ކ. މާލެ
|
16 ޖޫން 2017 | ހުކުރު 11:21
ޗެލްސީއަށް ކުޅެމުން އަންނަ ފްރާންސްގެ މިޑްފިލްޑާ ކަންޓޭ
ޗެލްސީއަށް ކުޅެމުން އަންނަ ފްރާންސްގެ މިޑްފިލްޑާ ކަންޓޭ
ގޯލް.ކޮމް
ޓްރާންސްފާ މާކެޓް
ޗެލްސީގައި މަޑުކުރަން ނިންމީ ކޯޗާ މަޝްވަރާ ކުރުމަށް ފަހު: ކަންޓޭ
ކަންޓޭ ހޯދުމަށް ފްރާންސްގެ ޕީއެސްޖީ އިން ވަނީ މަސައްކަތް ކޮށްފަ
ކަންޓޭއަކީ ފާއިތުވި ސީޒަނުގެ ޕްރެމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާ

ގިނަ ކުލަބުތަކަކުން ހުށައެޅުން ލިބުނު ކަމަށާއި، ނަމަވެސް ޗެލްސީގައި މަޑުކުރަން ނިންމީ ކޯޗާއި ސްޕޯޓިން ޑިރެކްޓަރާ ވާހަކަ ދެއްކުމަށް ފަހުގައި ކަމަށް ޗެލްސީއަށް ކުޅެމުން އަންނަ ފްރާންސްގެ ހުނަރުވެރި މިޑްފިލްޑާ ކަންޓޭ ބުނެފިއެވެ.

ބޭރުގެ ކުޅިވަރި ޚަބަރު ފަތުރާ މީޑިއާއެއް ކަމަށްވާ "ލެ ޕެރީސިއެން" އަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނެފައި ވަނީ، ޔޫރަޕްގެ ބޮޑެތި ކުލަބުތަކަކުން އޭނާއަށް ހުށައެޅުން ލިބުނު ކަމަށާއި، ނަމަވެސް ޗެލްސީއާ އެކު އަދި އިތުރު ކާމިޔާބީތައް ހޯދުމަށް ކުލަބުގައި މަޑުކުރަން ނިންމީ ކަމަށެވެ. އެގޮތުން ކުރިމަގާ މެދު ގޮތެއް ނިންމުމަށްޓަކައި ކޯޗް އެންޓޯނިއޯ ކޮންޓޭއާ ވެސް މަޝްވަރާ ކުރި ކަމަށް އޭނާ ވަނީ ބުނެފައެވެ.

އިތުރަށް ވާހަކަ ދައްކަމުން އޭނާ ބުނެފައި ވަނީ، ޗެލްސީގައި އޭނާ ހުރީ ވަރަށް ހިތްހަމަ ޖެހިގެން ކަމަށާއި، ފާއިތުވި ސީޒަނަނީ ކާމިޔާބު ސީޒަނެއް ގޮތުގައި ދެކޭ ކަމަށެވެ. އެގޮތުން އަންނަ ސީޒަނުގައި ވެސް ޗެލްސީއާ އެކު އަދި ފްރާންސް ގައުމީ ޓީމާ އެކުގައި އިތުރު ކާމިޔާބީތަކެއް ހޯދުމުގެ އަޒުމުގައި ހުރި ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

ފާއިތުވި ސީޒަނުގައި ކަންޓޭ ދެއްކި މޮޅު ކުޅުމާ އެކު އޭނާއަށް ބޮޑެތި ގިނަ ކުލަބުތަކަކުން ދިޔައީ ފާރަލަމުންނެވެ. އެގޮތުން ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް އޭނާ ބަދަލުވާނެ ކަމަށް ވެސް މީޑިއާ ރިޕޯޓްތަށް ވަނި މީގެ ކުރިން ބުނެފައެވެ.

އިނގިރޭސި ކްލަބް ލެސްޓާ ސިޓީން މުޅިން އަލަށް ޕްރެމިއާ ލީގަށް ކޮލިފައިވެ ރެކޯޑަކާ އެކު ލީގު ކާމިޔާބު ކުރުމުގައި މުހިންމު ދައުރެއް އަދާކުރުމަށް ފަހު ކަންޓޭ ޗެލްސީ އަށް ބަދަލުވެފައި ވަނީ ފާއިތު ސީޒަނުގައި 30 މިލިއަން ޕައުންޑްގެ އަގަކަށެވެ. އަދި އޭނާ ވަނީ ޗެލްސީގައި މޮޅު ކުޅުމެއް ދައްކައި ލީގު ކާމިޔާބު ކުރުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. މީގެ އިތުރުން އޭނާ ވަނީ ފާއިތުވި ސީޒަނުގެ ޕްރެމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފައެވެ.

އުމުރުން 26 އަހަރުގެ ކަންޓޭ ވަނީ ޗެލްސީއަށް އޭނާ ކުޅުނު 41 މެޗުގައި 2 ގޯލު ކާމިޔާބުކޮށްދީފައެވެ. ފްރާންގެ ގައުމީ ޓީމަށް މިހާތަނަށް ކުޅުނު 17 މެޗުގައި އޭނާ ވަނީ 1 ލަނޑު ކާމިޔާބުކޮށްދީފައެވެ.

- ކޮމެންޓް