ކ. މާލެ
|
14 އޯގަސްޓް 2022 | އާދީއްތަ 08:12
ލީގުގައި ޕީއެސްޖީން ކުޅުނު މެޗުގެ ތެރެއިން
ލީގުގައި ޕީއެސްޖީން ކުޅުނު މެޗުގެ ތެރެއިން
ޕީއެސްޖީ
ފްރާންސް ލީގު
މޮންޓެޕިއޭ ބަލިކޮށް ޗެމްޕިއަން ޕީއެސްޖީން ކުރިއަށް
ޕީއެސްޖީގެ ދަނޑުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކުރީ 5-2 އިން

ފްރާންސް ލީގުގައި މޮންޓެޕިއޭއާ ދެކޮޅަށް ކުޅުނު މެޗުން ކާމިޔާބުކޮށް ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އިން މޮޅުވުން ދަމަހައްޓައިފިއެވެ.

ޕީއެސްޖީގެ ދަނޑުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކުރީ 5-2 އިންނެވެ.

މެޗުގެ 23 ވަނަ މިނެޓުގައި ޕީއެސްޖީއަށް ވަނީ ލީޑު ނެގުމަށް ރަނގަޅު ފުރުސަތެއް ލިބިފައެވެ. ޕީއެސްޖީއަށް ލިބުނު ޕެނަލްޓީއެއް ކީލިއަން އެމްބާޕޭ ފޮނުވާލި ނަމަވެސް، ޕެނަލްޓީ ވަނީ ނާކާމިޔާބުވެފައެވެ. އޭގެ ފަހުން މެޗުގެ 39 ވަނަ މިނެޓުގައި ޕީއެސްޖީއަށް ލީޑު ލިބުނީ މޮންޓެޕިއޭގެ ސަކޯ އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ޕީއެސްޖީން ވަނީ ލީޑު ފުޅާކޮށްފައެވެ. އެއީ 43 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ނޭމާ ޖޫނިއަރ ކާމިޔާބުކުރި ލަނޑުންނެވެ.

ދެ ވަނަ ހާފު ފަށައިގެން މެޗުގެ 51 ވަނަ މިނެޓުގައި ނޭމާ ވަނީ އިތުރު ލަނޑެއް ޖަހައި ޕީއެސްޖީގެ ލީޑު އިތުރަށް ފުޅާކޮށްދީފައެވެ. އޭގެ ހަތް މިނެޓު ފަހުން މޮންޓެޕިއޭގެ ޚަޒްރީ ވަނީ އެ ޓީމަށް ލަނޑެއް ޖަހައިދީފައެވެ. ޕީއެސްޖީގެ ހަތަރު ވަނަ ލަނޑަކީ މެޗުގެ 69 ވަނަ މިނެޓުގައި އެމްބާޕޭ ޖަހައިދިން ލަނޑެވެ. އޭގެ ފަހުން 85 ވަނަ މިނެޓުގައި ނޭމާ ވަނީ ލަނޑެއް ޖަހައި އޭނާގެ ހެޓްރިކް ހަމަކޮށްފައެވެ. ނަމަވެސް، ވީއޭއާރު ބެލުމަށްފަހު ރެފްރީ ވަނީ އެ ލަނޑު ބަލައިނުގަތުމަށް ނިންމާފައެވެ. އޭގެ ތިން މިނެޓު ފަހުން ރެނާޓޯ ސަންޗޭސް ވަނީ ޕީއެސްޖީގެ ފަސް ވަނަ ލަނޑު ޖަހާފައެވެ. މެޗުގެ ފަހު ވަގުތުގެ ތެރޭގައި މޮންޓެޕިއޭ އިން ވަނީ ލަނޑެއް ޖަހާފައެވެ.

ފްރާންސް ލީގުގައި ރެނެސް އާއި މޮނާކޯ ބައްދަލު ކުރި މެޗުން ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

މި ނަތީޖާއާއެކު މެޗު ނިމުނުއިރު، ލީގުގައި މިހާތަނަށް ކުޅުނު ދެ މެޗުން ލިބުނު ހަ ޕޮއިންޓާއެކު ޕީއެސްޖީ އޮތީ އެއް ވަނައިގައެވެ. ދެ ވަނައިގައި އޮތް ލީލް އާއި ތިން ވަނައިގައި އޮތް މޮނާކޯއަށް ދެ މެޗުން ލިބެނީ ހަތަރު ޕޮއިންޓެވެ. ހަތަރު ވަނައިގައި އޮތް މާސޭއަށް ލިބެނީ ތިން ޕޮއިންޓެވެ.

- ކޮމެންޓް