއިޕްޒިގްގެ އަނެއް ހަތަރު ލަނޑު އެ ޓީމުން ޖެހީ ދެ ވަނަ ހާފުގައެވެ. 53 ވަނަ މިނެޓުގައި ސިލްވާ ވަނީ ލަނޑެއްޖެހި އިރު، އޭގެ ތިން މިނެޓު ފަހުން ފޯސްބާގް ވެސް ވަނީ ލަނޑެއް ޖަހާފައެވެ. ހަތް ވަަނަ ލަނޑު 77 ވަނަ މިނެޓުގައި ޖެހީ އެންކުންކޫއެވެ. އަދި ފަހު ލަނޑު މެޗުގެ 90 ވަނަ މިނެޓުގައި ޖެހީ އޮލްމޯއެވެ.