އިސްރާއީލުގެ ފައުޖެއް ވެސްޓްބޭންކަށް އަރައި ދިން ހަމަލާތަކެއްގައި ފަލަސްތީނުގެ ޒުވާނަކު ޝަހީދު ކޮށްލައި, އެންޖީއޯތަކެއް ބަންދުކޮށްފިއެވެ.
ވެސްޓްބޭންކްގެ ނާބްލޫސް ސަރަހައްދުގައި އިސްރާއީލުގެ ފައުޖުތައް ފުރަތަމަ ހަރަކާތްތެރިވާން ފެށީ ޔަހޫދީން ޔޫސުފްގެފާނުގެ މަގުބަރާއަށް ދިއުމަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ. ނަމަވެސް އެކަން ހުއްޓުވުމަށް ފަލަސްތީނުގެ ހަނގުރާމަވެރި ޖަމާއަތްތަކުން ހަމަލާދިނުމުން އިސްރާއީލުގެ ސިފައިން ވަނީ އެ ސަރަހައްދުގައި ތިބި އާއްމުންނަށް ވެސް ހަމަލާދީފައެވެ. އެގޮތުން، އިސްރާއީލުގެ ސިފައިން ދިން ބަޑީގެ ހަމަލާގައި ޝަހީދުވެފައިވަނީ އުމުރުން 20 އަހަރުގެ ނަސްރު ޚަލީފާއެވެ.
ނަސްރު އަކީ ނާބްލޫސް ސިޓީގެ އައްސޭރިފަށުގައި ހުންނަ ބަލާޓާ ރެފިއުޖީ ކޭމްޕްގައި ދިރިއުޅެމުން އައި ޒުވާނެކެވެ. އޭނާ ޝަހީދު ކޮށްލިއިރު ހުރީ ހަތިޔާރު އަޅައިގެން ކަމަށާއި އޭނާ އިސްރާއީލުގެ ސިފައިންނަށް ހަމަލާދިން ކަމަށް އިސްރާއީލުން ވަނީ ބުނެފައެވެ. ނަމަވެސް ފަލަސްތީނުން ވަނީ އެ ވާހަކަތައް ދޮގުކޮށްފައެވެ.
އިސްރާއީލުގެ ސިފައިން ދިން މިހަމަލާތަކުގައި ފަލަސްތީނުގެ 4 މީހަކު ވަނީ ޒަހަމްވެފައެވެ. މީގެ ތެރެއިން 3 މީހެއްގެ ހާލަތު ނާޒުކު ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓް ކުރެއެވެ.
މި ހަމަލާތަކަށްފަހު އިސްރާއީލުގެ ސިފައިން ވަނީ ވެސްޓްބޭންކުގެ ރާމައްޟާ ސަރަަހައްދުގައި ހުރި 7 އެންޖީއޯއެއް ބަންދުކޮށްފައެވެ. މިތަންތަން އިސްރާއީލުން ބަންދު ކުރީ ލިބަރޭޝަން އޮފް ފަލަސްތީނާ ގުޅުން އޮންނަ ތަންތަން ކަމަށްބުނެ "ޓެރަރިސްޓް" ޖަމިއްޔާތަކެއް ކަމަށް ތުހުމަތުކުރުމަށްފަހުއެވެ. މީގެ ތެރޭގައި ހިމެނެނީ އައްދަމީރު ޕްރިޒަނަރ ސަޕޯޓް އެންޑް ހިޔުމަން ރައިޓް އެސޯސިއޭޝަނާއި އަލް ޙައްގު ރައިޓްސް ގްރޫޕާއި ދަ ޔޫނިއަން އޮފް ފަލަސީތިނިއަން ވިމެން ކޮމިޓީ އާއި ދަ ޔޫނިއަން އޮފް އެގްރިކަލްޗުރަލް ވޯކް ކޮމިޓީސް އާއި ބިސަން ސެންޓަރ ފޯ ރިސަރޗް އެންޑް ޑެވެލޮޕްމަންޓް އަދި ޗާޕްޓަރ އޮފް ދަ ޖެނީވާ ބޭސްޑް ޑިފެންސް ފޯ ޗިލްޑްރެން އިންޓަރނޭޝަނަލް އާއި ޔޫނިއަން އޮފް ހެލްތު ވޯކް ކޮމިޓީއެވެ.
އިސްރާއީލުގެ ސިފައިން ވަނީ މި އެންޖީއޯތަކުގައ ތަޅުއަޅުވައި ދަގަނޑު ޖަހައި އޮފީސްތައް ބަންދުކޮށްފައެވެ. އަދި އެތަންތަނުގައި ހުރި ހުރިހާ އެއްޗެއް ވަނީ އިސްރާއީލުގެ ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މި އޮފީސްތައް ބަންދު ކުރުމާއި ގުޅިގެން އދ. އިން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން، އިސްރާއީލުން އެތަންތަން ބަންދު ކުރީ ކުރާ ތުހުމަތުތަކަށް ބާރުދޭ އެއްވެސް ހެއްކެއް ނެތި ކަމަށް އދ. އިން ވަނީ ބުނެފައެވެ.