ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް ހދ އަތޮޅުން ފެށިގެން ފ އަތޮޅަށް ޔެލޯ އެލާޓް ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ހޯމަ ދުވަހުގެ އިރުއޮއްސި 18:15ން ރޭގަނޑު 21:30ށް އެސަރަހައްދަށް ޔެލޯ އެލާޓް ނެރެފައިވާކަމަށެވެ. މެޓް އޮފީހުން ބުނީ ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށެވެ. މީގެއިތުރުން ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭކަމަށެވެ.
މީގެއިތުރުން މެޓް އޮފީހުން ބުނީ އަންގާރަ ދުވަހުގެ ހެނދުނު 10 ޖެހުމާ ހަމައަށް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރުމާއެކު ގުގުރާނެކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް މެޓް އޮފީހުން ބުނެއެވެ.
ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި ވައިގަދަވެ އަދި ކަނޑުތައްވެސް ގަދަވާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާތީ، ކަނޑުދަތުރުކުރުމުގައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި އަދި ކަނޑުދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް އަަމަލުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ އިލްތިމާސްކޮށްފައެވެ.
ފުލުހުން ބުނީ ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އެ އުޅަނދަކަށް އެކަށީގެންވާ ވަރަށްވުރެ ގިނައިން މީހުންނާއި މުދާ ނޭރުވުމަށް އިލްތިމާސްކުރާކަމަށެވެ.