ކ. މާލެ
|
28 އޯގަސްޓް 2022 | އާދީއްތަ 19:39
ރައީސް ޞާލިޙް - މ. ވޭވަށު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންނާ ބައްދަލުކުރެއްވުން
ރައީސް ޞާލިޙް - މ. ވޭވަށު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންނާ ބައްދަލުކުރެއްވުން
ރައީސް އޮފީސް
ރައީސް ވޭވަށު ކައުންސިލާ ބައްދަލުކުރެއްވުން
ތަރައްޤީގެ ގިނަ މަޝްރޫޢުތައް ހިންގަމުންދާތީ ވޭވަށު ރައްޔިތުން ތިބީ އުފަލުން
ވޭވަށު ކައުންސިލުން ވަނީ، ރައީސް ޞާލިޙްގެ ސަރުކާރުން ވޭވަށަށް ދެއްވާ ސަމާލުކަމަށްޓަކައި ޝުކުރުދަންނަވާފައި
ފާއިތުވެދިޔަ 10 އަހަރުގެތެރޭގައި ރައީސް ޞާލިޙް ފިޔަވައި އެހެން އެއްވެސް ރައީސަކު ވޭވަށަށް ވަޑައިގެން ވޭވަށުގެ ރައްޔިތުންގެ ޙާލަތު ބައްލަވާލައްވާފައެއްނުވޭ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މުލަކަތޮޅު ވޭވަށު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައި އެރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް އޮޅުންފިލުއްވައި ތަރައްޤީއަށް ކުރެވެމުންދާ މަސައްކަތްތަކާއި އަދި ކުރިޔަށް ރޭވިފައިވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުން އޮތީ އާދީއްތަ ދުވަހުގެ މެންދުރު ވޭވަށު ކައުންސިލް އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ވޭވަށު ކައުންސިލުން ވަނީ ރައީސް ޞާލިޙްގެ ސަރުކާރުން ވޭވަށަށް ދެއްވާ ސަމާލުކަމަށްޓަކައި ޝުކުރުދަންނަވާފައެވެ. އަދި ފާއިތުވެ ދިޔަ 10 އަހަރުގެ ތެރޭގައި ރައީސް ޞާލިޙް ފިޔަވައި އެހެން އެއްވެސް ރައީސަކު ވޭވަށަށް ވަޑައިގެން ވޭވަށުގެ ރައްޔިތުންގެ ޙާލަތު ބައްލަވާލައްވާފައި ނުވާކަން ކައުންސިލުން ފާހަގަކުރިއެވެ.

ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގައި، ނިމި، އަދި މިހާރުވެސް ބައެއް މަޝްރޫޢުތައް ހިންގަމުންދާކަން ފާހަގަކުރައްވައި ކައުންސިލުން ބުނީ، މިވަގުތު ވޭވަށުގެ ރައްޔިތުން އެންމެ ބޭނުންވެފައިވާ ކަންކަމުގެ ތެރޭގައި، ކައުންސިލް އިދާރާގެ އައު އިމާރާތެއް އެޅުމާއި، ވޭވަށުގައި އައިސްޕްލާންޓެއް ބެހެއްޓުމާއި، ޞިއްޙީމަރުކަޒަށް އައު އެމްބިއުލާންސެއް ހޯދުމާއި، މ. މުލަކު ފާލަން މަރާމާތުކުރުން ހިމެނޭކަމަށެވެ. ވޭވަށުގެ މަތީގުރޭޑް ތަކުގެ ދަރިވަރުން ތަޢުލީމް ޙާޞިލްކުރުމަށް މުލަކު ސްކޫލަށް ފެރީގައި ދަތުރުކުރާއިރު، މުލަކު ފާލަން ހަލާކުވެފައި ވުމުގެ ސަބަބުން ބައެއް ޙާދިސާތައް ހިނގަމުން އަންނަކަން ކައުންސިލުން ފާހަގަކުރިއެވެ.

ވޭވަށު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ފާހަގަކުރި ކަންކަން އަޑުއައްސަވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ވޭވަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ސަރުކާރުގެ ކަމާގުޅުންހުރި މުއައްސަސާތަކާ މަޝްވަރާކުރައްވައިގެން ކުރިޔަށްގެންދަވާނެކަމަށެވެ. އަދި ވޭވަށުގެ ކައުންސިލް އިދާރާ އިމާރާތްކުރުމުގެ މަޝްރޫޢު އެލްޖީއޭއިން އެންމެ އަވަހަށް އިމާރާތްކުރަން ބޭނުންވާ ކައުންސިލް އިދާރާތަކުގެ ލިސްޓްގައި ހިމަނާފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ހޮނިހިރު ދުވަހު މުލަކަތޮޅަށް ފެއްޓެވި ރަސްމީ ދަތުރުފުޅުގައި މިއަދު މެންދުރުފަހު ވަޑައިގަންނަވާނީ، މ އަތޮޅުގެ ވެރިރަށް މުއްޔަށެވެ.

​ރައީސުލްޖުމްހޫރިއްޔާ މުއްޔަށް ވަޑައިގެން މިއަދު ހަވީރު މ އަތޮޅު ކައުންސިލާއި އަދި މުލީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާކޮމިޓީއާ ބައްދަލުކުރައްވާނެއެވެ. އަދި މުލީގެ ރައްޔިތުންނާ ބައްދަލުކުރައްވައި މުލީ އެއާޕޯޓުގެ މަޝްރޫޢުވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވާނެއެވެ.

- ކޮމެންޓް