ކ. މާލެ
|
11 އޯގަސްޓް 2022 | ބުރާސްފަތި 15:31
މީރާ ބޭރުގައި ފައިސާ ދައްކަން ގޮސް ތިބި ބައެއް
މީރާ ބޭރުގައި ފައިސާ ދައްކަން ގޮސް ތިބި ބައެއް
ރާއްޖެއެމްވީ
ޖުލައި މަހުގެ އާމްދަނީ
ޖުލައި މަހު މީރާއިން 2.65 ބިލިއަން ރުފިޔާ ބަލައިގެންފި
ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 311.8 އިންސައްތަ އިތުރު އަދަދެއް

ޖުލައި 2022ގައި މީރާއަށް 2.65 ބިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް މީރާއިން ބުނެފިއެވެ.

މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 311.8 އިންސައްތަ އިތުރު އަދަދެކެވެ. އަދި، ޖުލައި 2022ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 84.1 އިންސައްތަ އިތުރު އަދަދެކެވެ.

މީރާއިން މައުލޫމާތުދޭގޮތުގައި، ޖުލައި 2021ގައި ލިބުނު އާމްދަނީއާ އަޅައިބަލާއިރު ޖުލައި 2022ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު އެއް ސަބަބަކީ އިންކަމް ޓެކްސްގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުވެފައިވުމެވެ. މީގެ ސަބަބަކީ އިންކަމް ޓެކްސްގެ ފުރަތަމަ އިންޓަރިމް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑި މި އަހަރުގެ ޖުލައި މަހު އައިސްފައިވުން ކަމުގައި މީރާއިން މައުލޫމާތުދެއެވެ. މި ސުންގަޑި ވޭތުވެދިޔަ އަހަރު އައިސްފައިވަނީ އޮގަސްޓު މަހުގައެވެ.

އަދި، 2021 ވަނަ އަހަރުގެ ޖީ.އެސް.ޓީ އަދި ގްރީން ޓެކްސްގެ ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑި ވަނީ އީދު ބަންދާ ގުޅިގެން ސަރުކާރު ބަންދުވުމުގެ ސަބަބުން އޮގަސްޓް 2021ށް ފަސްކޮށްފައެވެ. މި ކަމުގެ ސަބަބުން، ޖުލައި 2022ގައި ޖީ.އެސް.ޓީ އަދި ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވާ ފައިސާ ޖުލައި 2021އާ އަޅައިބަލާއިރު އިތުރުވެފައިވާކަމަށް މީރާއިން މައުލޫމާތުދެއެވެ. މީގެ އިތުރުން، ޖުލައި 2022ގައި 7 ފަރާތަކުން 35 މިލިއަން އެމެރިކާ ޑޮލަރު ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި އާމްދަނީ ލިބިފައިވުމަކީ ޖުލައި 2021ގައި ލިބުނު އާމްދަނީއާ އަޅާބަލާއިރު ޖުލައި 2022ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ ސަބަބެކެވެ.

މި ފީ ޖުލައި 2021ގައި ލިބިފައެއް ނުވެއެވެ. މީގެ އިތުރުން، ޖުލައި 2021އާ ޖުލައި 2022 އަޅައިބަލާއިރު ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ މިންވަރު 97.4 އިންސައްތަ އިތުރުވެފައިވުމަކީވެސް ޖުލައި 2022ގައި އާމްދަނީ އިތުރުވުމުގެ ސަބަބެއް ކަމަށް މީރާއިން މައުލޫމާތުދެއެވެ.

ޖުލައި 2022ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އިންކަމް ޓެކްސްއެވެ. އެއީ 48.6 އިންސައްތަ ނުވަތަ 1.29 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީ.އެސް.ޓީންނެވެ. އެއީ 21.8 އިންސައްތަ ނުވަތަ 577.79 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި 537.30 މިލިއަން ރުފިޔާ (20.2 އިންސައްތަ)، ގްރީން ޓެކްސްގެ ގޮތުގައި 61.51 މިލިއަން ރުފިޔާ (2.3 އިންސައްތަ)، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 53.92 މިލިއަން ރުފިޔާ (2.0 އިންސައްތަ) އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 134.31 މިލިއަން ރުފިޔާ (5.1 އިންސައްތަ) ލިބިފައިވެއެވެ.

ޖުލައި 2022ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 79.60 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

- ކޮމެންޓް