ކ. މާލެ
|
5 އޯގަސްޓް 2022 | ހުކުރު 22:05
މީސްމީޑިއާ ބޭނުން ކުރުމުގައި ދިވެހިންގެ ސަމާލުކަން ކުޑަ
މީސްމީޑިއާ ބޭނުން ކުރުމުގައި ދިވެހިންގެ ސަމާލުކަން ކުޑަ
ރާއްޖެއެމްވީ
ދިވެހިންގެ އިންސާފުގެ ހަރުގެއަކަށް މީސްމީޑިއާ
ދިވެހިންގެ އިންސާފުގެ ހަރުގެ އަކަށް މީސްމީޑިއާ!
 
ސިޔާސީ، ޒާތީ ބޭނުމަށް މީހުންގެ އަގު ވައްޓާލާ
 
ވަކި ބަޔަކަށް ހަނގާ ކުރަން މަސައްކަތް ކުރާ މީހުން ގިނަ
 
މީސްމީޑިއާގައި ވާހަކަދައްކާ އިރު ސައްހަކަން ކަށަވަރު ނުކުރޭ

ދިވެހިންގެ އިންސާފުގެ ހަރުގެ އަކަށް މީސްމީޑިއާ!

ބަވަނަ ވަމުންދާ ދުނިޔޭގެ އޮއިވަރާއި އެކު މިއަދު ޚިޔާލުފާޅުކުރުމާއި ބަސްބުނުމުގެ މިނިވަންކަން މިވަނީ މީގެކުރިން ދުވަހަކުވެސް ނުލިބޭ މިންވަރަށް ލިބިގެން ގޮސްފައެވެ. ދުނިޔޭގެ ކޮންމެތާކު ހިނގާ ކޮންމެ ކަމަކާއި މެދު ބަސްބުނުމަކީ ވެސް އިނގިލި ކުރިން ބަޓަނަކަށް ފިއްތާލުންހާ ފަސޭހަކަމެކެވެ. ސްމާޓް ފޯނުގެ އެހީގައި ތިމާގެ ސިކުނޑީގައި ހިނގާ ޚިޔާލުތައް މީސްމީޑިއާ އަށް ބަންޑުންކޮށްލުމަކީ ނުހަނު ފަސޭހަކަމެކެވެ. ކަންމިހެން އޮތް އިރު، ދިވެހިންނަކީ މީސްމީޑިއާ އަށް ފަރިތަ މީސްމީޑިއާގެ ވަސީލަތްތަކަށް ދޯޅުބައެކެވެ. ފޭސްބުކް އަކަސް، ޓްވިޓަރ އަކަސް، ވައިބަރ އަކަސް އަދި މީސްމީޑިއާގެ އެހެން ވަސީލަކަތަށް ވިޔަސް ދިވެހިންނާއި ބީރައްޓެހި ވަސީލަތެއް ހުރިހެނެއް ހިޔެއް ނުވެއެވެ. ތެދުތެދަށް ދަންނަވަނީ ނަމަ ދިވެހިންނާއި މީސްމީޑިއާ އާއި މިއީ އެއް ފައިސާފޮއްޗެއްގެ ދެ ފުށެވެ. ދިވެހިންނާއި މީސްމީޑިއާ އާއި އޮތީ އެހާ ވެސް ގާތް ގުޅުމެކެވެ.

އެހެން ނުވާންވީ ސަބަބެއް ނެތެވެ. ކިރިޔާ ހިތްހަމަ ނުޖެހޭ ކަމެއް ވިޔަސް އެންމެ ފުރަތަމަ އެ އުދާސްތަކާއި އެކު ދުއްވައިގަނެވެނީ މީސްމީޑިއާ އާއި ދިމާލަށެވެ. އުފާވެރި ޚަބަރަކަސް ހިތާމަވެރި ޚަބަރަކަސް އެންމެ ފުރަތަމަ ހިއްސާކުރެވެނީ އެއްކަލަ މީސްމީޑިއާގައެވެ. ހެއްވާލާ ޒާތުގެ ފޮޓޯ އެއް ނޫނީ ވީޑިއޯ އެއް ފެނުނަސް އެއެއްޗެއް މީސްމީޑިއާ އަށް ނުލާ ހިތްހަމަޖައްސާލެވޭކަށް ނޯވެއެވެ. ގޭތެރޭގައި ހިނގާ ކަންކަމުން ފެށިގެން އާއްމު އިޖުތިމާއީ މާހައުލުގައި ހިނގާ ކަންކަން އެންމެންނާއި ހިއްސާކުރުމުގައި މީސްމީޑިއާ ވެފައި ވަނީ އިމެއް ނެތް، ހުދޫދެއް ނެތް މައިދާނަކަށެވެ.

