ކ. މާލެ
|
27 އޯގަސްޓް 2022 | ހޮނިހިރު 22:01
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވޮލީކުޅުއްވަނީ
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވޮލީކުޅުއްވަނީ
ރާއްޖެއެމްވީ
ރައީސް ސޯލިހު
ވޮލީކުޅުއްވުމާ ރައީސް ޞާލިޙާ އޮތީ ކޮން ގުޅުމެއް؟
 
ޒުވާން އުުމުރުފުޅުގައި ރައީސް ވަރަށް ގިނައިން ވޮލީކުޅުއްވި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މުލަކު އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅު ފެއްޓެވީ އާދިއްތަ ދުވަހުއެވެ. އެ އަތޮޅުގެ ބައެއް ރަށްރަށަށް ރައީސް ވަޑައިގަންނަވާފައިވާއިރު ކޮންމެ ރަށަކަށްވެސް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިތުރުން ކައުންސިލާވެސް ބައްދަލުކުރައްވަވައެވެ.

މި ދަތުރުފުޅުގެ ތެރެއިން ދިއްގަރަށް ވެސް ވަނީ ވަޑައިގަންނަވާފައެވެ. ދިއްގަރަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ސަލާމްކުރެއްވުމަށްފަހު، ދަތުރުގެ ވަރުބަލިފުޅު ކަންމަތީގައި ހުންނަވައިގެންވެސް ވަޑައިގެންނެވީ އެކުވެރިކަމުގެ ވޮލީ މެޗެއް ކުޅުއްވުމަށެވެ. ދިއްގަރު ވޮލީ ބޯލް ކޯޓް ހުޅުވުމުގެ ރަސްމިއްޔާތު ރައީސް ފައްޓަވައިދެއްވީ ވޮލީ މެޗަކުންނެވެ. މި އެކުވެރިކަމުގެ މެޗުގައި ރައީސް ކުޅުއްވީ ދިވެހިރާއްޖޭގެ ވެޓަރެންސް ޓީމަށެވެ. މި ޓީމް ވާދަކުރީ މަޑުއްވަރީ ވެޓެރަންސް ޓީމާއެވެ.

މީގެ ދެ އަހަރު ކުރިން 2019 ވަނަ އަހަރު އެމްޑީޕީ މަޖިލިސް ކެމްޕޭނަށް ރައީސް ވަނީ މުލަކު އަތޮޅަށް ދަތުރުފުޅެއްކުރައްވާފައެވެ. އެ ދަތުރުފުޅުގެ ތެރެއިންވެސް ރައީސް ދިއްގަރަށް ވަޑައިގެން، އެ ރަށުގެ އަންހެން ވޮލީ ޓީމާއެކު ރައީސް އެފަހަރު ވޮލީ ކުޅުއްވިއެވެ. އެހެންނަމަވެސް އެފަހަރު ވޮލީ ކުޅުއްވިއިރު ހުންނެވީ އޮފީސް ހެދުންކޮޅުގައެވެ. މިފަހަރު ދިއްގަރަށް ވަޑައިގެން ވޮލީކުޅުއްވިއިރު ހުންނެވީ ޖަރޒީ ތުރުކުރައްވައިގެންނެވެ. މި އެކުވެރިކަމުގެ މެޗް ރައީސް ނިންމަވާލެއްވީ ވޮލީ ބޯޅައެއްގައި އެމަނިކުފާނުގެ ސޮއިވެސް ކުރެއްވުމަށްފަހުއެވެ.

މީގެއިތުރުން "ވިއަވަތި ރާއްޖެ" ކޮންފަރެންސްގެ ބައިވެރިންގެ މެދުގައި ގުޅުން ބަދަހިކުރުމަށް ބޭއްވި ކުޅިވަރު ފެސްޓިވަލްގައިވެސް ރައީސް ބައިވެރިވެވަޑައިގެންނެވިއެވެ. ބީޗްވޮލީ، ވާދެމުން، ޕެނަލްޓީ ޖެހުންފަދަ ކުޅިވަރު ހަރަކާތްތަކުގައި އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވިއެވެ.

ކުޅިވަރު ފެސްޓިވަލްގައި ރައީސް ބައިވެރިވެވަޑައިގެންނެވުން

ރައީސްގެ މި ކަންތައްތަކަށް ބަލައިލުމުންވެސް، އެމަނިކުފާނަކީ އަބަދުވެސް ކުޅިވަރު ކުޅުއްވުމަށް ލޯބިކުރައްވާ ބޭފުޅެއްކަން އެނގި ހާމަވެގެންދެއެވެ. އެމަނިކުފާނު ޒުވާން އުުމުރުފުޅުގައި ވޮލީ ކުޅުއްވިއެވެ. ރައީސްކަމުގެ ހުވާކުރެއްވުމަށްފަހުވެސް "ދުޅަހެޔޮ، ހަށިހެޔޮ އީދު"ގެ ކުޅިވަރުތަކުގައި އެމަނިކުފާނު ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

ރައީސް ސޯލިހު ފެނިގެންދަނީ އަބަދުވެސް ވަރަށް ފިޓްކޮށް ހުންނަވާ، ދުވުމުގެ އެކި މެރެތަންތަކުގައިވެސް ބައިވެރިވެވަޑައިގަންނަވާ ބޭފުޅެއްގެ ގޮތަށެވެ. ރައީސް ސޯލިހަކީ އަބަދުވެސް ފިޓްކޮށް ހުންނެވުމަށް މަސައްކަތްޕުޅުކުރައްވާ ބޭފުޅެކެވެ. އެކި ކުޅިވަރު ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވި ނަމަވެސް ރައީސް އެންމެ ހިތްޕުޅާވާ ކުޅިވަރަކީ ކްރިކެޓެވެ.

ރައީސް ކުރައްވާ މިފަދަ ކަންތައްތަކަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިގެންދާއިރު، ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން ކެމްޕޭން ރެލީއެއްގައި އެންމެ ކުރީ ސަފުގައި ހުންނަވައި ވަރަށް މައްޗަށް ފުންމަވާލައްވާ ފޮޓޯއަކަށްވެސް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިގެން ދިޔައެވެ. ރައްޔިތުން ބޭނުންވަނީ ރައްޔިތުންނާ ގާތުން ބައްދަލުވެ ވާހަކަ ދައްކާލެވޭ، އަދި އެކީގައި ވޮލީ މެޗްފަދަ ކުޅިވަރުތައް ކުޅޭނެ ވެރިއެއްކަން ޔަގީނެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
12%
35%
6%
18%
6%
24%
ކޮމެންޓް
ގުޅުންހުރި