ކ. މާލެ
|
30 އޯގަސްޓް 2022 | އަންގާރަ 03:32
އެންގޯލާގެ ރައީސް ޖޮއާއޯ ލޮރެންކޯ
އެންގޯލާގެ ރައީސް ޖޮއާއޯ ލޮރެންކޯ
ބީބީސީ
އެންގޯލާގެ ރިޔާސީ އިންތިޚާބު
އެންގޯލާގެ ރައީސް ޖޮއާއޯ ލޮރެންކޯ ދެވަނަ ދައުރެއް ކާމިޔާބު ކުރައްވައިފި
އެންގޯލާގެ ރިޔާސީ އިންތިޚާބު އެމަނިކުފާނު ކާމިޔާބު ކުރެއްވީ 51.17 އިންސައްތަ ވޯޓުން
އިންތިޚާބު ކާމިޔާބުކުރެވުނު އެންމެ ބޮޑު ސަބަބަކީ ކޮރަޕްޝަނާ ދެކޮޅަށް ކުރެއްވި މަސައްކަތް ކަމަށް ރިޕޯޓުތައް ބުނޭ
އިންތިޚާބުގައި ޒުވާނުން ތިބީ އެމަނިކުފާނާ ދެކޮޅަށް

އެންގޯލާގެ ރައީސް ޖޮއާއޯ ލޮރެންކޯ ދެވަނަ ދައުރެއް ކާމިޔާބު ކުރައްވައިފިއެވެ.

އެމަނިކުފާނު ދެވަނަ ދައުރަކަށް ހޮވިވަޑައިގެންފައިވަނީ މިދިޔަ ހަފްތާގެ ބުދަ ދުވަހު އެ ޤައުމުގައި ބޭއްވި ރިޔާސީ އަދި މަޖިލިސް އިންތިޚާބުގެ 51.17 އިންސައްތަ ކާމިޔާބު ކުރައްވައިގެންނެވެ. އެމަނިކުފާނަށް ދެވަނަ ދައުރެއް ކާމިޔާބު ކުރެއްވުމުގެ އެންމެ ބޮޑު ސިއްރަކީ އެންގޯލާގައި ކޮރަޕްޝަން ނައްތާލުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕޫޅާ ގުޅިގެން ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓް ކުރެއެވެ.

ޖޮއާއޯ ލޮރެންކޯ އެންގޯލާގެ ވެރިކަަމަށް ވަޑައިގެންނެވީ އެ ޤައުމުގެ ޑިފެންސް މިނިސްޓަރުގެ މަގާމުގައި ހުންނެވުމަށްފަހު 2017 ވަނަ އަހަރުއެވެ. އެމަނިކުފާނު ވެރިކަމަށް ވަޑައިގަތީ އެ ޤައުމުގެ 38 އަހަރު ވްނަދެން ވެރިކަން ކުރެއްވި އެޑުއަރޑޯ ޑޮސް ސަންޓޯސްގެ ވެރިކަމަށްފަހުއެވެ.

އެންގޯލާގައި ވެރިކަން ކުރަމުން އަންނަ ޕާޓީއަކީ މޫވްމަންޓް ފޯރ ދަ ލިބަރޭޝަން އޮފް އެންގޯލާއެވެ. އެ ޕާޓީގެ ބާރު ޤައުމުގައި މާބޮޑުވުމުގެ ސަބަބުން އެ ޕާޓީ ނޫން އެހެން ޕާޓީއެއް ވެރިކަމަށް ގެނައުމަށް އެންގޯލާގެ ރައްޔިތުން ބޭނުންވެއެވެ. ނަމަވެސް ޖޮއާއޯ ލޮރެންކޯ ދެއްކެވި ނަމޫނާއާ ގުޅިގެން އެމަނިކުފާނުގެ ތާއީދު ވަނީ އިތުރުވެފައެވެ.

ޖޮއާއޯ ލޮރެންކޯ ވެރިކަމަށް ވަޑައިގެން ފުރަތަމަ ދެ އަހަރު ދުވެހުގެ ތެރޭގައި އެމަނިކުފާނު ވަނީ ދައުލަތުން ވަގަށް ނެގި 5 ބިލިއަން ޑޮލަރު އަނބުރާ ހޯދައިދެއްވާފައެވެ. އެ ޤައުމަށް ދިމާވެފައިވާ އިގްތިސާދީ ގޮންޖެހުންތައް ހައްލު ކުރައްވާނެ ކަމުގެ ޔަގީންކަން ވެސް އެމަނިކުފާނު ދެއްވިއެވެ. ނަމަވެސް އެކަމުގައި އެމަނިކުފާނުގެ ފުރަތަމަ ދައުރުގައި ވަނީ ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގެންފައެވެ.

އެންގޯލާގައި އުމުރުން 25 އަހަރުން ދަށުގެ އާބާދީގެ 50 އިންސައްތަ އަކީ ވަޒީފާ ނެތި ދިރިއުޅޭ މީހުންނެވެ. މިކަމާ ގުޅިގެން މިފަހަރުގެ އިންތިޚާބުގައި ގިނަ ޒުވާނުން ތިބީ އެމަނިކުފާނާ ވާދަ ކުރެއްވި އިދިކޮޅު ޕާޓީގެ ލީޑަރު އަލްބަރޓޯ ކޯސްޓަ ޖޫނިއަރ އާއެކުގައެވެ.

- ކޮމެންޓް