ގދ. އަތޮޅުގައި ހިންގާ އަމާރީ ހަވޮއްޑާ މޯލްޑިވްސް ރިސޯޓް ވިއްކާލަން ނިންމާ ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ޖޭއެލްއެލް އިން ހުޅުވާލައިފިއެވެ.
ޖޭއެލްއެލް އިން ބުރާސްފަތި ދުވަހު ކުރި އިއުލާނެއްގައި ބުނީ ހަވޮއްޑާ އަކީ 2016 ވަނަ އަހަރު ރިސޯޓް ހުޅުވި ފަހުން ގެއްލުން ނުވެ ހިންގަމުން ދިޔަ ރިސޯޓަކަށް ވާތީ އެ ރިސޯޓް ގަންނަ ފަރާތަކަށް ދެ ފައިދާއެއް ލިބޭނެ ކަމަށެވެ. އެގޮތުން ފައިދާވާ އިންވެސްޓްމަންޓެއް ވަގުތުން ލިބުމާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ވިޔަފާރިކުރަން ފުރުސަތު ލިބިގެން ދާނެ ކަމަށެވެ.
މި ރިސޯޓް ގަންނަ ބަޔަކަށް އެ ބައެއްގެ އަމިއްލަ ބްރޭންޑްގައި ރިސޯޓް ހިންގުމުގެ ފުރުސަތުވެސް ލިބިގެންދާނެ ކަމަށް ވަނީ ފާހަގަކޮށްފައެވެ. އަމާރީ ހަވޮއްޑާ ރިސޯޓް ވިއްކާލުމުގެ މަސައްކަތް ކޮށްދޭ ޖޭއެލްއެލް އިން ވަރަށް ފަހުން ވަނީ ރާއްޖޭގެ އެންމެ ބޮޑު އެއް ޓޫރިޒަމް ކުންފުނި ޔުނިވާސަލްގެ ހިއްސާ އޮތް މަޝްހޫރު ދެ ރިސޯޓް ވެސް ވިއްކަދީފައެވެ.
ހަވޮއްޑާގައި 240 އެނދާއި 120 ކޮޓަރި ހުރެއެވެ.