ކ. މާލެ
|
11 އޯގަސްޓް 2022 | ބުރާސްފަތި 18:05
ކްރައިމިއާގައި ހުންނަ ރަޝިއާގެ އެއަރބޭހަށް ގެއްލުންތަކެއް ލިބިފައިވާކަމަށް ސެޓެލައިޓް ފޮޓޯއިން ދައްކާ
ކްރައިމިއާގައި ހުންނަ ރަޝިއާގެ އެއަރބޭހަށް ގެއްލުންތަކެއް ލިބިފައިވާކަމަށް ސެޓެލައިޓް ފޮޓޯއިން ދައްކާ
ބްލޫމްބާރްގް
ރަޝިއާ-ޔޫކްރެއިން ހަނގުރާމަ
ކްރައިމިއާގައި ހުންނަ ރަޝިއާގެ އެއަރބޭހަށް ހަމަލާތަކެއް އަމާޒުވެއްޖެ
އެއަރބޭހުގައި ހުރި އިމާރާތްތަކަށް އަމާޒުވާގޮތަށް ތިން ހަމަލާއެއް ދީފައިވާކަން ފޮޓޯތަކުން ދައްކާ
ހަމަލާތަކުގެ ސަބަބުން ބޭހުގައި އަލިފާން ރޯވެ، ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް ރޮއިޓަރސްއިން ވަނީ ރިޕޯޓުކޮށްފައި
ކްރައިމިއާގެ އެއަރބޭހަށް އަމާޒުވެގެން ދިޔަ މިހަމަލާތަކާއެކު، ޔޫކްރެއިނަށް އައު ދުރުރާސްތާ ހަތިޔާރުތަކެއް ލިބިފައިވާކަން ދޭހަވާކަމަށް ވަނީ ރިޕޯޓުކޮށްފައި

ކްރައިމިއާގައި ހުންނަ ރަޝިއާގެ އެއަރބޭހަށް ހަމަލާތަކެއް އަމާޒުވެފައިވާކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

ރޮއިޓަރސްއިން ރިޕޯޓުކޮށްފައިވާގޮތުން، ކްރައިމިއާގައި ހުންނަ އެއަރބޭހަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާކަމަށް ދައްކާ ސެޓެލައިޓް ފޮޓޯއެއް ރަޝިއާއިން ވަނީ އާންމުކޮށްފައެވެ. ބުރާސްފަތި ދުވަހު ރަޝިއާއިން އާންމުކުރި ފޮޓޯތައް ދައްކާގޮތުން، މީގެ ދުވަސްކޮޅެއް ކުރިން ކްރައިމިއާގައި ހުންނަ ރަޝިއާގެ އެއަރބޭހަށް ދިން ހަމަލާތަކުގައި އެ ބޭހަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

އެގޮތުން އެއަރބޭހުގައި ހުރި އިމާރާތްތަކަށް އަމާޒުވާގޮތަށް ތިން ހަމަލާއެއް ދީފައިވާކަން ފޮޓޯތަކުން ދައްކައެވެ. އަދި ހަމަލާތަކުގެ ސަބަބުން ބޭހުގައި އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށްވެސް ރޮއިޓަރސްއިން ވަނީ ރިޕޯޓުކޮށްފައެވެ.

ކްރައިމިއާގެ އެއަރބޭހަށް އަމާޒުވެގެންދިޔަ މިހަމަލާތަކާއެކު ޔޫކްރެއިނަށް އައު ދުރުރާސްތާ ހަތިޔާރުތަކެއް ލިބިފައިވާކަމަށް ދޭހަވާކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.

ކްރައިމިއާގައި ހުރި އެއަރބޭހަށް ހަމަލާތަކެއް އަމާޒުވެ، ގެއްލުންތަކެއް ލިބިފައިވާކަމަށް ރަޝިއާއިން ދެކޮޅު ހަަދާއިރު، އެ އެއަރ ބޭހަށް އަމާޒުކޮށް ހަމަލާދީފައިވާކަމުގެ ޒިންމާ ޔޫކްރެއިނުން އަދި ނަގާފައެއް ނުވެއެވެ. އަދި ހަމަލާދިނުން ކުރިއަށްގެންގޮސްފައިވާ ގޮތްވެސް ހާމައެއް ނުކުރެއެވެ. ރަޝިއާއިން ބުނަނީ އެއަރބޭހަށް ލިބިފައިވާ ގެއްލުންތަކަކީ އަންގާރަ ދުވަހު އެ ބޭހުގައި ހުރި އެއްޗެހިތަކެއް ގޮވައި ހިނގި ހާދިސާއެއްގެ ސަބަބުން ލިބިފައިވާ ގެއްލުންތަކެއްކަމަށެވެ.

