މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން ހުޅުމާލޭގައި ޤާއިމްކުރާ ޑޮމެސްޓިވް ވަޔަލެންސް (ޑީވީ) ޝެލްޓަރގެ ބިމުގެ ޕަރޗޭސް އެގްރީމަންޓުގައި ސޮއިކޮށްފިއެވެ.
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން(އެޗްޑީސީ) ގައި ބޭއްވުނު މިރަސްމިއްޔާތުގައި ޕަރޗޭސް އެގްރީމަންޓުގައި ސޮއި ކުރެއްވީ ޖެންޑަރ މިނިސްޓްރީގެ އިތުރުން މިނިސްޓްރީ އޮފް ފިނޭންސް އަދި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އިންނެވެ.
މި އެގްރީމަންޓްގައި ޖެންޑަރ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޢާއިޝަތު މުޙައްމަދުދީދީއެވެ. މިނިސްޓްރީ އޮފް ފިނޭންސްގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އިބްރާހިމް އަމީރެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަޙްމަދެވެ.
ހުޅުމާލޭގައި ޤާއިމްކުރާ ޑީވީ ޝެލްޓަރ ގައި ފަސް އަހަރަށް ބަހާލެވިގެން ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވާ “ސްޓްރެންތަނިންގ ޖެންޑަރ އިންކްލޫސިވް އިނީޝިއޭޓިވް” އަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)ގެ ފަންނީ އަދި މާލީ އެހީތެރިކަމާއެކު ކުރިޔަށް ގެންދާ މަޝްރޫޢުގައި ހިމެނޭ އެއްބަޔެވެ. މި މަޝްރޫޢުގެ މައިގަނޑު މަޤްސަދަކީ ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާ ނުވަތަ ގެވެށި އަނިޔާގެ ޝިކާރައަކަށްވެގެން ހުށަހެޅޭ މައްސަލަތަކުގައި ހިމެނޭ ފަރާތްތަކަށް ބޭނުންވާ ވަގުތީ ރައްކާތެރިކަން ފޯރުކޮށްދިނުމެވެ. މީގެ އިތުރުން ލާމަރުކަޒީކޮށް ޚިދުމަތް ދިނުމުގައި މިންތީގެ ނަޒަރިއްޔާތު ހިމަނައިގެން ނަތީޖާ ޙާސިލުކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތައް ތަންފީޒުކުރުމާއި، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑީގައި ހިމެނޭ މިންތީގެ ހަމަހަމަކަން ޤާއިމްކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާއި، އަދި ސްޓެރިޓީޖިކް އެކްޝަން ޕްލޭން (ސެޕް)ގެ މިންތީގެ ހަމަހަމަކަން ޤާއިމުކުރުމަށް ކަނޑައަޅާފައިވާ ސިޔާސަތުތައް ތަންފީޒުކުރެވޭނެއެވެ.
ހުޅުމާލޭގައި ޤާއިމްކުރާ ޑީވީޝެލްޓަރ އަކީ ސޭފް ހޯމް ކޮންސެޕްޓްގެ ދަށުން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)ގެ ފަންނީ އަދި މާލީ އެހީތެރިކަމާއެކު ރާއްޖޭގެ 3 ސަރަހައްދެއްގައި (ހުޅުމާލެ، ރ.އުނގޫފާރު، އައްޑޫ ސިޓީ ހިތަދޫ) ޤާއިމް ކުރުމަށް ކަނޑައަޅާފައިވާ 3 މަރުކަޒުގެ ތެރެއިން 1 މަރުކަޒެވެ.