ވެޓެރެންސް ކަޕް ފުޓުބޯޅަ މުބާރާތުގައި ވެލެންސިއާ ބަލިކުރުމަށް ފަހު، ދެވަނަ ބުރުގެ ގުރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.
އެފްއޭއެމްގެ އެއް ނަމްބަރު ޓާފްގައި ހުކުރު ދުވަހު ހަވީރު ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗް ނިއުއިން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. މުބާރާތުގައި މި ދެޓީމް އެންމެ ފުރަތަމަ ބައްދަލުކުރި މެޗް 3-0 އިން ކާމިޔާބުކުރީ ވެލެންސިއާ އިންނެވެ.
ހުކުރު ދުވަހުގެ މެޗުގައި ނިއުއަށް ލަނޑުތައް ކާމިޔާބު ކޮށްދިނީ ހުސްނީ އަބަދުލް ރަހްމާން އަދި ޢަލީ ޝަމީމް (ކޮޔަރު އައްޔަ) އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ކޮޔަރު އައްޔަ ހޮވުނުއިރު 45 އަހަރުން މަތީގެ މޮޅު ކުޅުންތެރިޔާ އަކަށް ހޮވުނީ އިއްޝާގް މުހަންމަދެވެ.
ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ނިއުރޭޑިއަންޓް އާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބައްދަލުކުރާއިރު، މި މެޗުން މޮޅުވާ ޓީމަކަށް ފައިނަލުން ސީދާ ޖާގައެއް ލިބޭނެއެވެ. ބަލިވާ ޓީމެއް ޖެހޭނީ ތިންވަނަ ސެމީގައި ކުޅޭށެވެ. ތިން ވަނަ ސެމީގައި އަނެއްކޮޅުން ވާދަކުރާނީ ދެ ވަނަ ސެމީގައި ސިފައިންގެ ކުލަބާއި ވެލެންސިއާ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމެކެވެ. ސިފައިން ސެމީއިން ޖާގަހޯދީ ގްރޫޕް އޭގެ ދެވަނަ ޓީމުގެ ގޮތުގައެވެ. ހުކުރު ދުވަހު ނިއު އަތުން ބަލިވި ވެލެންސިއަށް ސެމީއިން ޖާގަ ލިބެނީ ގުރޫޕް ބީގެ ދެވަނަ ޓީމުގެ ގޮތުގައެވެ.
މޯލްޑިވްސް ސޮކާމޭޓް އިން އިންތިޒާމުކޮށްގެން ކޮންމެ ރަމަޝާން މަހަކު ބާއްވަމުން އަންނަ މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ ކްލަބް ވެލެންސިއާއެވެ. ވެލެންސިއާއިން ވަނީ 4 ފަހަރު މި މުބާރާތް ކާމިޔާބުކޮށްފައެވެ. ފާއިތުވި އަހަރު ފައިނަލުގައި ވެލެންސިއާ ބަލިކުރުމަށްފަހު މުބާރާތް ކާމިޔާބުކުރީ ނިއުރޭޑިއަންޓުންނެވެ. އެކުލަބުން ވަނީ ދެ ފަހަރު މި މުބާރާތް ކާމިޔާބުކޮށްފައެވެ.
ނިއުރޭޑިއަންޓާއި މާޒިޔާ ބައްދަލުކުރާ ސެމީ ފައިނަލުގެ ފުރަތަމަ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ އާދިއްތަ ދުވަހު ހަވީރު 16:15 ގައި އެއް ނަމްބަރު ޓާފް ދަނޑުގައެވެ.