ކެންޔާގެ ފަރުބަދަމަތީގެ އަވަށެއްކަމަށްވާ އެލްޑޮރެޓްގެ އަހުލުވެރިން އޭނާ ދަންނަނީ ފައިވާނަކަށްވެސް ނާރައި މަގުމަތީގައި ކުކުޅު ވިއްކަން އުޅުނު ސްކޫލް ކުއްޖާގެ ގޮތުގައެވެ. އެމީހުން ހަނދާންހުންނަ ގޮތުގައި އޭރުވެސް އޭނާއަކީ އާދަޔާ ޚިލާފު ތޫނުފިލިކަމެއް ހުންނަ ކުއްޖެކެވެ. ހޯމަ ދުވަހު އޭނާ ގައުމުގެ ރައީސްކަމާ ހަވާލުވެވަޑައިގެންނެވި ޚަބަރު އެއަވަށުގެ މީހުން އެހީ ފަޚުރުވެރިކަމާއި އަދި ގަބޫލުކުރަން ދަތި ކަހަލަ އިހުސާސްތަކަކާއެކުގައެވެ.
ކެންޔާގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވައި، ރައީސަށް ވެވަޑައިގެންނެވި ވިލިއަމް ރޫޓޯއާބެހޭގޮތުން، އޭނާއެކު ސްކޫލްގައި އުޅުނު އަންހެނަކު ބުނިގޮތުގައި، ޕްރައިމަރީ ސްކޫލްގައި ހޭދަވި ހުރިހާ ދުވަހަކުވެސް އަރާނެ ފައިވާނެއްވެސް ނެތިފައި ހުރި ކުއްޖަކު، ބޮޑުވެގެން ރައީސްކަމަށް އަތުވެދާނެކަމަށް ހިތަށްވެސް ނާރައެވެ. އޭނާ ބުނީ ރައީސްކަމަށް އަންނަ ހުރިހާ މީހުންނަކީވެސް މުއްސަނދި އާއިލާތަކަށް ނިސްބަތްވާ މީހުން ކަމަށް އޭނަ ކުރިން ހީކުރި ކަމަށެވެ. އޭނާ ބުނި ގޮތުގައި ކިތަންމެ ފަގީރު ކޮން ފެނުނު ނަމަވެސް އޭރު ދިޔަ އަވަށު މަދަރުސާގަ ވެސް އަބަދުވެސް އެންމެ މަތީ މަރކްސް ހޯއްދަވާނީ ވިލިއަމް ރޫޓޯ އެވެ.
ކެންޔާގެ އެންމެ ބާރުގަދަ ދެސިޔާސީ ލީޑަރުން ބަލި ކުރައްވާ ރޫޓޯ ކެންޔާގެ ރައީސް ކަމާ ހަވާލުވެ ވަޑައިގަންނަވާ އިރު އެގައުމަށް ވަނީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ. މިގޮތުން ކުރީގެ ރައީސް އުހުރު ކެންޔާޓާ އުމްރާނީ ތަރައްގީގެ ބިޔަ މަޝްރޫ ތަކަކަށް ނަންގަވާފައިވާ ބިލިއަން ޑޮލަރުގެ ލޯން އަނބުރާ ދެއްކުމުގެ ވަގުތު އަންނަނީ ކައިރި ވަމުންނެވެ. އަނެއްކޮޅުން ފާއިތުވި 40 އަހަރުތެރޭވެސް ކެންޔާއަށް ކުރިމަތިވެފައިނުވާ ވަރުގެ ހަނަފަސްކަން ވަނީ ކުރިމަތި ވެފައެވެ. ވުމާއި އެކު ހަތަރު މިލިއަނެއްހާ މީހުންނަށް ވަނީ ކާނާގެ އެހީ ފޯރުކޮށްދޭންޖެހިފައެވެ.
އުމުރުފުޅުން 55 އަހަރުގެ ވިލިއަމް ރޫޓޯ އޭނާގެ ކެމްޕެއިންގައި ބޭނުންކުރެއްވީ ކެންޔާގައި އޮންނަ ފެންވަރުގެ ތަފާތު ކުރުން ނައްތާ ލައްވާނެ ކަމަށް ވިދާޅުވެގެންނެވެ.
ކެންޔާގެ ފަސްވަނަ ރައީސް ވިލިއަމް ރޫޓޯ އިންތިޚާބް ކާމިޔާބް ކުރެއްވީ ސިޔާސީ ގޮތުން އެންމެ ކުރީގައި އުޅުއްވާ ދެބޭފުޅުން ކަމަށްވާ ކުރީގެ ރައީސް ކެންޔާޓާ އަދި އެންމެ ގާތުން ވާދަ ކުރެއްވި ރައީލާ އޮޑިންގާ ބަލި ކުރައްވާފައެވެ. ކެންޔާގެ ރިޔާސީ އިންތިޚާބުގެ ވޯޓުގެ ނަތީޖާ އިއުލާން ކުރުމުން އެ ޤައުމުގެ އިލެކްޝަންގެ ސީނިއަރ އޮފިޝަލުންތަކެއް ވަނީ ނަތީޖާ ގަބޫލު ނުކުރާ ކަމަށް ބުނެފައެވެ. ނަމަވެސް ފަހުން ވަނީ ނަތީޖާ ގަބޫލުކޮށްފައެވެ. އަދި އިލެކްޝަން ކޮމިޝަނަރ ވަނީ އިންތިކާބް ކާމިޔާބް ކުރެއްވި ކަމުގެ ލިއުން ވިލިއަމް ރޫޓޯ އާއި ހަވާލު ކުރައްވާފައެވެ.
ވިލިއަމް ރޫޓޯ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވީ 50.49 އިންސައްތަ ވޯޓުންނެވެ. ރޫޓޯއާއި އެންމެ ގާތުން ވާދަކުރެއްވި ރައިލާ އޮޑިންގާއަށް ލިބިވަޑައިގެންނެވީ 48.5 އިންސައްތަ ވޯޓެވެ. އެ ޤައުމުގެ ވެރިކަމަށް އައުމަށް 50 އިންސައްތަ ވޯޓުގެ އިތުރުން އެއް ވޯޓު އިތުރަށް ލިބެން ޖެހެއެވެ.
ވިލިއަމް ރޫޓޯ ކެންޔާގައި ސިޔާސީ ގޮތުން ކުރިއެރުން ހޯއްދަވަން ފެއްޓެވީ ޔޫތު އޯގަނައިޒަރ އެއްގެ ހައިސިއްޔަތުންނެވެ. އަދި އޭރު ހުންނެވި ރައީސް ޑެނިއަލް އެރެޕް މޮއީ ގެ އަރިހުގައި މަސައްކަތް ފެއްޓެވި އެވެ. އެއަށް ފަހު ކެންޔާގެ އެންމެ ހަގު މަޖިލިސް މެމްބަރު ކަން އަދި އޭގެފަހުން މިނިސްޓަރު ކަންވެސް ކުރައްވާފައި ވެއެވެ.
ރައީސް ކަމަށް ކުރިމަތި ލެއްވި އިރު ހުންނެވީ ނާއިބް ރައީސްގެ މަގާމުގައެވެ.