ޕާކިސްތާނުގައި މޫސުން ގޯސްވެ ފެންބޮޑުވެ ގެދޮރު ގެއްލި ހާލުގައި ޖެހިފައިވާ އެތައް ހާސް ބަޔަކު މިވަގުތު ތިބިއިރު، އެމީހުންގެ އަޑު ބޭރަށް ފޯރާނެ ގޮތެއް ނެތެވެ. ކަރަންޓު ވަނީ ކެނޑިފައެވެ. އިންޓަރނެޓް ވަނީ ކެނޑިފައެވެ. އެހެން ކަމުން އެހިސާބަށް ދާ ނޫސްވެރިންނަށް އެމީހުން އަތުން ލިޔެފައި މެސެޖްތައް ދެމުން ގެންދެއެވެ.
"އަހަރެމެންނަށް ކާބޯތަކެތީގެ ސަޕްލައި ބޭނުންވެއެވެ. ބޭސް ބޭނުން ވެއެވެ. ބްރިޖް މަރާމާތުކޮށްދޭށެވެ. ނޫންނަމަ އަހަރުމެން ބަނޑަށް މަރުވެދާނެއެވެ. އަހަރެމެން އަތުގައި އެއްވެސް އެއްޗެއް ނެތެވެ." މިފަދަ މެސެޖްތައް އަތުން ލިޔެ ނޫސްވެރިންނާ ދިމާއަށް އުކަމުން ގެންދާކަމަށްވެއެވެ. ކޮތަޅަށް ގާއަޅާފައި މެސެޖް ކޮތަޅަށްލާފައެވެ. އެއްލުނު ގޮތަކަށެވެ.
ފެނުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުންވި އެއްސަރަހައްދަކީ ފަރުބަދަ މަތީގެ ކައާން ކިޔާ ސަރަހައްދެކެވެ. އެތަނަކީ ޓުއަރިޒަމަށް މަޝްހޫރު ތަނަކަށް ވާއިރު، މައި ސިޓީއާ އަވަށާ ގުޅުވައިދޭ ހަމަ އެކަނި ބްރިޖް ވަނީ ހަލާކުވެފައެވެ. އަދި އެއަވަށުން އެކަނިވެސް، ނިމުނު ހަފުތާ ބަންދުގައި 15 މީހުން މަރުވެފައިވެއެވެ.
އެހިސާބުގެ މަނޫރު ކިޔާ ސަރަހައްދާ މައި ސިޓީއާ ގުޅުވައިދޭ ދެ ބްރިޖްވެސް ވަނީ ވެއްޓިފައެވެ. އަދި އެކި އާއިލާތައް ވަނީ ކޯރުގެ ދެފަރާތަށް ބެހިފައެވެ. އަންހެނަކު ބުނިގޮތުގައި ކޯރުގެ އަނެއް ފަރާތުން އޭނާގެ ގެ ފެންނަން ހުރިނަމަވެސް ގެއަށް ދެވޭނެ ގޮތެއްނެތެވެ. އަދި ފަރުބަދަ މަތިންލާފައި ދުރު މަގުން ދިއުމަށް ސަރުކާރު އޮފިޝަލުން ބުނި ކަމަށާއި، އެމަގުން ދާނަމަ އަށެއްކަ ގަޑިއިރު ނަގާނެކަމަށް އެމުސްކުޅި އަންހެންމީހާ ބުނެފައިވެއެވެ.
ފެންބޮޑުވުމުގެ ސަބަބުން ދިހަވަރަކަށް ބްރިޖް ވެއްޓިފައިވާއިރު, ހޮޑުލުމާއި ބޭރަށް ހިންގުން ފަދަ ބަލިތައް ތަހައްމަލުކުރަމުންދާ ފަރާތްތަކަށް ފަރުވާއެއްދެވޭނެ ގޮތެއްވެސް ނެތެވެ.
އެތައް ބަޔަކު ދިރިއުޅުމަށްޓަކައި ކުރަމުން އައި މަސައްކަތް ވެސް ފެންބޮޑުވުމުގެ ސަބަބުން ވަނީ ނެތިގޮސްފައެވެ. މިގޮތުން ބައެއް މީހުންގެ ފިހާރަތަކާ އަދި ކެފޭތައްވެސް ވަނީ ހަލާކުވެފައެވެ.
ގިނަ ބަޔަކު ބުނިކަމަށް ޚަބަރު ޗެނެލްތަކުން ރިޕޯޓްކޮށްފައިވާގޮތުގައި، ހާލުގައި ޖެހިފައިވާ އަވަށް ސިޔާސީ ފަރާތްތަކުން ތަކަށް ދަނީ ހަމަ އެކަނި ފޮޓޯނެގުމަށެވެ. އަދިވެސް އެހީ ލިބެމުން ނުދާކަމަށް އެފަރާތްތަކުން ބުނާކަމަށްވެއެވެ.
ނަމަވެސް ސަރުކާރުން ބުނެފައިވަނީ ލިބުނު ގެއްލުމުގެ އެސެސްމަންޓް ހެދުމަށްފަހު ކޮންމެ އާއިލާއަކަށްވެސް ފައިސާގެ އެހީ ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ޕާކިސްތާނުގެ ބައެއް ހިސާބުތަކަށް ދެ މަހެއްހާ ދުވަސް ވަންދެން ވިއްސާރަ މޫސުމާ ކުރިމަތިލާންޖެހުމާ ގުޅިގެން ބޮޑެތި ހިސާބުތަކުގައި ފެންބޮޑުވެ ދިމާވި އެކި ހާދިސާތަކުގައި 1500ށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އަދި އެތައް އިމާރާތްތަކަކާ ބްރިޖް ތަކެއްވެސް ވަނީ ވެއްޓިފައެވެ. ފެންބޮޑުވެ ނުވަތަ ކިސަޑު ބޯވުމުގެ ސަބަބުން ގިނަ މަގުތަކެއް ބަންދުވެފައިވާއިރު އެސަރަހައްދުތަކަށް ސަޕްލައި ރައްދުކުރެވޭނެ ގޮތެއްވެސް ވަނީ ނެތިފައެވެ.