އިނގިރޭސި ވިލާތުގެ ވެރިރަށް ލަންޑަނުގެ ހުޅަނގު ސަރަހައްދެއްގައި ހުންނަ އެޕާޓްމަންޓް ބްލޮކެއްގައި ބުދަ ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާގައި މަރުވި އެންމެން ހަށިތައް ފަހަރުގައި ދެނެނުގަނެވޭނެ ކަމަށް އިނގިރޭސި ފުލުހުން ބުނެފިއެވެ.
މަރުވި މީހުންގެ ހަށިތައް ހޯދުމަށް ތިން ވަނަ ދުވަސް ހޭދަ ކުރަމުންދާއިރު މިހާތަނަށް 17 މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ކަށަވަރުކޮށްދީފައި ވެއެެވެ. އަދި މަރުވި މީހުންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭއިރު، މަރުވި އަދަދު 60 އަށް ވުރެ މައްޗަށް ހިނގައިދާނެ ކަމަށް ބެލެވެއެވެ.
ދިރި ހުއްޓާ މީހަކު ދެން ނުފެންނާނެ ކަމަށް އޮފިޝަލުން ބުނާއިރު ބޮޑު ވަޒީރު ތެރީސާ މޭ ވަނީ އަލިފާނުގެ ހާދިސާ ތަހުގީގު ކުރުމަށް އަމުރުު ކުރައްވާފައެވެ. އިނގިރޭސި ފުލުހުން ބުރާސްފަތި ދުވަހު ބުނެފައި ވަނީ އަލިފާނުގެ ހާދިސާއާ ގުޅިގެން ޖިނާއީ ތަހުގީގެއް މިހާރު ފަށާފައިވާ ކަމަށެވެ. ލަންޑަނުގެ ނޯތު ކެންސިންޓަންގައި ހުންނަ 24 ބުރީގެ ގްރެންފެލް ޓަވަރުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އަނިޔާވި އަދި މަރުވި މީހުންގެ އާއިލާތަކަށް އިނގިރޭސި ރާނީ ވަނީ ހަމްދަރުދީ ފޮނުއްވާފައެވެ.
ބުރާސްފަތި ދުވަހު ކަމާބެހޭ ފަރާތްތަކުން ބުނެފައި ވަނީ އަދިވެސް 35 މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށާއި އޭގެތެރެއިން 15 މީހަކު ހާލު ސީރިއަސް ކަމަށެވެ.
އަލިފާނުގެ ހާދިސާ ކޮންޓްރޯލް ކުރުމަށް 24 ގަނޑިއިރަށް ވުރެ ގިނަ ވަގުތު ނެގިއިރު މި ހާދިސާ ހިނގި ސަބަބެއް އަދި ނޭނގެއެވެ. ނަމަވެސް ބައެއް ރިޕޯޓްތައް ބުނާ ގޮތުން އަލިވާން ރޯވީ ހަތަރު ވަނަ ބުރީގެ އެޕާޓްމަންޓެއްގެ ފްރިޖެއްގައި ރޯވުމާ ގުޅިގެންނެވެ.
ހާދިސާ ހިނގި އިމާރާތުގައި ރައްކާތެރި ފިޔަވަޅުތައް އަޅާފައި ނުވާތީ ފާޑުކިޔުންތައް އަމާޒުވެފައިވާއިރު، އިމާރާތުގައި ފަޔާ އެލާމް ސިސްޓަމެއް ވެސް ނެތެވެ. އެހެން ކަމުން އަލިފާން ފެތުރެމުން ދިޔަ އިރު ވެސް ގިނަ ބަޔަކަށް ހޭނުލެވި އިމާރާތުގެ ތާށިވިކަން ފާހަގަކުރެވެއެވެ. ނަމަވެސް ރޯދަމަހަށް ވެފައި އެސަރަހައްދުގައި މުސްލިބުން ގިނަ ވުމުން ހާރު ދަމަށް ގިނަ ބަޔަކު ހޭލައި އުޅުމުގެ ސަބަބުން އެއމީހުންގެ އެހީތެރިކަމާ އެކު ގިނަ ބަޔަކު ސަލާމަތްކުރެވިފައި ވެއެވެ.