ދެކުނު ކޮރެއާގެ ރައީސްއަށް އެންމެ ރަނގަޅުވާނީ ހަނު ހުންނެވުމުން ކަމަށް އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގ އުންގެ ކޮއްކޯފުޅު ކިމް ޔޯ ޖޮންގ ވިދާޅުވެއްޖެއެވެ.
އޭނާ އެހެން ވިދާޅުވީ ދެކުނު ކޮރެއާގެ ރައީސް ޔޫން ސޮކް ޔޯލް އިގްތިސާދީ ގޮތުން އުތުރު ކޮރެއާއަށް އެހީތެރިކަން ފޯރުކޮށްދެއްވަން ތައްޔާރަށް ހުންނެވިކަމަށް ވިދާޅުވުމާ ގުޅިގެންނެވެ. ނަމަވެސް އޭގެ ބަދަލުގައި ނިއުކްލިއަރ ހަތިޔާރުތައް މަދު ކުރުމަށް އެމަނިކުފާނު ވަނީ ޝަރުތު ކުރައްވާފައެވެ. މި ވާހަކަތައް މިދިޔަ މެއި މަހުން ފެށިގެން ދައްކަވަމުން ގެންދަވާއިރު ބުދަ ދުވަހު ވެސް އެމަނިކުފާނު ވަނީ އެވާހަކަ ތަކުރާރު ކުރައްވާފައެެވެ.
މި ވާހަކަތަކާ ގުޅިގެން ކިމް ޖޮންގ އުންގެ ކޮއްކޯފުޅު ކިމް ޔޯ ޖޮންގ ދެކުނު ކޮރެއާގެ ރައީސަށް ރައްދު ދެއްވާފައިވާއިރު މިއީ އުތުރު ކޮރެއާގެ އިސް ބޭފުޅަކު މިކަމާ ގުޅިގެން ރަސްމީކޮށް ވާހަކަ ދެއްކެވި ފުރަތަމަ ފަހަރެވެ.
ކިމް ޔޯ ޖޮންގ ވިދާޅުވީ ޔޫން ސޮކް ޔޯލްއަށް މިވަގުތު އެންމެ ރަނގަޅު ގޮތަކީ ބޭކާރު ވާހަކަތައް ދެއްކުމަށްވުރެެ ހަނު ހުންނެވުން ކަމަށެވެ. އަދި އެމަނިކފާނު ދައްކަވާ ވާހަކަފުޅަކީ ތާކުންތާކު ނުޖެހޭ ވާހަކަތަކެއްގޮތުގައި އޭނާ ވަނީ ސިފަކުރައްވާފައެވެ.
ދެކުނު ކޮރެއާގެ ޔުނިފިކޭޝަން މިނިސްޓްރީން ވަނީ ކިމް ޔޯ ޖޮންގގެ މި ވާހަކަތަކަށް ރައްދު ދެއްވާފައެވެ. އެ މިނިސްޓްރީން ބުނެފައިވަނީ އުތުރު ކޮރެއާގެ ވިސްނުން އެގޮތަށް ހުރި ނަމަ އެ ޤައުމު ބައިނަލްއަގުވާމީ މައިދާނުގައި އެކަނިވެރިވެ، އިގްތިސާދީ ގޮތުން ދިމާވެފައިވާ ދަތިކަން އިތުރަށް ބޮޑުވެގެންދާނެ ކަމަށެވެ.