Advertisement
ކ. މާލެ
|
28 އޯގަސްޓް 2022 | އާދީއްތަ 19:49
މ. މުލީ ރައްޔިތުންނާ ރައީސް ބައްދަލުކުރެއްވުން
މ. މުލީ ރައްޔިތުންނާ ރައީސް ބައްދަލުކުރެއްވުން
ރައީސް އޮފީސް
ރައީސް މުލީ ރައްޔިތުންނާ ބައްދަލުކުރެއްވުން
މ އަތޮޅުގެ ފެރީގެ ޚިދުމަތް ހޯދުމުގައި މިހާރު ދިމާވެފައިވާ ދަތިތައް ޙައްލުކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވެއްޖެ
ބައްދަލުކުރެއްވުންތަކުގެ ބޭނުންފުޅަކީވެސް ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަމުގެތެރެއިން އެންމެ އަވަހަށް ސަރުކާރުން ކުރަންޖެހޭ ކަންތައްތައް ބައްލަވައި ތަރުތީބުކުރެއްވުން
ބަނދަރުގެ މައްސަލަ ޙައްލުކުރުމަށްޓަކައި، ބަނދަރުގެ ޑިޒައިނާއި ކުރެހުން ނިންމާފައިވާކަމުގައި ރައީސް ވިދާޅުވި

ރާއްޖެ ޓްރާސްޕޯޓް ލިންކްގެ ހައިސްޕީޑް ފެރީގެ ޚިދުމަތް އެއަތޮޅުގައި ފެށުމުގެ ކުރިން، މުލަކަތޮޅުގެ ފެރީގެ ޚިދުމަތަށް ދިމާވެފައިވާ ދަތިތަކަށް ޙައްލެއް ހޯއްދަވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މ. މުލީ ރައްޔިތުންނާ އެރަށުގައި އާދިއްތަ ދުވަހު ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މިބައްދަލުކުރެއްވުން އޮތީ މ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ހޯލުގައެވެ.

މުލީ ރައްޔިތުންނާއެކު ބޭއްވެވި މިބައްދަލުވުން ފައްޓަވައިދެއްވުމުގެގޮތުން ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ، މުލީ ރައްޔިތުންގެ ފަރާތުން އެމަނިކުފާނަށާއި ސަރުކާރުގެ އިސްބޭފުޅުން ހިމެނޭ ވަފުދަށް ދެންނެވި ހޫނު މަރުޙަބާއާއި އެރުވި މެހެމާންދާރީއަށްޓަކައި ޝުކުރުއަދާކުރައްވާފައެވެ.

މުލީގެ އާއްމު ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުވުމުގެ ކުރިން، މ އަތޮޅު ކައުންސިލާއި، މުލީ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންނާ ބައްދަލުކުރައްވައި، ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކާއި އަދި ކުރަންބޭނުންވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވިކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެބައްދަލުކުރެއްވުންތަކުގެ ބޭނުންފުޅަކީވެސް ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަމުގެތެރެއިން އެންމެ އަވަހަށް ސަރުކާރުން ކުރަންޖެހޭ ކަންތައްތައް ބައްލަވައި ތަރުތީބުކުރެއްވުންކަމަށެވެ. އަދި ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ބޭނުންފުޅަކީ ރައްޔިތުން އެންމެ ބޭނުންވާ ކަންކަމަކީ ކޮބައިތޯ ބައްލަވައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާހޯއްދެވުންކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

Advertisement

މިބައްދަލުކުރެއްވުމުގައި މުލީގެ ރައްޔިތުންގެ ފަރާތުން ވަނީ، އެ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށް ރައްޔިތުންނާ މިގޮތަށް ބައްދަލުކުރެއްވި ފުރަތަމަ ރައީސަކީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްކަން ފާހަގަކުރައްވައި އެކަމަށް ޝުކުރުދަންނަވާފައެވެ.

ރައްޔިތުންނާއެކު ބޭއްވެވި މިބައްދަލުވުމުގައި ރައްޔިތުންވެސް ވަނީ، ރަށުގެ ބަނދަރު މަރާމާތުކުރަންޖެހިފައިވުމާއި، ޤަވާއިދުން ފެރީގެ ޚިދުމަތް ލިބެމުން ނުދިއުމާއި، އެއާޕޯޓުގެ މަސައްކަތާއި، ކޯޒުވޭއާއި ހޮސްޕިޓަލާއި، އަތޮޅު ތަޢުލީމީ މަރުކަޒުގެ ތަރައްޤީއަށް ކުރަން ބޭނުންވެފައިވާ މަސައްކަތްތަކުގެ ވާހަކަ ރައީސަށް ދަންނަވާފައެވެ.

މުލީ ރީޖަނަލް ހޮސްޕިޓަލްގެ ޚިދުމަތާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ހޮސްޕިޓަލްގެ ޚިދުމަތް ރަނގަޅުކުރުމަށް ކޮށްދެއްވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދެއްވާނެ ކަމަށެވެ. އަދި ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމެއް އޮތް ބަނދަރުގެ މައްސަލަ ހައްލުކުރުމަށްޓަކައި، ބަނދަރުގެ ޑިޒައިނާއި ކުރެހުން ނިންމާފައިވާކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މ އަތޮޅުގެ ފަސްރަށަކަށް ރައީސުލްޖުމްހޫރިއްޔާ ފެއްޓެވި ދަތުރުފުޅުގައި އެންމެ ފަހުން ވަޑައިގެންނެވީ މ. މުއްޔަށެވެ. ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަންނަވާނީ ހޯމަ ދުވަހުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް