ކ. މާލެ
|
7 އޯގަސްޓް 2022 | އާދީއްތަ 21:28
ކުޑަ ހެންވޭރާއި ބިސްބުރު ވާދަކުރި މެޗުގެ ތެރެއިން
ކުޑަ ހެންވޭރާއި ބިސްބުރު ވާދަކުރި މެޗުގެ ތެރެއިން
ރާއްޖެއެމްވީ
ދެވަނަ ޑިވިޝަން
ބިސްބުރު ބަލިކޮށް ކުޑަ ހެންވޭރު ސެމީއާއި ގާތަށް
 
ކުޑަ ހެންވޭރުން ބިސްބުރު ބަލިކުރީ 2-1ން
 
ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗެއް ނިމުނުއިރު ކުޑަ ހެންވޭރަށް ލިބެނީ 15 ޕޮއިންޓު

އެފްއޭއެމް ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ބިސްބުރު ސްޕޯޓްސް ކްލަބު ބަލިކޮށް ކުޑަ ހެންވޭރު ޔުނައިޓެޑުން ސެމީ ފައިނަލް އާއި ގާތަށް ޖެހިލައިފިއެވެ.

ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ކުޑަ ހެންވޭރުން ކާމިޔާބުކުރީ 2-1ންނެވެ. މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައި ނުވާއިރު، ތިން ލަނޑުވެސް ފެނުނީ ދެވަނަ ހާފުގައެވެ. ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީ ބިސްބުރުންނެވެ. މެޗުގެ 72 ވަނަ މިނެޓުގައި ބިސްބުރަށް ލީޑު ނަގައިދިނީ މުހައްމަދު އިހްސާން ސައީދުއެވެ. ނަމަވެސް އޭގެ ނުވަ މިނެޓު ފަހުން މުހައްމަދު އަހުމަދު މުހައްމަދު އަބްދުލްރާޒިކް ވަނީ ލަނޑެއް ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ކުޑަ ހެންވޭރު މޮޅުވީ މެޗުގެ ފަހު ވަގުތު ބިސްބުރުގެ އިހުސާން އަތުން ބައިކޮޅަށް ލަނޑެއް ވަނުމުންނެވެ.

ގްރޫޕު އެކެއްގެ އެއްވަނައިގައި 21 ޕޮއިންޓާއެކު އޮތީ ބުރު ސްޕޯޓްސް ކްލަބް އެވެ. ބުރަށް ވަނީ ސެމީ ފައިނަލުގެ ޖާގަ ކަށަވަރުވެފައެވެ. ދެވަނަ ޓީމުގެ ގޮތުގައި ސެމީގެ ޖާގަ ކަށަވަރުކުރުމަށް މަސައްކަތް ކުރަނީ ކުޑަ ހެންވޭރާއި ޓެންޓް ސްޕޯޓްސް ކްލަބެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗެއް ނިމުނުއިރު ކުޑަ ހެންވޭރަށް ލިބެނީ 15 ޕޮއިންޓް އެވެ. ޓެންޓަށް މުބާރާތުގައި ބާކީ އެއް މެޗު އޮތްއިރު، އެޓީމަށް މިހާރު ލިބިފައިވަނީ 12 ޕޮއިންޓެވެ. ފަހު މެޗުގައި މާދަމާރޭ ޓެންޓު ނުކުންނާނީ ޖޭޖޭ ސްޕޯޓްސް ކްލަބް އާއި ދެކޮޅަށެވެ. މި މެޗުގައި ހަ ލަނޑަށްވުރެ ގިނަ ލަނޑު ޖަހައިގެން ޓެންޓު މޮޅުވެއްޖެ ނަމަ ސެމީގެ ފަހު ޖާގަ އެޓީމަށް ލިބޭނެއެވެ. މިއަދު މެޗުން ބަލިވި ބިސްބުރު ތާވަލުގެ ހަތްވަނައިގައި އޮތީ ހަޕޮއިންޓް ހޯދައިގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
100%
0%
ކޮމެންޓް