ކ. މާލެ
|
15 އޯގަސްޓް 2022 | ހޯމަ 15:25
ސަލްމާން ރުޝްދީ
ސަލްމާން ރުޝްދީ
ގެޓީ އިމޭޖަސް
ސަލްމާން ރުޝްދީ
ސަލްމާން ރުޝްދީއަށް ހަމަލާދިނުމުގައި ބައިވެރިނުވާކަމަށް އީރާނުން ބުނެފި
ސަލްމާން ރުޝްދީއަކީ އިސްލާމްދީނަށް ފުރައްސާރަކޮށް ލިޔުންތައް ލިޔެފައިވާ މީހެއް

ލިއުންތެރިޔާ ސަލްމާން ރުޝްދީއަށް ދެވުނު ހަމަލާގައި އީރާންގެ އެއްވެސް ބައިވެރިވުމެއް ނުވާނެކަމަށް އެގައުމުން ބުނެފިއެވެ.

އުމުރުން 75 އަހަރުގެ، އިނގިރޭސި ލިއުންތެރިޔާ އެމެރިކާގެ ނިއުޔޯރކްގެ ތައުލީމީ އިންސްޓިޓިއުޝަނެއްގައި ތަގުރީރު ކުރަން ތައްޔާރު ވަނިކޮން ވަނީ މީހަކު އޭނާއަށް ވަޅިން ހަމަލާދީފައެވެ. ހަމަލާއަށްފަހު ފުރަތަމަ ރިޕޯޓްތައް ބުނި ގޮތުން އޭނާއަށް ވަނީ ސީރިއަސް ޒަޚަމް ތަކެއް ލިބިފައެވެ. އަދި އަމިއްލައަށް ނޭވާނުލެވޭތީ ވެންޓިލޭޓަރަށްލައި، ސަރޖަރީތައް ހެދިއެވެ. ނަމަވެސް މިހާރު ވަނީ ވެންޓިލޭޓަރުން ނަގާފައެވެ. އަދި ވާހަކަދައްކާހެދޭކަމަށް ފަހުގެ ޚަބަރުތައް ބުނެއެވެ.

މިހަމަލާއާ ގުޅިގެން އީރާންގެ މީޑިޔާގައި އެކިގޮތްގޮތަށް ވާހަކަތައް ހުރި ނަމަވެސް، ހޯމަ ދުވަހު ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ނާސިރު ކަންނާނީ ވަނީ، އެހަމަލާއާ އީރާނާ ގުޅުވުމުގެ ހައްގެއް އެއްވެސް ފަރާތަކަށް ނޯންނާނެކަމަށް ބުނެފައެވެ. ތަރުޖަމާނު ބުނީ، ބަސްބުނުމުގެ މިނިވަން ކަމުގެ ނަމުގައި އިސްލާމް ދީނަށް އިހާނެތިވާގޮތަށް ސަލްމާން ރުޝްދީއަށްވެސް ލިއުންތައް ނުލިޔެވޭނެކަމަށެވެ. އަދި މިހަމަލާއާ ގުޅިގެން އީރާނުން ކުށްވެރިކުރާނީ ހަމައެކަނި ލިއުންތެރިޔާއާއި އޭނާގެ ސަޕޯޓަރުން ކަމަށާއި، މިހަމަލާއާއި ގުޅޭގޮތުން މީޑިޔާގައި ހާމަވި އެއްޗެއް ފިޔަވައި އެހެން އެއްވެސް މައުލޫމާތެއް އީރާނަށް ނޭނގޭކަމަށްވެސް ބުނެފައިވެއެވެ.

ސަލްމާން ރުޝްދީއަކީ ކީރިތި ރަސޫލާ صلى الله عليه وسلم އަށާއި އިސްލާމްދީނަށް ފުރައްސާރަކޮށް ލިއުންތައް ލިޔެގެން މަޝްހޫރުކަން ހޯދާފައިވާ ފަރާތެކެވެ. އޭނާ ލިޔުނު ލިޔުނު ފޮތް "ދަ ސެޓަނިކް ވަރސަސް"ގެ ސަބަބުން، އޭނާއަކީ މަރާންޖެހޭ މީހެއްކަމަށް ބުނެ 1988ގައި އީރާނުން ފަތުވާއެއް ނެރުމުން އޭނާ މިހާތަނަށްވެސް އުޅެމުން އައީ ފިލައިގެންނެވެ.

- ކޮމެންޓް