މ. ދިއްގަރު ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވާ ދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ދެއްވައިފިއެވެ.
ދިއްގަރު ރައްޔިތުންގެ ކަންބޮޑުވުން ހުރި ކަންކަމަށް ހައްލު ހޯއްދަވާ ދެއްވާނެކަމުގެ އުއްމީދު ރައީސް ދެއްވާފައިވަނީ ދިއްގަރު ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަސައްކަތް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ 1400 އަށްވުރެ ގިނަ މީހުން ރަޖިސްޓްރީ އާބާދީގައި އޮތްއިރުގައި، ރަށުގައި ދިރިއުޅޭ 1100 އަށްވުރެ ގިނަ މީހުން ދިއްގަރުގައި އެބަތިބި ކަމަށެވެ. މިއީ ޢާންމުކޮށް ރާއްޖޭގެ ރަށްތަކަށް ބަލާއިރުގައި ބޮޑު ޢަދަދެއް ކަމަށާއި، ރަށަށް ބޭނުންވާ އެހެން ޚިދުމަތްތައް ހުންނާނެ ކަމަށެވެ.
ކައުންސިލާއި ޑަބްލިއު.ޑީ.ސީ.އާ އެކީގައި ބޭއްވި ބައްދަލުވުމުގައި، ކުރަންހުރި ކަންތައްތަކާ ބެހޭގޮތުން މަޝްވަރާ ކުރެވިފައި އެބަހުރިކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ދިއްގަރުގައި އެޅިފައި އޮތް ފެނުގެ ނިޒާމު، މިހާރު ފެން އުފައްދާ މިންވަރު މަދުވުމުގެ ސަބަބުން އިތުރަށް ފެން އުފެއްދޭނެގޮތެއް ހެދުމަށް ކައުންސިލްގެ ފަރާތުން އެދިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ފެނަކައިން މިހާރު ތައްޔާރުވަމުން އެދަނީ މިހާރު ހުރި 37 މެޓްރިކް ޓަން އުފެއްދޭ ސިސްޓަމް 50 މެޓްރިކް ޓަނަށް ބަދަލުކުރުމުގެ މަސައްކަތް ކުރުމަށް ކަމަށާއި، އިރާދަކުރެއްވިއްޔާ މި އަހަރު އެކަން އެ ކުންފުނިން ކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ސްކޫލްގެ ޖާގައިގެ ދަތިކަމުގެ ވާހަކަވެސް އަޅުގަނޑުމެންނާ ޙިއްޞާ ކުރެއްވި. މިހާރުވެސް އަޅުގަނޑުމެން ވާނެ، މި ރަށުގެ ސްކޫލް އަޕްގްރޭޑް ކުރުމުގެ މަޝްރޫޢެއް ބަޖެޓުގައި ހިމަނާފައި. ކައުންސިލްގެ ފަރާތުން އަޅުގަނޑުމެންނަށް އެދުނީ ސްކޫލުން ބޭނުންވަނީ މަލްޓި-ޕަރޕަސް ހޯލެއް ސްކޫލްގައި އަޅައިދިނުމަށޭ. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ސްކޫލް އަޕްގްރޭޑް ކުރަމުންދާއިރު، އޭގެތެރޭގައި މަލްޓި-ޕަރޕަސް ހޯލެއް މި ރަށުގެ ސްކޫލަށް އަޅުގަނޑުމެން އިތުރުކޮށްދޭނަން.ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް
މީގެއިތުރުން ރައީސް ވިދާޅުވީ ދިއްގަރު ކައުންސިލުގެ ފަރާތުން އެ ކައުންސިލްގެ އިދާރާގެ ޖާގައިގެ ދަތިކަމުގެ ވާހަކަ ވެސް ހިއްސާކޮށްފައިވާ ކަމަށާއި، ބަޖެޓުގެ ދަތިކަމުގެ ވާހަކަވެސް ޙިއްޞާކޮށްފައިވާ ކަމަށެވެ. އަދި ރައީސް ވިދާޅުވީ ކުރިއަށް އޮތް ކައުންސިލްތަކުގެ ބައްދަލުވުންތަކުގައި "ވިއަވަތި ރާއްޖެ"، ލ. އަތޮޅު ގަމުގައި ފައްޓަވާނެ ކަމަށެވެ.
ސެޕްޓެންބަރު 10 ވަނަ ދުވަހު. އެ ބައްދަލުވުމުގައި މިކަމާ ބެހޭގޮތުން ރަނގަޅަށް މަޝްވަރާ ކުރެވި، މިހާރަށްވުރެ ރަނގަޅު ބަޖެޓެއް ކައުންސިލަށް ފޯރުކޮށްދިނުމަށް މަޝްވަރާކޮށް، އެއަށް ގޮތެއް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ހޯދައިދޭނަން.ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް
ރައީސް ވިދާޅުވީ ދިއްގަރު ބަނދަރަކީ 1998 ވަނަ އަހަރު ހަދާފައި އޮތް ބަނދަރެއް ކަމަށާއި، އެ ރަށަށް އޭރު އެތަނުން ލިބުނު ފަސްކޮޅުން ކުޑަ ބިންކޮޅެއް ހިއްކިގެންދިޔަ ކަމަށެވެ. އެއަށްފަހުގައި ރަށުގެ ބަނދަރަށް ވަނީ ޖާގައިގެ ދަތިކަން ބޮޑުވެ އިތުރުކުރަންޖެހިފައި ކަމަށް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
އިރާދަކުރެއްވިއްޔާ، މި އަހަރުގެ ފަހު ކުއާރޓަރ، ނޫނީވިއްޔާ މި އަންނަ އަހަރުގެ ކުރީކޮޅުގައި ދިއްގަރުގެ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ފައްޓަވާނެކަމަށް ރައީސް ވިދާޅުވިއެވެ.