ފާޅުގައި ދީނަށް ފުރައްސާރަ ކުރަމުންދިޔަ މައްސަލައިގައި ކުށް ސާބިތުވެފައިވާ މުޙައްމަދު ރުސްތުމް މުޖުތަބާގެ މައްޗަށް އުފުލާފައިވާ ދީނީ އެއްބައިވަންތަކަން ނަގާލުމަށް މަސައްކަތް ކުރުމުގެ ކުށުގެ ދައުވާގެ އަޑުއެހުމެއް އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.
ރުސްތުމްގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުވާކަމަށް ކަނޑައަޅާފައިވަނީ 10 އޯގަސްޓުގައި ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައެވެ.
އެ ދުވަހުގެ އަޑުއެހުމުގައި އޭނާ ވަނީ އޭނާގެ މައްޗަށް ކުރާ 2 ދައުވާއަށްވެސް އެއްވެސް މަޖުބޫރުކަމެއް ނެތި އިއުތިރާފުވާކަން ބަޔާންކޮށް އޭނާގެ އިއުތިރާފު ދަމަހައްޓާފައެވެ. ވުމާއެކު ގާޒީ ވަނީ އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށް ނިންމަވާފައެވެ.
މި މައްސަލަ ކްރިމިނަލް ކޯޓުގައި ބައްލަވަނީ ގާޒީ މުޙައްމަދު މިސްބާޙުއެވެ.
އާދިއްތަ ދުވަހުގެ އަޑުއެހުމަކީ މި މައްސަލައިގެ ޙުކުމް ކުރެއްވުމަށް ބޭއްވި އަޑުއެހުމެވެ.
ދައުލަތުން ބުނާ ގޮތުގައި އޭނާ އިއުތިރާފުވެފައިވާތީ ދީނީ އެއްބައިވަންތަކަށް ނަގާލުމަށް މަސައްކަތް ކުރުމުގެ ކުށުގެ ދައުވާގައި އަންނާނެ އަދަބަކީ 3 މަހާއި 18 ދުވަހުގެ (108 ދުވަހުގެ) ޖަލު ޙުކުމެކެވެ.
މި ޙާލަތުގައި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގައި އޭނާއަށް އަންނާނީ 18 ދުވަހުގެ ޖަލު ޙުކުމެއްކަން ދައުލަތުން ފާހަގަ ކުރެއެވެ.
އޭނާގެ މައްޗަށް ކުށް ސާބިތުވެފައިވާއިރު، އޭނާ ބަންދުގައި 6 މަސް (185 ދުވަސް) ހޭދަކޮށްފައިވާތީ އޭނާގެ މައްޗަށް ކުށް ސާބިތުވެ 126 ދުވަހުގެ ޖަލު ޙުކުމެއް އައި ނަމަވެސް، އޭނާ ތަންފީޒު ކުރަން ޖެހޭނެ ޖަލު އަދަބެއް ނޯންނާނެކަން ދައުލަތުން މި އަޑުއެހުމުގައިވެސް ފާހަގަކުރިއެވެ.
މައްސަލަ ބައްލަވާ ގާޒީވެސް ވަނީ އޭނާ ބަންދުގައި ހުރި މުއްދަތު އަދަބުން އުނިކުރުމުން އިތުރަށް ތަންފީޒު ކުރަންޖެހޭ ޙުކުމެއް ނެތްކަމަށް ބަޔާން ކުރައްވައި އެގޮތުގެ މަތިން ޙުކުމް ކުރައްވާފައެވެ.
ރުސްތުމް ވަނީ ސޯޝަލް މީޑިޔާގެ ޕްލެޓްފޯމުތަކުގައި ކީރިތި ރަސޫލާއަށާއި، އިސްލާމް ދީނަށް ނިސްބަތްކޮށް ހުތުރު ބަހުން ވާހަކަ ދައްކާފައެވެ.