ޔޫކްރެއިންގެ ރައީސްގެ އެޑްވައިޒަރު މައިކައިލޯ ޕޮޑިލިޔަކް ރޮއިޓަރސްއާ ވާހަކަދައްކަވަމުން ވިދާޅުވެފައިވަނީ، އެގައުމުން މިހަމަލާތައް ދީފައިވާކަމަށް އިންކާރުވެސް ނުކުރާކަމަށާއި، އެހެންނަމަވެސް އެއީ އެގައުމުން ދިން ހަމަލާތަކެއްކަމަށް އެއްބަސްވެސްނުވާކަމަށެވެ. ޕޮޑިލިޔަކް ވަނީ އެއަރބޭހުގައި ގޮވުންތައް ހިނގި ގަޑީގައި އިތުރު އެހެން ތަންތަނުގައިވެސް އެފަދަ ގޮވުންތައް ގޮވާފައިވާކަން ފާހަގަކުރައްވާފައެވެ.

ހުޅަނގުގެ އަސްކަރީ ތަޖުރިބާކާރުންނާ ހަވާލާދީ ރޮއިޓަރސްގައި ރިޕޯޓުކޮށްފައިވަނީ، އެއަރބޭހަށް އަމާޒުވެފައިވާ ހަމަލާތަކުގެ ވަރުގަދަކަމާއި އެ ހަމަލާތަކުން ލިބިފައި ހުރި ގެއްލުމަށް ބަލާއިރު، ޔޫކްރެއިނަށް އިތުރު އައު ވަރުގަދަ ހަތިޔާރުތަކެއް ލިބިފައިވާކަމަށް ދޭހަވާކަމަށެވެ.

ރަޝިއާއިން 2014 ވަނަ އަހަރު ކްރައިމިއާ ހިފުމަށްފަހު އެގައުމުން ކްރައިމިއާ ބޭނުން ކުރަމުން ދަނީ އެގައުމުގެ އަސްކަރިއްޔާގެ ބްލެކް ސީ ފްލީޓްގެ މައި ބޭހުގެގޮތުގައެވެ. އަދި މިހާރު ކުރިއަށްދާ ހަނގުރާމައިގެ ތެރޭގައި އިރުމަތީ ޔޫކްރެއިނަށް އެއްޗެހި ސްޕަލްއި ކުރުމަށްވެސް ރަޝިއާއިން ބޭނުންކުރަނީ މިސަރަހައްދެވެ.

އެމެރިކާ އަސްކަރިއްޔާގެ ކުރީގެ އޮފިސަރެއް ކަމަށްވާ މާކް ހަރޓްލިންގ ވަނީ، މިފަދަ ހަމަލާތައް ފެންނަމުންދާނަމަ ޔޫކްރެއިން-ރަޝިއާ ހަނގުރާމައިގެ މަސްރަހު އިތުރަށް ހޫނުވެގެންދާނެކަމަށް ވިދާޅުވެފައެވެ.

ކްރައިމިއާގައި ހުންނަ ރަޝިއާގެ ބޭހަށް ދިން ހަމަލާތަކަކީ ސީދާ ކިހިނެއް ހިނގިކަމެއްތޯ ސާފު ނުވާއިރު، ޔޫކްރެއިންގެ ބައެއް އޮފިޝަލުން ވަނީ އެއަރބޭހަށް ލިބިފައިވާ ގެއްލުންތަކަކީ އެތަނަށް ވަގަށް ވަދެ ދީފައިވާ ހަމަލާތަކަކަށް ވުން އެކަށީގެންވާކަމަށް ބުނެފައެވެ. އެހެން ނަމަވެސް ފެންނަންހުރި މަންޒަރަށް ބަލާއިރު، އެއީ ރަޝިއާގެ ޑިފެންސް ފޫއަޅުވާލެވޭވަރުގެ ވަރުގަދަ ދުރުރާސްތާ ހަތިޔާރަކުން ދީފައިވާ ހަމަލާތަކަކާ ވައްތަރުކަން ރޮއިޓަރސްއިން ވަނީ ފާހަގަކޮށްފައެވެ.

ރޮއިޓަރސްއިން ވަނީ، ކްރައިމިއާގައި ހުންނަ ބޭހަކީ ހުޅަނގުގެ ގައުމުތަކުން ޔޫކްރެއިނަށް މިހާތަނަށް ފޯރުކޮށްދީފައިވާކަމަށް ބުނެފައިވާ ހަތިޔާރުތަކުން ހަމަލާދެވޭ ރޭންޖަށްވުރެ ދުރުގައި ހުރި ތަނެއްކަން ފާހަގަކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
ކޮމެންޓް