ކ. މާލެ
|
9 އޯގަސްޓް 2022 | އަންގާރަ 10:33
އެލެކްސިސް ސަންޗޭޒް
އެލެކްސިސް ސަންޗޭޒް
ޓްވިޓަރ
ޓްރާންސްފާ މާކެޓު
އިންޓަރ މިލާން ދޫކޮށް ސަންޗޭޒް މާސޭއަށް
 
އިންޓަރ އާއެކު ސަންޗޭޒް ހަދާފައިވާ އެއްބަސްވުން ޓާމިނޭޓް ކުރުމަށް ހޯމަ ދުވަހު ވަނީ ނިންމާފައި

އިޓާލިއަން ލީގުގެ އިންޓަރ މިލާނަށް ކުޅެމުން އަންނަ ޗިލީގެ އެލެކްސިސް ސަންޗޭޒް އެ ޓީމު ދޫކޮށްލަން ނިންމައިފިއެވެ.

އިންޓަރ ދޫކޮށް ސަންޗޭޒް ބަދަލުވަނީ ފްރާންސް ލީގުގެ މާސޭ އަށް ކަމަށް ރިޕޯޓުތައް ބުނެއެވެ. ސަންޗޭޒް އިންޓަރ ދޫކޮށްލާކަން އެ ކުލަބުން މިހާރު ވަނީ ރަސްމީކޮށް ހާމަކޮށްފައެވެ. އިންޓަރ އާއެކު ސަންޗޭޒް ހަދާފައިވާ އެއްބަސްވުން ޓާމިނޭޓް ކުރުމަށް ހޯމަ ދުވަހު ވަނީ ނިންމާފައެވެ.

އިންޓަރ އިން އާންމު ކުރި ބަޔާނެއްގައި ބުނެފައިވަނީ ސަންޗޭޒްގެ އެއްބަސްްވުން ޓާމިނޭޓްކުރުމާމެދު ކުލަބާ އޭނާއާ ދެމެދު އެއްބަސްވުމަަކަށް އާދެވިފައިވާ ކަމަށެވެ. އިންޓަރ އިން ވަނީ ސަންޗޭޒްއަށް ޝުކުރު އަދާކޮށް، މުސްތަޤުބަލުގައި އޭނާއަށް ކާމިޔާބަށް އެދިފައެވެ. މިދިޔަ ސީޒަންގައި ފުރަތަމަ 11 ގައި ހިމެނިގެން ސަންޗޭޒް ކުޅެފައިވަނީ ހަތް މެޗެވެ.

މެންޗެސްޓަރ ޔުނައިޓެޑުގައި ހުރުމަށްފަހު ސަންޗޭޒް 2019 ވަނަ އަހަރު އިންޓަރއަށް ބަދަލުވީ އެއް އަހަރުގެ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. އެއަށްފަހު، 2020 ވަނަ އަހަރު އޭނާ ވަނީ އެ ކުލަބާއެކު ދާއިމީ އެއްބަސްވުމެއް ހަދާފައެވެ. ސަންޗޭޒް ވަނީ އިންޓަރ އަށް ކުޅެދިން 109 މެޗުގައި 20 ލަނޑު ޖަހާފައެވެ. އެ ޓީމާއެކު އޭނާ ވަނީ އިޓާލިއަން ލީގާއި، އިޓާލިއަން ކަޕްގެ އިތުރުން އިޓާލިއަން ސުޕަ ކަޕް ކާމިޔާބުކޮށްފައެވެ.

ޗިލީގެ ޤައުމީ ޓީމަށް ވެސް ކުޅެމުން އަންނަ ސަންޗޭޒް ވަނީ މިހާތަށް ޤައުމީ ޓީމަށް 148 މެޗު ކުޅެދީ 48 ލަނޑު ޖަހާފައެވެ. އޭނާ ވަނީ ޗިލީއާއެކު 2015 އަދި 2016 ވަނަ އަހަރުގެ ކޮޕަ އެމެރިކާ މުބާރާތް ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
50%
0%
50%
ކޮމެންޓް