އެމްޑީޕީއަކީ ދިވެހިންނަށް އިންސާފާއި، ހަމަހަމަ ކަމާއި، ޙައްގުތައް ލިއްބައިދިނުމަށް ރޯކުރެވުނު ޑިމޮކްރަސީގެ ދަންމަރު ކަމަށާއި، ޒަމާނާއި ވަގުތު ގެނެސްދޭ އޮޔާ ވައިގެ ސަބަބުން މިދަންމަރު ކަނިވެ، ނިވުނަ ދީގެން ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ 4 ވަނަ ކޮންގްރެސް ފެށުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ ދިވެހިންނަށް އިންސާފާއި، ހަމަހަމަ ކަމާއި ، ޙައްގުތައް ލިއްބައިދިނުމަށް ރޯކުރެވުނު ޑިމޮކްރަސީގެ ދަންމަރު ނިވުނަ ދީގެން ނުވާނެ ކަމަށާއި، އެކަން އެހެން ވިޔަ-ދިނުމަކީ އަޅުގަނޑުމެންނަށް އޮތް އިޚްތިޔާރެއްވެސް ނޫން ކަމަށެވެ.
ރައީސް ޞާލިޙް ވިދާޅުވީ އެމްޑީޕީ އުފެދިގެން އައީ ޤަބޫލުކުރާ ހަމަތަކަކާއި، އުސޫލުތަކަކާއި، ގެންނަން ބޭނުންވާ ބަދަލުތަކެއްގެ މައްޗަށް ކަމަށެވެ. އެއްކަމަކީ ޖަލުގެ ތޭރިތަކުގެ ބިއްދޮށުން އޭރު އިވެމުންދިޔަ ރުއިމުގެ އަޑު ނުވަތަ އަނިޔާވެރިކަން ހައްދު ފަހަނައަޅާ ދިޔުން ކަމަށް ރައީސް ވިދާޅުވިއެވެ.
ކުރެވޭ އިޝާރާތަކުން، ބުނެވޭ ބަހަކުން، ނުވަތަ ހީވާހީވުމަކުންވެސް މީހާގެ އަޖަލު، އޭނާގެ ދޮރުގާ ޓަކި ޖަހާފާނެ. އެކަމަށް ވަކި އިރެއް ހިނދެއް-މެންދުރެއް އަދި މެންދަމެއްގެ ތަފާތެއް ނެތް. ވަންނާކަށް ވަކިގެއެއް، ދައްކާކަށް ކޯޓުއަމުރެއް، ފުރިހަމަ ކުރާކަށް ޤާނޫނީ ޢިޖުރާއަތެއް އޭރަކު ނޯވޭ. މިއީ އެދުވަހުގެ ޙާލަތު އޮތްގޮތް. ނައްތާލަން ބޭނުންވީ މިދެންނެވި ބިރުވެރިކަން. ބޭއިންސާފާ ލާއިންސާނިއްޔަތާ އަނިޔާ. ހަމައެކަނި މިބަދަލަށް ބެލި ނަމަވެސް އެމްޑީޕީ އަށް–މިޕާޓީއަށް ނިސްބަތްވާ ކޮންމެ މެމްބަރަކަށް ޙައްގުވާ ތަޢުރީފުގެ ކޮޅެއްނެތްރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް
ރައީސް ވިދާޅުވީ އެއްތަނެއްގައި ހިފަހައްޓާ، ޖަމާކޮށް "ގުދަންކުރެވިފައިވާ" ޒަމާންވީ ސިޔާސީ އަދި އިދާރީ ބާރުތައް ދޫކޮށްލުން، އެއީ އެމްޑީޕީ އުފެދުނު އެއް މަޤްސަދު ކަމަށެވެ. ބޯހިޔާވަހިކަމުގެ ބޮޑު ސުވާލަށް ޖަވާބު ހޯދުމަކީ އޭގެ ކުރިން، އެމީހެއްގެ އަމިއްލަ ޒިންމާއެއް ކަމަށެވެ. ކަމެއް ދަމެއް ޖެހުމުން އެޖެހުނު ކަމަކަށްވުރެ ބޮޑުދަމެއްޖެހެން ޖެހެނީ، ޙައްލެއް ހޯދުމަށް ރަށްވީއްލާ ގޮސްއައިސްވެވޭނެ ގޮތެއް–މަގެއް އޭރު ނެތުމުން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައިސް ވިދާޅުވީ ބޭސްފަރުވާއާއި ފޮތް ފަންސުރަށް ސަލާންޖެހުން ނައްތާލުމަކީ އެމްޑީޕީން ގެންނަން ބޭނުންވި ބަދަލުތައް ކަމަށެވެ. ފުލުސް ކޯޓުނެތް، މިނިވަން އިންސާފުވެރި ޖުޑީޝަރީއެއް ރައްޔިތުންނަށް ހޯދައިދެއްވުން ކަމަށާއި، އެއީވެސް ގެންނަން ބޭނުންވި ބަދަލެއް ކަމަށް ރައީސް ވިދާޅުވިއެވެ.