މީސްމީޑިއާ އަކީ އިމެއް، ހުދޫދެއް ނެތް ތަނެކޭ މި ދެންނެވީ ގަސްތުގައެވެ. މީސްމީޑިއާ އިން ފެންނަ ކޮންމެ ޕޯސްޓަކަށް ކޮމެންޓުކޮށް ޚިޔާލު އޮއްސާލާ އިރު އެވާހަކަތަކަކީ ތެދާއި ދޮގުގެ މަސްހުނިރުނބައެކެވެ. ތިމާ ހިތް ނޭދޭ މީހެއްގެ ވާހަކަދައްކަން ފޭކު އައިޑީ އާއި ޕޭޖުތައް ހަދައިގެން މީހުންގެ އަގުވައްޓާލަން ހޭވައްލާ މަސައްކަތް ކުރާ ބަޔަކުވެސް އެބަ ތިއްބެވެ. ގޮތް ނޭނގޭ އައިޑީ އާއި ކަޅު ޑީޕީގެ ފަހަތުގައި ތިބެގެން ތިމާ ނުރުހޭ މީހުންނާއި، ޒާތީ މަންފާތައް ޙާސިލްކުރުމަށް އެހެންމީހުންނާއި ދިމާކޮށްލާ މީހުންވެސް މަދެއް ނޫނެވެ.

ކޮންމެއަކަސް މިއިން ކޮންމެ ވާހަކަ އެއްވެސް މީސްމީޑިއާގައި ފެތުރެން ނަގަނީ ސިކުންތުކޮޅެކެވެ. އެއިރެއްގައި މީސްމީޑިއާގައި އެންމެ ބާރަށް ދެކެވޭ ވާހަކައެއްގެ ޚަބަރުދަބަރު ބަލާ، އެ ކަމަކަށް ކޮމެންޓު ކުރުމަކީ ދިވެހިން ނިކަން ފޯރިހުންނަ ކަމެކެވެ. އަމުދުން ސިޔާސީ މީހަކު، ނޫނީ މަގްބޫލު މީހެއްގެ ވާހަކަ ދެކެވޭ ނަމަ އެ ވާހަކައަކަށް ހުއްޓޭ ޝައުގުވެރިކަމުގެ ލޯތައް ގިނައެވެ. އެކަމާއި ބަސްބުނާނެ މީހުން ވެސް ގިނަވެ. މީސްމީޑިއާގައި ދެކެވޭ މިފަދަ ވާހަކަތައް ޝެއާކޮށް، ކޮމެންޓް ކުރާ އިރު ވަރަށް ގިނަ ފަހަރު މި ކަހަލަ ޕޯސްޓުތަކަކީ އެއްވެސް ހަގީގަތެއް، ބުރަދަނެއް ނެތް ރޯ ބުހުތާން ދޮގު ވާހަކަތަކެވެ. ބައެއް ވާހަކަތަކަކީ ތޯތޯ ވާހަކަތަކެވެ. އެހެންނަމަވެސް މީހެއްގެ ވާހަކަ މީސްމީޑިއާ އަށް އަންނަ ހިސާބުން އެއީ ތެދެއްތޯ ބަލާލަނީ ކާކުތޯއެވެ؟ ބޮޑެތި ތުހުމަތުތަކުގެ ވާހަކަ މީސްމީޑިއާގައި ދައުރުކުރުމުގެ މެދުވެރިއަކަށް ތިމާވާ އިރު، އެއީ ސައްހަ ތުހުމަތެއްތޯ ވިސްނާލެވޭބާއެވެ؟ ތިމާ ކޮށްލާ އެންމެ ޕޯސްޓެއްގެ ސަބަބުން މީހެއްގެ މުޅި ހަޔާތް އެ ފުށް މި ފުށަށް ޖެހިދާނެ ކަމުގެ ބިރު ހީވޭބާއެވެ؟ މި ކަންކަމާއި މެދު ދެވަނަ ވިސްނުމަކުން ވިސްނާލެވޭބާއެވެ؟

ބުނެވޭ ބަހެއްގެ ޒާތުން ވަކި މީހަކަށް މަލާމާތްކޮށް، އެ މީހެއްގެ ރަހުމަތްތެރިންނާއި، އަނބި ދަރީންނަށް ފުރައްސާރަކުރާ ހިސާބަށް އަހަރުމެންގެ ތެރެއިން ބައެއް މީހުންގެ އަމަލުތައް ދެއެވެ. ބައިގިނަ މީހުން މަދު މީހުންނާއި ދިމާކޮށްލާ މަންޒަރުވެސް ފެންނަނީ މަދަކުންނެއް ނޫނެވެ. މީމްސް އާއި ސަމާސާގެ ނަމުގައި ހަނގާ ކުރުމާއި ގަނާ ކުރުން ވެސް އެހާމެ އާއްމުވެއްޖެއެވެ. ފޮޓޯތައް އެޑިޓްކޮށްގެން ލުމާއި، ވީޑިއޯތައް އެޑިޓް ކުރުމާއި، މީހުންގެ ޒާތީ ވާހަކަތަކަށް ބަސްބުނުމަކީ ނިކަން އާދައިގެ ކަމަކަށް ހަދައިފިއެވެ.

ފަހަރެއްގާވެސް މި ދަންނަވަނީ މީސްމީޑިއާގައި ފެތުރޭ ހުރިހާ ޚަބަރަކީ ދޮގު ޚަބަރެކޭ ނޫނެވެ. އޭގެ ޒާތުގައި މީސްމީޑިއާ އަކީ ނިކަން ރަނގަޅު "އަޅެކެވެ". ގޯސްވަނީ އެ ގެންގުޅޭ ވެރިމީހާއެވެ. ގަބޫލުކުރަން ޖެހޭ ހަގީގަތަކީ މީސްމީޑިއާ އަށް މިފަދަ ޕޯސްޓްތައް އައުމާއި ހިސާބުން ނިމުނީ ނޫންކަމެވެ. އެއީ އަދި މައްސަލަ ފެށޭ ހިސާބެވެ. ފޭސްބުކް އާއި ޓްވިޓާ އަކީ މި ޒަމާނުގެ ދިވެހިންގެ ހޮޅުއައްޓެވެ. އެއީ މިހާރު ދިވެހިންގެ ހަރުގެއެވެ. ކުރީގައި ހޮޅުއައްޓަށް ގޮސް ދުފާލަން ތިބޭ އިރު އެކުވެރި މިތުރުންނާއި އެކު ދައްކާ އުޅުނު ތޯތޯ ވާހަކަތައް މިހާރު ދައްކަނީ މި ޕްލެޓްފޯމްތަކުގައެވެ. ޔޯލަ ޔޯލަ އަށް ދެކެވޭ ވާހަކަތައް ހޮޅުއަށީގައި ދެއްކި ޒަމާނުގައި އެކަންވީ ހައެއްކަ މީހުންގެ މެދުގައި ދުވަސް ކުރުކޮށްލަން ދެކެވޭ ވާހަކައަކަށެވެ. އޭރުވެސް ގައުމުގައި ހިނގާ ކޮންމެ ކަމެއްގެ ވާހަކަ އެ ހޮޅުއަށިތަކުގައި އައީ ދައްކަމުންނެވެ. ތިމާ އަށް އަޑު އިވުނު ވާހަކަ އަކީ ތެދެއްތޯ ބަލަން މީހުން ކައިރީގައި އެހުމާއި، ސަޅިބައިސާ ކެނޑުމާއި، ކުރެވޭ ހީގެ މައްޗަށް ވާހަކަދެއްކުމަކީ އާ ކަމެއް ނޫނެވެ. އެކަމަކު މިހާރު މީސްމީޑިއާ އަށް ހޮޅުއަށީގެ ސައްލާ ބަދަލުކޮށްލުމުން އެ ވާހަކަ އިވެނީ ތިން ހަތަރު މީހުންނަކަށް ނޫނެވެ.

