މިއަހަރުގެ ދިވެހި ޕްރިމިއަރ ލީގު ފެށިއިރު ގިނަ މީހުން ޓީސީ ރޭންކް ކުރީ ހަތެއް ނުވަތަ އަށްވަނަ ޓީމްގެ ގޮތުގައި ކަމަށާއި, އެކަމަކު ގަދަ ފަހެއްގެ ތެރޭގައި ނިންމާލެވުމަކީ ވަރަށްބޮޑު ކާމިޔާބީއެއްކަމަށް ޓީސީގެ ކޯޗު މުޙައްމަދު ނިޒާމް ބުނެފިއެވެ.
މީގެކުރިން ޓީސީއަށް ލީގުވެސް ހޯދައިދިން ކޯޗު ނިޒާމް ބުނީ ސްކޮޑަށް ބަލާއިރު ޓީސީއަކީ އަށްވަނަ ޓީމް ކަމަށެވެ. އެކަމަކު ކުރެވުނު މަސައްކަތުން ލީގުގެ ފަހު މެޗުތަކަށް ދިޔައިރުވެސް ތިންވަނާގައި ހިފަހައްޓާލެވުމަކީ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ނިޒާމް ފާހަގަކުރިއެވެ. އެގޮތުގައި ލީގު ނިންމާލަން ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށް ނިޒާމް ބުންޏެވެ.
އޭގެތެރޭގައި ސްޓާޓިންގައި އަޅުގަނޑުމެން ޢާއްމުކޮށް ބޭނުންކުރާ ނުވަ ކުޅުންތެރިން އަންޑަރ ނައިންޓީން ނެޝަނަލް ސްކޮޑަށް ދޫކުރެވުން. އެވެސް ވަރަށްބޮޑު ޗެލެންޖަކަށްވެގެންދިޔަ. އަނެއްކޮޅުން ފަހުކޮޅަށް ދިޔައިރު ވަރަށް ގާތްގާތުގައި މެޗުތައް ކުޅެންޖެހިފައި އޮތީ. ސްކޮޑް ރޮޓޭޓް ކުރާނެ އެއްވެސް ކަހަލަ ފުރުޞަތެއް ނެތް, ތެދުތެދަށް ދަންނަވާނަމަ ސާދަ ކުޅުންތެރިން މުޅިއެކު ބެންޗުގަޔާ އެއްކޮށް ލައިގެން ފަހު ހަތަރު މެޗު އަޅުގަނޑުމެން މިކުޅުނީ.މުޙައްމަދު ނިޒާމް/ ޓީސީގެ ކޯޗު
ސީޒަންގެ ކުރީކޮޅު ޓީސީއަށް ދިމާވި ގޮންޖެހުމަކީ ބިދޭސީ ކުޅުންތެރިން ގެނައުން ލަސްވުން ކަމަށާއި, މުޅި ސީޒަންގައި މިހާތަނަށް ހައްލުނުކުރެވުނު ކަމަކީ ލަނޑު ޖެހުންކަމަށް ކޯޗު ނިޒާމް ބުންޏެވެ. ލީގުގެ ފަހު މެޗުގައިވެސް ދިމާވި މައްސަލައަކީ ލަނޑު ޖެހުންކަން ފާހަގަކޮށް ނިޒާމް ބުނީ ކުރިއަށް އޮތް އެފްއޭކަޕަށް އެކަމަށް ހައްލެއް ހޯދަން މަސައްކަތްކުރަމުން އަންނަކަމަށެވެ.
ޓީސީ ލީގު ނިންމާލީ ފަސް ވަނައިގައެވެ. އެއީ 21 މެޗުން 28 ޕޮއިންޓާއެކުއެވެ. ޓީސީ ވަނީ ލީގުގައި ބައިކޮޅަށް ލަނޑެއް ނުވަދެ އަށް މެޗު ފުރިހަމަކޮށްފައެވެ. އެކަންވެސް ނިޒާމް ފާހަގަކުރީ ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައެވެ.