ދެކުނު ކޮރެޔާގެ ވެރިރަށް ސޯލްއަށް ބޯކޮށް ވާރޭވެހި ބައެއް ހިސާބުތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވެ ހިނގި ހާދިސާތަކުގައި މަދުވެގެން ހަތް މީހުން މަރުވެ އިތުރު ނުވަ މީހުންނަށް އެކި އަނިޔާތައް ލިބިއްޖެއެވެ.
އެގައުމަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 80 ވަރަކަށް އަހަރު ތެރޭވެސް ނުވެހޭހާ ބޯކޮށް ވާރޭވެހިފައިވާ ކަމަށް އެގައުމުގެ ކަމާބެހޭ އިދާރާތަކުން ބުނެފައިވެއެވެ.
ހޯމަ ދުވަހުގެ ރޭ ވެހުނު ބޯ ވާރޭގެ ސަބަބުން ގިނަ މަގުތަކެއްގެ އިތުރުން މެޓްރޯ ސްޓޭޝަންތަކުގައި ވެސް ފެންބޮޑުވެ ސޯލް އަދި ކައިރި ހިސާބުތަކުން ކަރަންޓު ވެސް ކެނޑިފައި ވެއެވެ. މޫސުމާ ބެހޭ އޮފިޝަލުން ވިދާޅުވި ގޮތުގައި ކުރިޔަށް އޮތް ދެތިން ދުވަހު ވެސް މިގޮތަށް ވާރޭ ވެހޭނެއެވެ.
ހޯމަ ދުވަހުގެ ރެއިން ފެށިގެން ކުރަމުން ދާ ވިއްސާރައިގައި ސޯލްގެ ބައެއް ހިސާބުތަކަށް ގަޑިއަކު 141.5 މިލިމީޓަރުގެ ވާރޭ ވެހިފައި ވެއެވެ. މިއީ 1942 އަށް ފަހު މިހާބޮޑަށް ވާރޭ ވެހުނު ފުރަތަމަ ފަހަރު ކަމަށް ކޮރެޔާގެ މީޓިއޮރޮލޮޖިކަލް އޭޖެންސީ އިން ބުނެފައިވެއެވެ. ޔޮންހެޕް ނިއުސް އޭޖެންސީ އިން ދައްކާފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ބައެއް މަގުތަކުގައި ކަށިމައްޗާއި ހަމަޔަށް ފެން ބޮޑުވެފައިވާ އިރު، ބިމުގެ ލެވެލްއަށް ވުރެ އަޑީގައި ހަދާފައިވާ މެޓްރޯ ސްޓޭޝަނެއްގެ ސިޑިން ފެންގަނޑު ތިރިޔަށް ފައިބާ ތަންވެސް ފެނެއެވެ. މަރުވި މީހުންގެ ތެރެއިން އެކަކު ކަރަންޓުގައި ޖެހިގެން މަރުވި އިރު ފެންބޮޑުވި އިމާރާތެއްގައި ބަންދު ވެގެންވެސް ބައެއް މީހުން މަރުވެފައިވެއެވެ.
ފެން ބޮޑުވުމުގެ ސަބަބުން ބައެއް މީހުން ގެދޮރު ދޫކޮށް ރައްކާތެރި ތަންތަނަށް ދާން ޖެހިފައިވެސް ވެއެވެ.