އަވަށްޓެރި އިންޑިއާ އާއި އެކު ސުލްހައިގެ ގުޅުންތައް ޤާއިމްކުރުމުގެ ޝައުގުވެރިކަން އެބަ ހުރި ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝާރީފް ވިދާޅުވެއްޖެއެވެ.
ބުރާސްފަތި ދުވަހު އެމަނިކުފާނު ވިދާޅުވީ ބޭނުން ވަނީ ޖައްމޫ އާއި ކަޝްމީރުގެ މައްސަލަ އަށް ސުލްހަވެރި ހައްލެއް ހޯދަން ކަމަށެވެ. ޕާކިސްތާނަށް ކަނޑައަޅުއްވާފައިވާ އޮސްޓްރޭލިއާގެ ހައިކޮމިޝަނަރ ބީލް ހޯކިންސް އާއި އެކު ބޭއްވި ބަައްދަލުވުމުގައި ޕާކިސްތާނުގެ ބޮޑުވަޒީރު ވަނީ ކަޝްމީރު ސަރަހަައްދުގައި ދިރިއުޅޭ މީހުންނަށް ސަލާމަތާއި ރައްކާތެރިކަން އެދިލައްވާ ކަމަށް ވިދާޅުވެފައެވެ.
އަދި ސުލްހަވެރިކަމާއި އެކު އިންޑިއާ އާއި ޕާކިސްތާން އާއި ދެމެދު މުއާމަލާތްތައް ކުރުމަށްޓަކާ ބައިނަލްއަގުވާމީ ގުޅުންތަކުން އަދާކުރަން ޖެހޭ ދައުރު ވަރަށް ބޮޑު ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އިންޑިއާ އާއި ޕާކިސްތާނުގެ ގުޅުން ސުލްހަވެރިވުމަކީ ދެކުނު އޭޝިއާ ސަރަހައްދުގެ ސަލާމަތަށްޓަކާ ނުހަނު ބޭނުންތެރިކަމެއް ކަަމަށް ވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
އެމަނިކުފާނު އެފަދައިން ވިދާޅުވެފައި މި ވަނީ ދާދިފަހުން ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން އިންޑިއާގެ ޚާރިޖީ ސިޔާސަތު ގެންގުޅޭ ގޮތުން ހިތްހަމަޖެހިވަޑައި ނުގެން އެކަމަށް ފާޑުވިދާޅުވެފައި ވަނިކޮށެވެ.
ދެވަނަ ބޮޑު ހަނގުރާމަ ނިމުމަށްފަހު، 1947 ވަނަ އަހަރުގެ އޮގަސްޓްމަހުގެ ތެރޭގައި އޭރުގެ ބްރިޓިޝް އިންޑިއާގެ ތެރެއިން ޕާކިސްތާނު އަދި އިންޑިއާ އުފަންވެގެންދިޔަ ފަހުން އިންޑިއާ އާއި ޕާކިސްތާނުގެ ދެމެދުގައި ނުތަނަވަސް ކަން ބޮޑުވެ ބައެއް ކަންކަމުގައި ސީރިއަސް ދެބަސްވުންތައް ދެގައުމުގެ ދެމެދުގައި އުފެދިފައި އެބަހުއްޓެވެ.
އެގޮތުން ކަޝްމީރުގެ މިލްކުވެރިކަމުގެ މައްސަލައިގެ އިތުރުން އެއްގައުމު އަނެއް ގައުމުގެ މައްޗަށް ޓެރަރިޒަމް އަށް ވާގިވެރިވުމުގެ ތުހުމަތު ދަނީ ކުރަމުންނެވެ.