ކ. މާލެ
|
17 އޭޕްރިލް 2024 | ބުދަ 17:30
ޔޫއޭއީގެ ދުބާއީގައި ފެންބޮޑުވެފައި
ޔޫއޭއީގެ ދުބާއީގައި ފެންބޮޑުވެފައި
ސީ.އެން.އެން
ޔޫއޭއީގައި ފެންބޮޑުވުން
ޔޫއޭއީއަށް އެއް އަހަރުތެރޭގައި ވެހޭހާ ވާރޭ އެއް ދުވަހުން
 
ހޯމަ އަދި އަންގާރަ ދުވަހު ޔޫއޭއީއަށް ވެހުނު ވާރެއަކީ 1949 ވަނަ އަހަރު ރިކޯޑްތައް ބަލަހައްޓަން ފެށިފަހުން އެންމެ ގިނައިން ވެހުނު ވާރޭ

ޔޫނައިޓަޑް އެރެބް އެމިރޭޓްސްއަށް އާދަޔާ ޚިލާފަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެއްޖެއެވެ. މިކަމުގެ ސަބަބުން އަންގާރަ ދުވަހު ވަނީ ދުނިޔޭގެ އެންމެ ކާރުބާރޫ ބޮޑު އެއް އެއާޕޯޓު ކަމަށްވާ ދުބާއީ އެއާޕޯޓް ބަންދުކޮށް، ފްލައިޓްތައްވެސް ކެންސަލް ކޮށްފައެވެ.

ފެންބޮޑުވުމުގެ ސަބަބުން އަވަށްޓެރި އޮމާނުންވެސް 18 މީހުން މަރުވެފައިވާކަމަށް އިދާރާތަކުން ޚަބަރު ދީފައި ވެއެވެ.

އެތައް ސްޓޭތަކަށް އެއް އަހަރުތެރޭގައި ވެހޭހާ ވާރޭ އަންގާރަ ދުވަހު އެކަނި ވެހިފައި ވާކަމަށް ރިޕޯޓްކޮށްފައި ވެއެވެ. ފެންބޮޑުވެފައިވާ ރަންވޭތަކުގެ މަތިން ޖެޓްތައް ދުއްވާ މަންޒަރު ކަމަށް ބުނާ ބައެއް ވީޑިއޯތައް ފެނެއެވެ. އަދި އަންގާރަ ދުވަހު ޖައްސަން ހުރި ފްލައިޓްތައް އެހެން ތަންތަނަށް ޑައިވަރޓް ކުރެވުނު ކަމަށް، ދުބާއީ އެއާޕޯޓުން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ. ނަމަވެސް މިހާރު އެއާޕޯޓް ވަނީ ހުޅުވާފައެވެ.

އަންގާރަ ދުވަހު ހެދުނު ޔޫއޭއީގެ ނެޝަނަލް ސެންޓަރ އޮފް މީޓިއޮރޮލޮޖީން ވަނީ، އަބޫދަބީ، ދުބާއީ އަދި ޝާރުޖާ ހިމެނޭގޮތުން މޫސުމީ އިންޒާރެއް ނެރެފައެވެ. ހޯމަ އަދި އަންގާރަ ދުވަހު ޔޫއޭއީއަށް ވެހުނު ވާރެއަކީ 1949 ވަނަ އަހަރު ރިކޯޑްތައް ބަލަހައްޓަން ފެށިފަހުން އެންމެ ގިނައިން ވެހުނު ވާރޭކަމަށް މޫސުމާބެހޭ އިދާރާއިން ބުނެފައި ވެއެވެ.

ގަލްފު ސަރަހައްދަކީ އާންމުކޮށް ހޫނުގަދަ، ހަނަފަސް ސަރަހައްދެއް ނަމަވެސް ފަހަކަށް އައިސް އެސަރަހައްދަށް ވިއްސާރަވެހުން ވަނީ އިތުރުވެފައެވެ.

އަވަށްޓެރި އޮމާންގައިވެސް ވަނީ ފެންބޮޑުވެ އެތައް ހިތާމަވެރި ހާދިސާއެއް ހިނގާފައެވެ. އޮމާނުން މަރުވި 18 މީހުންގެ ތެރޭގައި 10 ކިޔަވާކުދިން ހިމެނެއެވެ. އެކުދިން މަރުވެފައި ވަނީ އެކުދިން ދަތުރުކުރި ވެހިކަލް ފެންގަނޑުގެތެރޭގައި އޮޔާދިއުމުގެ ސަބަބުންނެވެ.

ބަހްރެއިންގައި ވެސް ފެންބޮޑުވުމުގެ ސަބަބުން ކާރުތަކަށް ކުރިޔަށް ނުދެވި ހުއްޓިފަ ތިބިތަން ފެނެއެވެ. މީގެ އިތުރުން، އީރާނުގެ ބައެއް ހިސާބުތަކަށް ވެސް ވަނީ ބޯކޮށް ވާރޭވެހި ފެންބޮޑުވެފައެވެ.

މޫސުމާބުހޭ މާހިރުން ވިދާޅުވާގޮތުގައި މިފަދަ ކުއްލި މޫސުމީ ކާރިސާތައް ކުރިމަތިވަމުންދަނީ ދުނިޔޭގެ ފިނިހޫނުމިނަށް އަންނަ ބަދަލުތަކުގެ ސަބަބުންނެވެ. އަދި ކުރިޔަށް އޮތް ތަނުގައިވެސް މިފަދަ ކާރިސާތައް މާ ގިނައިން ކުރިމަތިވާނެ ކަމަށް އެ ފަރާތްތަކުން ބުނެއެވެ. 

ޔޫއޭއީއަކީ ދުނިޔޭގެ ތެޔޮއުފައްދާ މުހިންމު ގައުމަކަށް ވާއިރު، މިދިޔަ އަހަރު އެގައުމުން ވަނީ މޫސުމާބެހޭ އެންމެ ބޮޑު ކޮންފަރެންސް ކަމަށްވާ "ކޮޕް28" ހޯސްޓްކޮށްފައެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް