ކ. މާލެ
|
16 ޖޫން 2017 | ހުކުރު 17:29
ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ކްރިސްޓިއާނޯ ރޮނާލްޑޯ
ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ކްރިސްޓިއާނޯ ރޮނާލްޑޯ
ގޯލް.ކޮމް
ކްރިސްޓިއާނޯ ރޮނާލްޑޯ
ރެއާލް މެޑްރިޑް ދޫކޮށްލަން ރޮނާލްޑޯ ނިންމައިފި
ރޮނާލްޑޯ ރެއާލް ދޫކޮށްލަން ނިންމީ ޓެކްސްއަށް މަކަރު ހެދިކަމަށް ތުހުމަތުކުރާތީ
ރޮނާލްޑޯ ކުރިޔަށް އޮތް ސީޒަނުގައި ފެންނާނީ އެހެން ކްލަބަކުން

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެ ކްލަބް ދޫކޮށްލަން ނިންމައިފި ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޕޯޗުގަލްގެ ޑެއިލީ ނޫހެއްކަމަށްވާ އަބޯލާ އިން ބުނީ ރޮނާލްޑޯ ރެއާލް ދޫކޮށްލަން ނިންމާފައިވާ ކަމަށާއި، ކުރިޔަށް އޮތް ސީޒަނުގައި އޭނާ ފެނުން ކައިރީ އެހެން ކްލަބަކުން ކަމަށެވެ.

މީގެއިތުރުން ސްޕެއިންގެ މަޝްހޫރު ނޫހެއްކަމަށް މާސާ އިން ވެސް ވަނީ ރޮނާލްޑޯ ރެއާލް ދޫކޮށްލަން އުޅޭކަމަށް ބުނެ ރިޕޯޓްކޮށްފައެވެ. މާސާ އިން ބުނީ ރޮނާލްޑޯ އެ ކްލަބު ދޫކޮށްލަން ނިންމާފައިވަނީ އޭނާއަށް ސްޕެއިންގެ ޓެކްސް އޮފީހުން ތުހުމަތުކޮށްފައިވާ ޓެކްސް މައްސަލައާ ގުޅިގެންނެވެ.

ސްޕެއިންގެ ޓެކްސް އޮފީހުން ވަނީ ރޮނާލްޑޯ 14.7 މިލިއަން ޔޫރޯއަށް މަކަރުހަދާފައިވާ ކަމަށް ބުނެފައެވެ. އެހެންނަމަވެސް ރޮނާލްޑޯ ވަނީ މިކަންތައް ދޮގުކޮށްފައެވެ. އެގޮތުން އޭނާ ބޭނުންވަނީ ސްޕެއިން ދޫކޮށްލަންށެވެ.

ރޮނާލްޑޯގެ ނިންމުން ބަދަލުކުރުމަށް ރެއާލް އިން އަންނަނީ އޭނާއާ މަޝްވަރާކުރަމުން ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. އެހެންނަމަވެސް ރޮނާލްޑޯ ވަނީ ދޮގު ތުހުމަތުތަކުގައި އިތުރަށް ބަދުނާމުވާން ބޭނުންނުވާކަމަށް ބުނެފައިކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ރޮނާލްޑޯ އަށް ހަފްތާއެއްގެ މައްޗަށް 400،000 ޔޫރޯ ރެއާލް އިން ލިބޭކަމަށް ރިޕޯޓްތައް ބުނާއިރު، އޭނާ އަށް އަހަރެއްގެ މައްޗަށް 82.5 މިލިއަން ޔޫރޯ ލިބޭކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ރޮނާލްޑޯ ރެއާލްގައި 2021 ވަނަ އަހަރުގެ ނިޔަލަށް މަޑުކުރަން ނިންމާފައިވާއިރު، އޭނާ ވަނީ އެ ކްލަބުގައި ރިޓަޔާކުރަން ބޭނުންވާކަމަށްވެސް މީގެކުރިން ބުނެފައެވެ. އެގޮތުން ރެއާލްގެ ޖޯޒީއަކީ ލާން އެންމެ ފަސޭހަ ޖޯޒީކަމަށްވެސް އޭނާ ވަނީ މީގެކުރިން ބުނެފައެވެ.

ސްޕޯޓިން އިން ކެރިޔަރު ފެށި އުމުރުން 32 އަހަރުގެ ރޮނާލްޑޯ ވަނީ މެންޗެސްޓާ ޔުނައިޓެޑަށްވެސް ކުޅެފައެވެ. އެގޮތުން އޭނާ ވަނީ އެ ކްލަބަށް ކުޅުނު 292 މެޗުގައި 118 ލަނޑު ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ ޔުނައިޓެޑާއެކު ތިން ޕްރިމިއާ ލީގް، އެފްއޭކަޕް، ޔުއެފާ ޗެމްޕިއަންސް ލީގު، ފީފާ ކްލަބް ވޯލްޑްކަޕް، ފުޓްބޯލް ލީގު ކަޕް ދެފަހަރު އަދި އެފްއޭ ކޮމިއުނިޓީ ޝިލްޑް ވެސް ކާމިޔާބުކޮށްފައެވެ.

ރެއާލް އަށް 2009 ވަނަ އަހަރު ރެކޯޑު އަގަކަށް ބަދަލުވި ރޮނާލްޑޯ ވަނީ އެ ކްލަބަށް މިވީތަނަށް ކުޅުނު 394 މެޗުގައި 406 ލަނޑު ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ ރެއާލްއާއެކު ތިން ޗެމްޕިއަންސް ލީގު، ދެ ލީގު ތަށި، ދެ ކޮޕާޑެލްރޭ، ސްޕެނިޝް ސުޕާކަޕް، ޔުއެފާ ސުޕާކަޕް އަދި ފީފާ ކްލަބް ވޯލްޑްކަޕް ދެފަހަރު ކާމިޔާބުކޮށްފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް