ކ. މާލެ
|
7 އޯގަސްޓް 2022 | އާދީއްތަ 07:23
ޕީއެސްޖީން ކުޅުނު މެޗުގައި މެސީ ލަނޑު ޖަހަނީ
ޕީއެސްޖީން ކުޅުނު މެޗުގައި މެސީ ލަނޑު ޖަހަނީ
ޕީއެސްޖީ
ފްރާންސް ލީގު
މެސީގެ ދެ ލަނޑާއެކު ޕީއެސްޖީއަށް ބޮޑު މޮޅެއް
 
ޕީއެސްޖީން މެޗު ކާމިޔާބުކުރީ 5-0 އިން

ފްރާންސް ލީގުގައި ކްލާމެންޓް ފޫޓާ ދެކޮޅަށް ކުޅުނު މެޗުން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) މޮޅުވެއްޖެއެވެ.

މިއީ މި ފަހަރުގެ ލީގުގައި ޕީއެސްޖީން ކުޅުނު ފުރަތަމަ މެޗެވެ. މި މެޗުގައި ޕީއެސްޖީގެ އެންމެ މުހިންމު އެއް ފޯވާޑް ކީލިއަން އެމްބާޕޭ ކުޅެފައެއް ނުވެއެވެ. ޕީއެސްޖީގެ ފުރަތަމަ 11 ގައި ހިމެނީ، ލިއޮނެލް މެސީ، ނޭމާ ޖޫނިއަރ، ޕަބްލޯ ސަރަބިއާ، ނޫނޯ މެންޑޭސް، ވިޓީނިއާ، މާކޯ ވެރާޓީ، އަޝްރަފް ހަކީމީ، ކިމްޕެމްބޭ، ކެޕްޓަން މާކީނިއޯސް، ސާޖިއޯ ރާމޮސް އަދި ކީޕަރު ޖިއަންލުއިޖީ ޑޮންނަރުއްމާ ހިމެނެއެވެ. ޕީއެސްޖީން މެޗު ކާމިޔާބުކުރީ 5-0 އިންނެވެ.

މެޗު ފަށައިގެން ނުވަ ވަނަ މިނެޓުގައި މެސީ ދިން ބޯޅައަކުން ޕީއެސްޖީގެ ފުރަތަމަ ލަނޑު ޖެހީ ނޭމާއެވެ. ޕީއެސްޖީގެ ދެ ވަނަ ލަނޑު 26 ވަނަ މިނެޓުގައި އަޝްރަފް ހަކީމީ ޖެހީ ވިޓީނިއާގެ އެހީތެރިކަމާއެކުއެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ޕީއެސްޖީން ވަނީ އިތުރު ލަނޑެއް ޖަހާފައެވެ. އެއީ ނޭމާ ދިން ބޯޅައަކުން ކެޕްޓަން މާކީނިއޯސް ޖެހި ލަނޑެކެވެ.

ޕީއެސްޖީގެ ފަހު ދެ ލަނޑު ދެ ވަނަ ހާފުގައި ޖެހިއިރު، އެ ދެ ލަނޑު ވެސް ޖެހީ މެސީއެވެ. ފުރަތަމަ ލަނޑު 80 ވަނަ މިނެޓުގައި މެސީ ޖެހީ ނޭމާގެ އެހީތެރިކަމާއެކުއެވެ. އޭގެ ހަ މިނެޓު ފަހު މެސީ ދެ ވަނަ ލަނޑު ޖެހީ ލިއަންދްރޯ ޕަރޭޑެސް ދިން ބޯޅައަކުންނެވެ.

ލީގުގައި ޕީއެސްޖީގެ ދެ ވަނަ މެޗުގައި އެ ޓީމު ނިކުންނާނީ އޮގަސްޓު 12 ވަނަ ދުވަހު މޮންޓްޕެލިއާއާ ދެކޮޅަށެވެ.

ފްރާންސް ލީގުގައި ރޭ ކުޅުނު އަނެއް މެޗުގައި މޮނާކޯ އިން ވަނީ ސްޓްރަސްބާގްގެ މައްޗަށް 2-1 އިން ކުރި ހޯދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް