ފްރާންސް ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އިން ލީލްއާ ދެކޮޅަށް ކުޅުނު ފުޓުބޯޅަ މެޗު ބޮޑު ތަފާތަކުން ކާމިޔާބުކޮށްފިއެވެ.
ލީލްގެ ދަނޑުގައި ކުޅުނު މެޗު ޕީއެސްޖީން ކާމިޔާބުކުރީ 7-1 އިންނެވެ. އެ މެޗުގައި ޕީއެސްޖީގެ ތިން ތަރިން ކަމަށްވާ، ކީލިއަން އެމްބާޕޭ، ނޭމާ ޖޫނިއަރ އަދި ލިއޮނެލް މެސީ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މެޗުގައި އެމްބާޕޭ ވަނީ ތިން ލަނޑު ޖަހައި ހެޓްރިކް ހަދާފައެވެ. ނޭމާ ވަނީ ދެ ލަނޑު ޖަހައި، އެސިސްޓް ހެޓްރިކެއް ހަދާފައެވެ. އަދި މެސީ ވަނީ ލަނޑެއް ޖަހައި، އެއް ލަނޑު ޖެހުމަށް އެސިސްޓުކޮށްފައެވެ.
މެޗު ފަށައިގެން ފުރަތަމަ މިނެޓުގެ ތެރޭގައި ޕީއެސްޖީން ވަނީ ލަނޑު ޖަހައި ލީޑު ނަގާފައެވެ. މެސީ ތަނަވަސްކޮށްދިން ފުރުސަތެއްގައި މި ލަނޑު ޖެހީ އެމްބާޕޭއެވެ. މިއީ ފްރާންސް ލީގުގައި މިހާތަނަށް އެންމެ އަވަހަށް ޖެހި ލަނޑެވެ. އޭގެ ފަހުން މެޗުގެ 27 ވަނަ މިނެޓުގައި ނޫނޯ މެންޑޭސްގެ އެހީތެރިކަމާއެކު މެސީ ވަނީ ޕީއެސްޖީގެ ދެ ވަނަ ލަނޑު ޖަހާފައެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ޕީއެސްޖީން ވަނީ އިތުރު ދެ ލަނޑު ޖަހާފައެވެ. އެއީ ނޭމާގެ ދިން ބޯޅައަކުން 39 ވަނަ މިނެޓުގައި އަޝްރަފް ހަކީމީ ޖެހި ލަނޑާއި، 43 ވަނަ މިނެޓުގައި ނޭމާ ޖެހި ލަނޑެވެ.
ދެ ވަނަ ހާފު ފަށައިގެން ކުރީކޮޅު ނޭމާ ވަނީ އިތުރު ލަނޑެއް ޖަހާފަައެވެ. އަޝްރަފް ހަކީމީގެ އެހީތެރިމަކާއެކު ނޭމާ މި ލަނޑު ޖެހީ 52 ވަނަ މިނެޓުގައެވެ. އޭގެ ދެ މިނެޓު ފަހުން ލީލްގެ ޖޮނަތަން ބަމްބާ ވަނީ މެޗުގައި އެ ޓީމުގެ ހަމައެކަނި ލަނޑު ޖަހައިދީފައެވެ. ޕީއެސްޖީގެ ހަ ވަނަ ލަނޑު އެމްބާޕޭ ޖެހީ ނޭމާގެ އެހީތެރިކަމާއެކު 66 ވަނަ މިނެޓުގައެވެ. އޭގެ ފަހުން 87 ވަނަ މިނެޓުގައި ނޭމާގެ އެހީތެރިކަމާއެކު އިތުރު ލަނޑެއް ޖަހައި އެމްބާޕޭ ވަނީ އޭނާގެ ހެޓްރިކް ހަމަކޮށްފައެވެ.
ފްރާންސް ލީގުގައި ކުޅުނު އެހެން މެޗުތަކަށް ބަލާއިރި، ސްޓްރަސްބާގާއި ރެއިމްސް ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. އެންޖަރސް އާއި ބްރެސްޓް ބައްދަލުކުރި މެޗު 3-1 އިން ބްރެސްތް ކާމިޔާބުކުރިއިރު، ކްލާމެންޓް ފޫޓުން ވަނީ 1-0 އިން ނީސް ބަލިކޮށްފައެވެ.
ލީގުގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެ ލިބުނު ނުވަ ޕޮއިންޓާއެކު އެއް ވަނަ މަގާމުގައި އޮތީ ޕީއެސްޖީއެވެ. ދެ ވަނަ މަގާމުގައި އޮތް ލެންސް އާއި ތިން ވަނަ މަގާމުގައި އޮތް މާސޭއަށް ލިބެނީ ހަތް ޕޮއިންޓެވެ. ލެންސް އަށް ކުރި ލިބެނީ ފައިދާ ގޯލުންނެވެ. ހަތަރު ވަނަ މަގާމުގައި ހަ ޕޮއިންޓާއެކު އޮތީ ލިއޯންއެވެ.