މިއަދު މިތަނަށް އެއްވެ ތިބޭއިރު އަޅުގަނޑުމެން ކޮންމެ މީހަކުވެސް އަމިއްލަ ޒަމީރާ ކުރަންވީ ސުވާލެއް އެބަވޭ. އެމް.ޑީ.ޕީ އަށް 17 އަހަރު ވީއިރު އާދެވިފައި މިތިބީ ކިހާ ހިސާބަކަށް ތޯ؟ ކޮންތާކުތޯ؟ ކުރިން މިދެންނެވި ކަންކަން ހާސިލްވީ ކިހާވަރަކަށް ތޯ؟ ތެދެއް! ލައްކަ އުނދަގުލާ ދައްޗާ ތުރާލާއެކު، ގިނަ ކަންކަން ހާސިލްވިއިރު، އަދިވެސް ބޭނުންވި ކިތަންމެކަމެއް ނުކުރެވި އެބަހުރި. އެއީ ޕާޓީގެ އެތެރޭގެ ހިންގުން ކަމަށް ވިޔަސް، ޤައުމަށް ގެންނަށް ބޭނުންވާ ހެޔޮ ބަދަލުތައް ކަމަށް ވިޔަސް. އަދި ކުރަން އޮތް މަސައްކަތް ގިނަވެފާ ބޮޑުރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް
ރައީސް ވިދާޅުވީ މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާތަނަށް ހިންގާ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫޢު މިހާރު ދަނީ ކުރިއަށް ކަމަށެވެ. އަދި ރާއްޖޭގައި ދިރިއުޅޭ އެންމެނަށް ސާފު ފެނާ ނަރުދަމާ ގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަޝްރޫޢުތައް ދަނީ ކުރިއަށް ކަމަށެވެ. ހިލޭ ޑިގްރީ އަށް ކިޔެވުމަށް މި ސަރުކާރުން ހޯދައިދިން ފުރުޞަތުގައި 14000ށް ވުރެ ގިނަ ދަރިވަރުން ކިޔަވާ ނިންމަމުންދާ ކަމަށާއި، އަތޮޅުތެރެއަށް ހާއްސަ ކުރެވޭ ޓާޝަރީ 5 ހޮސްޕިޓަލް ފުރިހަމަވަމުންދާ ކަމަށެވެ.
ދަތުރުފަތުރުގެ ހަލުވި ވިއުގައިން މުޅި ރާއްޖޭގެ ރަށްތައް އެދަނީ ގަތަމުން ގުޅެމުން. މިނިޒާމަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭ ބިންގަލަކީ 2019 ޑިސެންބަރުގައި ޢަމަލުކުރަންފެށުނު ލާމަރުކަޒީ ޤާނޫނު. އެއްވެސް ހިފެހެއްޓުމެއް ހުރަހެއް ސުމާރެއް ނެތި އެމީހަކަށް ފެންނަ ގޮތަކަށް، ހިތަށް އެރި ވާހަކަ އެއް ލިޔެ، ބުނެ ފާޅު ކުރުމުގެ މިނިވަންކަން ރާއްޖޭގާ މިހާރު އެބަ އޮތް. މިކަމާ އެއްކޮޅު ބޭފުޅުން އަދި ކީއްކުރަންތޯ؟ ދެކޮޅު ހެއްދެވި ބޭފުޅުންވެސް، މިހައްގުގެ ބޭނުން ކުރައްވާ މިންވަރުގާ އަމުދުން މިހާރު ހައްދެއް ނެތްރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް
ރައީސް ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ ހިންގުން ލާމަރުކަޒުކޮށް، ރަށްރަށާ އަތޮޅުތަކުގައި ޕާޓީގެ ހަރަކާތްތައް ވަރުގަދަ ކުރުމަށް، މިހާރުގެ ޗެއަރޕާސަން ފައްޔާޟު އިސްމާޢީލް ވަނީ އެދެވޭ ބޮޑު ބަދަލެއް ގެންނަވަން ފައްޓަވާފައި ކަމަށެވެ. އެބަދަލުތައް ބަލައިގަނެ މަރުހަބާ ދަންނަވާ ކަމަށާއި، އެކަމަށްޓަކާ މިހާރުގެ ޗެއަރޕާސަން އަށާ، ޤައުމީ މަޖިލީހުގެ މެމްބަރުންނަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.