ޓޮޓެންހަމްގައި އޮތީ މިދިޔަ ސީޒަނަށްވުރެ ފުރިހަމަ ސްކޮޑެއްކަމަށް ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފިއެވެ.
ހަތަރު މެޗުން 10 ޕޮއިންޓާއެކު ދެވަނާގައި އޮތް މެންޗެސްޓަރ ސިޓީއާ އެއް އަދަދަށް ޕޮއިންޓް ހޯދާފައިވާ ޓޮޓެންހަމްގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނީ ޓީމް ވަރުގެދަވެފައި ފުރިހަމަ ނަމަވެސް ލީގަށް ވާދަކުރާ ޓީމްތަކާ އެއް ހަމައަކަށް ދިއުމަށް އަދި ދެ ކުޅުންތެރިއެއްވަރު ބޭނުންވާކަމަށެވެ. އެކަމަކު ކުޅުންތެރިއަކު ނުލިބުނަސް ޝަކުވާއެއް ނެތްކަމަށް ކޮންޓޭ ބުނެފައިވެއެވެ. ކޮންޓޭ ބުނީ އެންމެ ޓޮޕް ޓީމްތަކާ ހަމައަށް ދިއުމަށް ވަގުތާއި, ކެތްތެރިކަމާއި, އަދި ޓްރާސްފަރ ބޭނުންވާކަމަށެވެ.
ލީގުގައި އެންމެފަހުން ޓޮޓެންހަމް މޮޅުވީ ނޮޓިންގހަމް ފޮރެސްޓް އަތުންނެވެ. 2-0 ން އެމެޗު ކާމިޔާބުކުރިއިރު ދެ ގޯލްވެސް ޖެހީ ހެރީ ކޭންއެވެ. ބުދަ ދުވަހު ޓޮޓެންހަމް ވާދަކުރަން ޖެހޭނީ ވެސްޓްހޭމްއާއެވެ. ލީގުގެ މެޗުތަކަށް އެކަނި ފޯކަސް ކުރާއިރު ސްކޮޑް ރޮޓޭޓް ކުރުމުގައި މައްސަލަތަކެއް ކުރިމަތިނުވި ނަމަވެސް އަންނަ މަހު ޗެމްޕިއަންސްލީގު ފެށުމުން އުނދަގޫތަކެއް ކުރިމަތިވާނެކަންވެސް ކޮންޓޭ ފާހަގަކުރިއެވެ.
މިސީޒަންގައި ކުޅުނު ތިން މެޗުން ކޭން ތިން ގޯލް ޖަހާފައިވުމަކީ ކޮންޓޭއަށް އޮތް ހިތްހަމަޖެހުމެކެވެ. 29 އަހަރުގެ ފޯވާޑް ކްލަބާއެކު އޮތީ ބާކީ ދެ އަހަރެވެ. އެކަމަކު ކޮންޓޭ އުއްމީދުކުރަނީ ކޭން އެއްބަސްވުން އާކުރާނެކަމަށެވެ.