މިދިޔަ މާޗު މަހު އޮޅިގެން ޕާކިސްތާނަށް މިސައިލެއް ފޮނުވި އިންޑިއަން އެއަރފޯސްގެ 3 އޮފިސަރުން މަގާމުން ވަކިކޮށްފިއެވެ.
އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ޒަމާނުއްސުރެ ދެކޮޅުވެރިކަން އޮތް ނަމަވެސް އެ ދެ ޤައުމުން މި މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ ސުލްހަވެރިކަމާއެކުގައެވެ. ސަބަބެއް ކަމަށް ދެ ޤައުމުން ބުނަނީ އެ ހަމަލާގައި އެއްވެސް މީހަކަށް އަނިޔާ ނުވުމެވެ.
މި ހާދިސާގައި އޮޅިގެން ޕާކިސްތާނަށް ފޮނުވާފައިވަނީ ރަޝިއާ އާއި އިންޑިއާ ގުޅިގެން އުފައްދާފައިވާ މިސައިލެކެވެ. މި މިސައިލު ހަމަލާ ދިނުމާއެކު އިންޑިއާއިން ވަނީ އެއީ އޮޅިގެން ވި ކަމެއް ކަމަށް ބުނެ މައްސަލަ އިތުރަށް ތަހުގީގު ކުރާނެކަން އިއުލާންކޮށްފައެވެ. އަދި ޕާކިސްތާނުން ވެސް ވަނީ އެފަދަ އޮޅުންތައް އަރަންޖެހޭ ސަބަބެއް ނެތް ކަމަށްބުނެ ދެވަނަ ފަހަރަކަށް އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް އަޅާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ސުވާލު އުފައްދާފައެވެ.
މި މައްސަލައާ ގުޅިގެން އިންޑިއަން އެއަރފޯސްއިން ނެރުނު ބަޔާނެއްގައި ބުނީ އިންކުއަރީއެއް ފަށާފައިވާ ކަމަށާއި މި އިންކުއަރީގައި އެ ހާދިސާއާ ގުޅުންހުރި ހުރިހާ ސުވާލެއްގެ ޖަވާބު ލިބިގެންދާނެ ކަމަށެވެ. އަދި މި ހަފްތާގެ އަންގާރަ ދުވަހުން ފެށިގެން އެ މިސައިލް ފޮނުވުމުގައި ޒިންމާވާ 3 އޮފިސަރުން މަގާމުން ވަކިކޮށްފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.
އިންޑިއާއިން ޕާކިސްތާނަށް ފޮނުވި މިސައިލް، "ބްރަމޯސް" އަކީ ގަޑިއަކު 186 މޭލާއި 310 މޭލާ ދެމެދުގެ ބާރުމިނުގައި ދަތުރު ކުރާ ފެންވަރުގެ މިސައިލެއް ކަމަށް އެމެރިކާގައި ހުންނަ އާރމްސް ކޮންޓްރޯލް އެސޯސިއޭޝަނުން ވަނީ ބުނެފައެވެ. އެހެން ކަމަށްވާނަމަ އިންޑިއާގެ އުތުރު ސަރަހައްދުގައި ހުންނަ ލޯންޗު ޕެޑުން އެ މިސައިލް ލޯންޗުކޮށްފިނަމަ ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދަށް އެ މިސައިލް ދިއުން އެކަށީގެންވެއެވެ.