ކ. މާލެ
|
11 އޯގަސްޓް 2022 | ބުރާސްފަތި 06:07
ފ. މަގޫދޫ އެއަރޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމުގެ ތެރެއިން
ފ. މަގޫދޫ އެއަރޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމުގެ ތެރެއިން
އެމްޓީސީސީ
ފ.މަގޫދޫގައި އެއަރޕޯޓް އެޅުމުގެ މަޝްރޫޢު
ފ.މަގޫދޫގައި އެއަރޕޯޓް އެޅުމަށް 47.8 ހެކްޓަރުގެ ބިން ހިއްކަން ފަށައިފި
ފ. މަގޫދޫ ބިން ހިއްކުމުގެ މަސައްކަތް ނިމުމާއެކު މަގޫދޫ އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަސައްކަތްވެސް ފެށިގެންދާނެ
މި މަޝްރޫއަކީ 206.88 މިލިއަން ރުފިޔާގެ މަޝްރޫޢެއް

ފ. މަގޫދޫ ބިމުގެ ދަތިކަން ހައްލުކުރުމަށާއި އެއަރޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

އެކަމަށްޓަކައި ފ. މަގޫދޫގައި ބޭއްވި މި ރަސްމިއްޔާތުގައި ބިލެއްދޫ ދާއިރާގެ މެމްބަރު އަޙުމަދު ހަލީމާއި، މަގޫދޫ ކައުންސިލްގެ ރައީސް ޢަބްދުالله ވަޙީދާއި، އެމްޓީސީސީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމްއާއި އެމްޓީސީސީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

800 އެއްހާ މީހުން ދިރިއުޅެމުން އަންނަ ފ. މަގޫދޫގެ 22.1 ހެކްޓަރުގެ ބިންވަނީ ދިރިއުޅުމަށާއި، ސިނާއި އަދި އިޖްތިމާއީ އެކި ކަންކަމަށް ބޭނުންކޮށް ފުރިފައެވެ.

މަގޫދޫގެ ބިން ހިއްކުމާއި އެއަރޕޯޓް ތަރައްގީކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ކުރިޔަށް ގެންދަނީ އެމްޓީސީސީގެ ފަރާތުންނެވެ. އެމްޓީސީސީން ބުނީ ފ. މަގޫދޫ ބިން ހިއްކުމުގެ މަސައްކަތް ނިމުމާއެކު މަގޫދޫ އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަސައްކަތްވެސް ފެށިގެންދާނެކަމަށެވެ.

ފ. މަގޫދޫ ބިން ހިއްކާ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން، 17 ހެކްޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއި، އެއަރޕޯޓް ޤާއިމުކުރުމަށްޓަކައި 30.8 ހެކްޓަރުގެ ސަރަޙައްދެއްގެ ބިން ޖުމްލަ 47.8 ހެކްޓަރުގެ ބިން ހިއްކާނެއެވެ. މީގެއިތުރުން 3339 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 90 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ކުރެވިގެންދާނެއެވެ. މި މަޝްރޫއަކީ 206.88 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. ފ.މަގޫދޫގެ އެއާޕޯޓު އެޅުމުގެ މަސައްކަތް އަންނަ އަހަރުގެ މެދުތެރެއަށް ނިންމާ، ޚިދުމަތް ދެވޭ ވަރު ކުރަން މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން ބުނެއެވެ. 

މަގޫދޫގައި އެއާޕޯޓެއް އެޅުމަށް އެންމެ ފުރަތަމަ އިއުލާންކުރީ ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައެވެ. ނަމަވެސް ފަހުން އެ އެއާޕޯޓް އެ އަތޮޅުގެ ވެރިކަން ކުރާ ނިލަންދޫގައި އަޅަން ސިޔާސަތަށް 2016 ވަނަ އަހަރު ބަދަލު ގެނައެވެ. ނަމަވެސް އަނެއްކާވެސް މަގޫދޫގައި އެއާޕޯޓް އެޅުމަށް މިސަރުކާރުން ނިންމިއެވެ. މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ރައީސް އޮފީހުގައި މަގޫދޫ ރަށު ކައުންސިލާއެކު ބޭއްވި ބައްދަލުވުމެއްގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވަނީ އެއާޕޯޓު އަޅާނެކަމުގެ ޔަގީންކަން ކައުންސިލަރުންނަށް ދެއްވާފައެވެ.

އޭގެފަހުން ފާހަގަކުރެވޭ 6 ސަރަޙައްދެއްގައި އެއަރޕޯޓް ތަރައްޤީކޮށްދޭނެ ބަޔަކު ހޯދުމަށް މިދިޔަ އަހަރުގެ ޑިސެމްބަރުމަހު ސަރުކާރުން އިއުލާންކުރިއިރު އެރަށްތަކުގެ ތެރޭގައި ފ.މަގޫދޫ ހިމެނެއެވެ.

- ކޮމެންޓް