ކ. މާލެ
|
23 އޯގަސްޓް 2022 | އަންގާރަ 22:53
"ހެލްތު ޕްރޮމޯޓިންގ ސްކޫލް ކޮންފަރެންސް" ފެށުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ވާހަކަދައްކަވަނީ
"ހެލްތު ޕްރޮމޯޓިންގ ސްކޫލް ކޮންފަރެންސް" ފެށުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ވާހަކަދައްކަވަނީ
ރައީސް އޮފީސް
ހެލްތު ޕްރޮމޯޓިންގ ސްކޫލް ކޮންފަރެންސް
ހެލްތު ޕްރޮމޯޓިންގ ސްކޫލް ކޮންފަރެންސް އިން ގިނަގުނަ ފައިދާތަކެއް ކުރާނެ: ނައިބު ރައީސް
 
މިއީ މިނިސްޓްރީ އޮފް އެޑިއުކޭޝަން އާއި، ދުނިޔޭގެ ޞިއްޙަތު ޖަމްއިއްޔާއާއި ގުޅިގެން މުޅިން އަލަށް ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮންފަރެންސް އެއް
 
މި ކޮންފަރެންސް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ އޮގަސްޓް 25 އަދި 27 ގައި ތާޖުއްދީން ސްކޫލްގައި

ހެލްތު ޕްރޮމޯޓިންގ ސްކޫލް ކޮންފަރެންސް އަކީ އެކަމުގެ ސަބަބުން ދަރިވަރުންނަށް ގިނަ ގުނަ ފައިދާތަކެއް ކުރާނެ ކޮންފަރެންސެއްކަމަށާއި، މި ކޮންފަރެންސް މި ފެށެނީ ވަރަށް މުނާސަބު ވަގުތެއްގައި ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވެފައި ވަނީ ތާޖުއްދީން ސްކޫލް ހޯލުގައި "ހެލްތު ޕްރޮމޯޓިންގ ސްކޫލް ކޮންފަރެންސް" ފެށުމަށްޓަކައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މި ރަސްމިޔާތުގައި ރަައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އިތުރުން މިނިސްޓަރ އޮފް އެޑިއުކޭޝަން ޑޮކްޓަރ ޢާއިޝަތު ޢަލީއާއި، މިނިސްޓަރ އޮފް ހެލްތް އަޙްމަދު ނަސީމްއާއި، ދުނިޔޭގެ ޞިއްޙަތު ޖަމުއިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ޑޮކްޓަރ ނާޒްނީން އަންވަރު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ފާއިތުވި އަހަރުތަކުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖޭގައި ގައިން ގަޔަށް ނާރާ ބަލިތައް އިތުރުވެފައިވާކަން ހާމަކުރައްވާފައެވެ. އަދި، މި ދަނޑިވަޅަކީ މިކަމަށް އިތުރު ސަމާލުކަމެއް ދީގެން ތުއްތު އިރުން ފެށިގެން ކުދިން ރަނގަޅު ޞިއްޙަތެއްގައި ބޭތިއްބުމަށް މަސައްކަތްކުރަންވީ ވަގުތުކަމުގައި ވިދާޅުވެފައިވެއެވެ. އެގޮތުން އެމަނިކުފާނު ވަނީ ސްކޫލް ދައުރުގައި ކުދިންނަށް ދަސްކޮށްދޭ އާދަކާދައަކީ މުޅި ޢުމުރު އެކުދިންގެ ގައިގައި ހަރުލާފައި ހުންނަ އާދަކާދަކަމުގައި ވިދާޅުވެފައެވެ. މީގެ އިތުރުން ވެސް އެމަނިކުފާނު ވަނީ ކުދިންގެ ޅަފަތުން ފެށިގެން ރަނގަޅު ޞިއްޙަތެއްގައި ދެމިހުރުމަށް މަސައްކަތްކުރުމުގެ ގޮތުން ރަނގަޅު ކާނާ ކެއުމާއި، ކަސްރަތުކުރުން ފަދަ ކަންކަން ކުރުމަށް ސަމާލުކަންދިނުމަށް އެދިވަޑައިގަންނަވާފައެވެ.

"ހެލްތު ޕްރޮމޯޓިންގ ސްކޫލް ކޮންފަރެންސް" އަކީ ހެލްތު ޕްރޮމޯޓިންގ ސްކޫލް ޕޮލިސީ ތަންފީޒްކުރުމަށް ބާރުއެޅުމަށާއި، ކޮންފަރެންސްގައި ބައިވެރިވާ ސްކޫލުތަކުގައި ހެލްތު ޕްރޮމޯޓިންގ ސްކޫލްގެ ޑައިމެންޝަން ތަކަށް ކޮށްފައިވާ މަސައްކަތްތައް ހިއްސާކުރުމަށާއި، ސްކޫލްތަކުގެ ތަޖުރިބާތައް ހިއްސާކުރުމުގެ މަޤްޞަދުގައި ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކޮންފަރެންސް އެކެވެ. މި ކޮންފަރެންސްގެ ތީމް އަކީ "ސަސްޓެއިން ގުޑް ޕްރެކްޓިސަސް، އެމްބްރޭސް އިނޮވޭޝަންސް އެންޑް އެކްސިލަރޭޓް ޕްރޮގްރެސް" އެވެ. މިއީ މިނިސްޓްރީ އޮފް އެޑިއުކޭޝަން އާއި، ދުނިޔޭގެ ޞިއްޙަތު ޖަމްއިއްޔާއާއި ގުޅިގެން ތާޖުއްދީން ސްކޫލުގެ އެހީތެރިކަމާއިއެކު މުޅިން އަލަށް ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮންފަރެންސް އެކެވެ.

މާލެ ސަރަޙައްދުގެ 17 ސްކޫލެއްގެ މުވައްޒަފުންނާއި، ދަރިވަރުން އަދި ބެލެނިވެރިން ހިމެނޭ ގޮތަށް ޖުމްލަ 136 ބައިވެރިންނާއެކު ފަށާ މި ކޮންފަރެންސް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ އޮގަސްޓް 25 އަދި 27 ގައި ތާޖުއްދީން ސްކޫލްގައެވެ. މި ބައިވެރިންގެ އިތުރުން ވެސް އަތޮޅުތަކުން ޖުމްލަ 79 ސްކޫލެއް އޮންލައިންކޮށް އޮބްޒާވަރުންގެ ގޮތުގައި މި ކޮންފަރެންސްގައި ބައިވެރިވުމަށް ހަމަޖެހިފައި ވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް