ކޮލަމްބިއާގެ ބޮގޮޓާގައި ހުންނަ ސެންޓްރޯ އެންޑީނޯ ޝޮޕިންގ ސެންޓަރެއްގައި އެއްޗެއް ގޮއްވާލައިގެން 3 މީހުން މަރުވެ 11 މީހުން ޒަޚަމްވެއްޖެއެވެ.
މި ހާދިސާގައި މަރުވި ތިން މީހުންނަކީވެސް އަންހެނުންނެވެ. ކަމާ ބެހޭ އިދާރާތަކުން ބުނާ ގޮތުގައި މިއީ ޓެރަރިސްޓް ހަމަލާއެކެވެ.
އެސަރަހައްދުގެ މޭޔަރ އެންރިކޫ ޕެނަލޯސާ ވިދާޅުވީ މަރުވި މީހުންގެ ތެރެއިން އެކަކީ ފްރާންސް މީހެއް ކަމަށެވެ.
ކަމާ ބެހޭ އިދާރާތަކުން ބުނާ ގޮތުގައި ގޮވާފައިވަނީ ބޮމެއް ކަމަށާއި އެބޮން ގޮއްވާލާފައި ވަނީ އަންހެނުންގެ ފާހާނާ ތެރޭގައެވެ.
އެ ބޮން ގޮއްވާލާފައިވަނީ އާދީއްތަ ދުވަހު އޮންނަ ބައްޕައިންގެ ދުވަހަށް ހަދިޔާ ގަތުމަށް ހޮނިހިރު ދުވަހުގެ މެންދުރުފަހު ގިނަ އަދަދެއްގެ މީހުން އެ ޝޮޕިންގ ސެންޓަރަށް ޖަމާވެފައި ވަނިކޮށެވެ.
މިހާތަނަށް އެނގުނު ގޮތުގައި މަރުވި މީހުންގެ ތެރެއިން ކާކުކަން ކަށަވަރުވެފައިވަނީ އެ އަވަށުގެ ދެކުނުގައި ހުންނަ ސްކޫލެއްގައި ހިލޭ ސާބަހަށް މަސައްކަތް ކުރާ ފްރާންސްގެ އުމުރުން 23 އަަހަރުގެ ޒުވާން އަންހެން ކުއްޖެކެވެ.
ދެން މަރުވެފައިވަނީ 27 އަހަރުގެ އަންހެނަކާއި 31 އަހަރުގެ އަންހެނެކެވެ. ނަމަވެސް އެއީ ކޮން ޤައުމެއްގެ ބައެއް ކަމެއް އަދި ހާމައެއް ނުކުރެއެވެ.
މިއީ ޓެރެރިސްޓް ހަމަލާއެއްކަމަށް ތުހުމަތު ކުރެވުނުނަމަވެސް މިކަމުގެ ފަހަތުގައި ތިބީ ކަޮންބައެއް ކަމަކަށް އަދި އިނގިލި ދިއްކުރެވިފައެއް ނުވެއެވެ.