އަދި މީސްމީޑިއާގައި ދޮގު ވާހަކައެއް ފެތުރުމުން، އެއީ އާއްމުކަމެއް ކަަމަށް ބުނުމަށް ފަހު ފަރުޖައްސާލެވޭކަށް ވެސް ނެތެވެ. ފޭސްބުކް ނޫނީ ޓްވިޓަރގައި ހިންގާ ޕޭޖުތަކުން ޕޯސްޓްތައް ކުރާ ހިސާބުން އެ ޕޭޖުތަކުގައި ދެކެވޭ ވާހަކަޔަކީ ސައްހަ ޥާހަކަ ކަމަށް ގަބޫލު ކުރާ އެތައް ބަޔަކު ތިބެއެވެ. އަދި އެފަދަ ވާހަކަތައް ފެތުރުމުގައި ސިޔާސީ ކަންކަމާއި ޒާތީ ތަޢައްސުބާއި ހަސަދަވެރިކަން ބޮޑު ދައުރެއް އަދާކުރެއެވެ. މީސްމީޑިއާގައި ފެތުރޭ ޚަބަރުގެ ތެދު ދޮގު ރޯފިލާވަރު ވާއިރު އެ ވާހަކަތައް ރައްދުވި މީހާ އަށް އިއާދަ ނުކުރެވޭނެ އެތައް ގެއްލުންތަކެއް ލިބޭ ހިސާބަށް މިއަދު އޮތީ ކަންކަން ގޮސްފައެވެ. މިއަދު އަޅުގަނޑުމެންގެ ތެރޭގައި ކަން ހިނގާ އުސޫލަކީ ތުހުމަތު ކުރެވޭ މީހާ އަކީ ގިނަ މީހުންގެ ނަޒަރުގައި ކުށްވެރިއަކަށް ވެއްޖެ ނަމަ އޭނާ އަކީ ކުށެއް ނެތް ކަމަށް ނިންމޭނެ ކޯޓެއް ނެތް ހިސާބަށް ކަންކަން ދިއުމެެވެ. މީސްމީޑިއާގައި އަޑުގަދަ މީހާ އަކީ މިއަދު ތެދު ދޮގު ކޮންޓްރޯލްކުރާ މީހާކަމަށް ވެއްޖެއެވެ. ގިނަ ގްރޫޕްތައް ކޮންޓްރޯލްކުރާ، ގިނައިން ޓްވީޓްކުރާނެ ކުދިންކޮޅެއް ތިބި މީހާ އަކީ ބާރުގަދަ މީހާ ކަމަށް ވެއްޖެއެވެ. ސައްހަ ނޫން އެންމެ ފޮޓޯއެއްގެ ސަބަބުން އެތައް ޒުވާނުންނަކަށް ހީނުކުރާ ވަރުގެ ތުރާލާއި ކުރިމަތިލާންޖެހިފައި އެބަހުއްޓެވެ. އެތައް ދުވަހެއް ވަންދެން ކުރި ބުރަމަސައްކަތުން ހޯދި އިޚުތިރާމް މިގޮތަށް ދެކެވޭ އެންމެ ވާހަކައެއްގެ ސަބަބުން ހިނދުކޮޅެއްގެ ތެރޭގައި އެބަ ގެއްލެއެވެ.

މީސްމީޑިއާގައި ވަކި ހިސާބަކުން ދެކޮޅަށް ވާހަކަދައްކާނެ މީހުން ގިނަ ވެއްޖެ ނަމަ އޭނާގެ ފަސްބައި ސާފުކަމަށް ބަޔަކަށް ވިސްނާދިނުމަކީ ދެން ނާދިރުކަމަކަށް ވާކަހަލައެވެ. އެ ހިސާބުން އެނާ އަކީ ކުށްވެރިއެކެވެ. މީސްމީޑިއާގެ އިންސާފަކީ ފަހުގެ އިންސާފުކަމަށް ވާނަމަ، އެއީ އެންމެ ރަނގަޅު ގޮތްތޯ ސުވާލުކޮށްލަން ޖެހޭ ނޫންތޯއެވެ! މިއަދު ތިމާ ނުރުހޭ މީހަކަށް ކުރާ ފުރައްސާރަ އަކީ ހެއްވާ މަޖާކަމަކަށް ވެދާނެއެވެ. މިއަދު ތިމާ މީސްމީޑިއާގައި ރަހުމަތްތެރިއަކު ޓެގްކޮށްލުމަށް ފަހު މީހަކަށް ހަޖޫ ޖަހާ ދައްކާ ވާހަކަ އަކީ ސިޔާސަ، ސަކަ ވާހަކައަކަށް ވެދާނެއެވެ. މިއަދު ވަކި މީހަކީ ތިމާމެން ނުރުހޭ މީހަކަށް ވީތީ، އެ މީހަކާއި މެދު ދޮގު ބުހުތާން ވާހަކަތައް ފެތުރުމަށް ފަހު ފިލާ ދިބެވިދާނެއެވެ. މާދަމާ މީސްމީޑިއާގެ މި ހުތުރު ކުޅިވަރުގެ ޝިކާރައަކަށް ވަނީ ތިމާގެ ލޯބިވާ އާއިލާ މީހެއް ކަމަށް ވެދާނެއެވެ. މީސްމީޑިއާގެ ނިމުމެއް ނެތް ހުޝާމާތާއި، މަލާމާތަށް ހުށަހެޅޭ މީހާ އަކީ ތިމާގެ ލޯބިވާ އާއިލާގެ މެމްބަރަކަށް ވެދާނެއެވެ. އެއީ ތިމާގެ ލޯބިވާ މަންމަ ނޫނީ ބައްޕަ އަށް ވެދާނެއެވެ. އެއީ ތިމާގެ ދެލޯ ފަދަ ލޯބިވާ ދަރިފުޅަށް ވެދާނެއެވެ. ނޫނީ މި ދަންތުރައިގައި ޖެހޭ މީހާ އަކީ ޚުދު ތިމާކަމަށް ވެސް ވެދާނެއެވެ. މީސް މީޑިޔާގައި ދޮގު ޚަބަރު ފެތުރުމުގެ ހަގީގީ އިހުސާސް ތިމާއަށް ކުރެވޭނީ އެދުވަހު އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް