Advertisement
ކ. މާލެ
|
21 އޯގަސްޓް 2022 | އާދީއްތަ 10:36
އެމްޑީޕީގެ 4 ވަނަ ކޮންގްރެސްގެ ތެރެއިން
އެމްޑީޕީގެ 4 ވަނަ ކޮންގްރެސްގެ ތެރެއިން
އެމްޑީޕީ
އެމްޑީޕީ ކޮންގްރެސް 2022
ޕާޓީގެ ޤައުމީ މަޖިލީހުގައި ކައުންސިލުތަކުގެ ދައުރެއް އޮތުން މުހިއްމު: ރައީސް
ޕާޓީގެ ޤައުމީ މަޖިލީހުގައި ކައުންސިލުތަކުގެ ދައުރެއް ނެތް
ކޮންމެވެސް ސިފައެއްގައި ކައުންސިލުތަކުގެ ދައުރެއް ހިމެނޭގޮތަށް އިސްލާޙެއް ހިމެނުން މުހިއްމު
ގޮފިތަކުގެ ރައީސުންނަށް މިހާރަށްވުރެ ބޮޑަށް ޕާޓީތަކުގެ ޙަރަކާތްތަކުގައި ބައިވެރިވެވޭނެ އުސޫލުތަކެއް ޤާއިމު ކުރުން މުހިއްމު

ލާމަރުކަޒީ ނިޒާމުގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ޕާޓީގެ ޤައުމީ މަޖިލީހުގައި ކައުންސިލުތަކުގެ ދައުރެއް އޮތުން މުހިއްމުކަމަށް ރާއްޖޭގެ ރައީސުލްޖުމްޙޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ކޮންގްރެސްގެ އާދިއްތަ ދުވަހުގެ ސެޝަންގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، އެމްޑީޕީގެ އަސާސީ ޤަވާއިދަށް ހުށައަޅާފައިވާ އިސްލާޙުތަކަށް ޖުމުލަކޮށް ތާއީދު ކުރައްވާ ކަމަށާއި، ނަމަވެސް ބައެއް އިސްލާޙުތަކާމެދު އަދި ވިސްނާލަން ޖެހޭ ކަމަށެވެ.

Advertisement

ރައީސް ވިދާޅުވީ، އަސާސީ ޤަވާއިދަށް ހުށައެޅިފައިވާ އިސްލާޙުތަކުގެ ތެރެއިން ޕާޓީގެ ޤައުމީ މަޖިލީހުގައި ކައުންސިލުތަކުގެ ދައުރެއް ނެތްކަން ފާހަގަވެފައިވާ ކަމަށެވެ. ވީއިރު ކޮންމެވެސް ސިފައެއްގައި ކައުންސިލުތަކުގެ ދައުރެއް ހިމެނޭގޮތަށް އިސްލާޙެއް ހިމެނުމަކީ ލާމަރުކަޒީ ނިޒާމަށް ފަހިވާނެ ކަމެއްކަން ރައީސް ފާހަގަ ކުރެއްވިއެވެ.

މިސާލެއްގެ ގޮތުން ސިޓީ ކައުންސިލުތަކުގެ މޭޔަރުންގެ ދައުރުނަމަވެސް ހިމެނުން މިވަގުތަށްވެސް މުހިއްމުކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ޤައުމީ މަޖިލިސް އެކުލެވިގެންވާ ގޮތަށް މިހާރު ހުށައެޅިފައި މިވާ އިސްލާޙުތަކުގެ ތެރޭގައިވެސް އަޅުގަނޑަކަށް ނެތް ފެންނާކަށް ކައުންސިލުތަކުގެ އެއްވެސް ކަހަލަ ދައުރެއް މީގައި ހިމެނިފައި އޮތް ތަނެއް، މިއީ ޕާޓީގެ ހިންގުމުގެ ތެރޭގައި އަޅުގަނޑު އުޅުނުއިރުވެސް އަޅުގަނޑާއި ހިސާބަށް އައިސްފައި ހުރި ބައެއް ކަންކަން
ރާއްޖޭގެ ރައީސުލްޖުމްޙޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު

ރައީސް ވަނީ ގޮފިތަކުގެ ރައީސުންނަށް މިހާރަށްވުރެ ބޮޑަށް ޕާޓީތަކުގެ ޙަރަކާތްތަކުގައި ބައިވެރިވެވޭނެ އުސޫލުތަކެއް ޤާއިމު ކުރުން މުހިއްމުކަންވެސް ފާހަގަ ކުރައްވާފައެވެ.

އެމްޑީޕީގެ ހަތަރު ވަނަ ކޮންގްރެސް ފަށާފައިވަނީ ހުކުރު ދުވަހުއެވެ. މިއީ މިހާތަނަށް އިންތިޚާބުވެފައިވާ އެންމެ ގިނަ ފަރާތްތައް ބައިވެރިވާނެ އެމްޑީޕީގެ ކޮންގްރެސް ކަމަށް ވާއިރު، އެޕާޓީގެ ޤައުމީ މަޖިލީހުގެ މެމްބަރުންނާއި ގޮފިތަކުގެ ރައީސުންނާއި ޕާޓީގެ ކައުންސިލަރުންނާއި ދާއިރާތަކުގެ ރައީސުންނާއި މޭޔަރުން މީގެ ތެރޭގައި ހިމެނެއެވެ.

އެމްޑީޕީގެ ހަތަރު ވަނަ ކޮންގްރެސްގައި މައިގަނޑު ތިން ކަމެއް ނިންމަން ވަނީ ތާވަލު ކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ އެ ޕާޓީގެ ގަވާއިދަށް ގެންނަ ބަދަލުތައް ފާސްކުރުމާއި ޤާނޫނު އަސާސީއަށް ގެންނަން ފެންނަ ބަދަލުތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމާއި ވެރިކަމުގެ ނިޒާމަށް ގެންނަން ފެންނަ ބަދަލުތަކާ ގުޅޭ ގޮތުން ކޮންގްރެސްއަށް ހުށަހަޅާ އެކަމާ މެދު މަޝްވަރާ ކުރުމެވެ.

ވެރިކަމުގެ ނިޒާމަށް ގެންނަ ބަދަލާ ގުޅޭ ބަހުސްއަކީ އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ހުށަހަޅުއްވާ ކަމެއް ކަމަށް އެމްޑީޕީން ބުނެއެވެ.

މި ކޮންގްރެސްގައި އެމްޑީޕީގެ މެމްބަރުންނާއި ސަރުކާރުގެ މުއައްސަސާތަކާ ބައްދަލުކޮށް، ރަށްތަކުގެ ތަރައްޤީއަށް ކުރާ މަސައްކަތްތަކާއި ކުރިއަށް ހުރި އިންތިޚާބުތައް ކާމިޔާބު ކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭ ގޮތުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިއީ މިފަދަ ފުރުސަތެއް ލިބޭ ފުރަތަމަ ކޮންގްރެސްކަން ފާހަގަކޮށްލެވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް