ކ. މާލެ
|
6 އޯގަސްޓް 2022 | ހޮނިހިރު 19:52
ސައުދީ އަރަބިއްޔާގައި ކްލައުޑް ސީޑިންގައި ބޭނުންކުރާ ބޯޓެއް
ސައުދީ އަރަބިއްޔާގައި ކްލައުޑް ސީޑިންގައި ބޭނުންކުރާ ބޯޓެއް
ސައުދީގެޒެޓް
އާޓިފިޝަލް ވާރޭ ވިލާ
ސައުދީ އަރަބިއްޔާގައި ވިލާ އުފައްދައިގެން ވާރޭ ވެހޭގޮތް ހަދަނީ
 
"ކްލައުޑް ސީޑިންގ" އަކީ ވާރޭ ވިލާ އުފެއްދުމަށް ބޭނުން ކުރެވޭ ސައިންޓިފިކް މެތަޑެއް

ސައުދީ އަރަބިއްޔާއަކީ ގުދްރަތީގޮތުން ވާރޭ ވެހުން މަދު ގައުމަކަށް ވާތީ ވާރޭ ވެހޭ މިންވަރު އިތުރު ކުރުމަށް އެޤައުމުގެ ސަރުކާރުން ފެށި ޚާއްސަ ޕްރޮގްރާމްގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފަށައިފިއެވެ.

ސައުދީ އަރަބިއްޔާގެ ނޭޝަނަލް ސެންޓަރ ފޯ މީޓިއޮރޮލޮޖީއިން ކުރިޔަށްގެންދާ "ކްލައުޑް ސީޑިންގ" ނުވަތަ ވިލާގަނޑުގެ ތެރެޔަށް މާއްދާއެއް ފޮނުވާލައިގެން ވިލާގަނޑު ބަރުކޮށް، ވާރޭގެ ގޮތުގައި ވެހޭނެ ގޮތް ހެދުމަށް ކުރެވޭ މަސައްކަތުގެ ދަށުން މިފަހަރު މަސައްކަތް ފަށާފައިވަނީ އެޤައުމުގެ އިރުދެކުނު ހިސާބުތަކުގައެވެ.

"ކްލައުޑް ސީޑިންގ" ގައި ކުދި މަތިންދާ ބޯޓުތަކެއްގައި ގޮސް ވިލާގަނޑު ތެރެޔަށް ބާވަތެއްގެ ލޮނުގެ ކުނޑިތަކެއް ދޫކުރެއެވެ. ލޮނަކީ އެއަށް ފެން ދަމާބާރު ހުންނަ އެއްޗަކަށް ވާއިރު މިގޮތަށް ކުނޑި ދޫކުރެވޭ ވިލާގަނޑާއި އެހެންވިލާތައް ގުޅި، ވިލާގަނޑު ބަރުވެ ވާރޭގެ ގޮތުގައި ވެހޭގޮތް ވެއެވެ.

ކްލައުޑް ސީޑިންގެ ފުރަތަމަ ޕްރޮގްރާމް ހިންގާފައިވަނީ މިއަހަރު އޭޕްރިލް މަހުއެވެ. އެފަހަރު ޕްރޮގްރާމް ހިންގީ އެހެން ދުރު ހިސާބެއްގައެވެ. މި ޕްރޮގްރާމަކީ ވެސް ސައުދީގެ ވަލީއަޙްދު މުހައްމަދު ބިން ސަލްމާންގެ ބެއްލެވުމުގެ ދަށުން 2030 ވަނަ އަހަރަށް އެކުލަވާލާފައިވާ ޚާއްސަ ވިޝަންގެ ދަށުން އެގައުމު ފެހި ކުރުމަށާ މޫސުމަށް އެދެވޭ ބަދަލުތައް ގެނައުމަށް ކުރެވޭ މަސައްކަތެކެވެ.

ސައުދީ އަރަބިއްޔާއަކީ ދުނިޔޭގައިވެސް އެންމެ މަދުން ވާރޭވެހޭ އެއްޤައުމެވެ.  މި ޕްރޮގްރާމް ނުހިންގާއިރު އެޤައުމަށް އަހަރަކު 100 މިލިމީޓަރުގެ ވާރޭވެސް ނުވެހެއެވެ. ނަމަވެސް މިހާރު ވާރޭ ވެހޭ މިންވަރު އިތުރުވެ ހިޔާދޭނެ ގަސްތައްވެސް ވަނީ ހައްދަން ފަށާފައެވެ.   

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
27%
27%
7%
27%
0%
13%
ކޮމެންޓް
7 އޯގަސްޓް 2022 | އާދީއްތަ 06:30
މުހައްމަދު
ތިކަން މިހާރުވެސް ޔުނައިޓެޑް އަރަބު އެމިރޭޓްގައި ދަނީ ކުރަމުން.