ކ. މާލެ
|
4 އޯގަސްޓް 2022 | ބުރާސްފަތި 18:13
އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު އަލީ ނޫސްވެރިންގެ ބަައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަނީ
އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު އަލީ ނޫސްވެރިންގެ ބަައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަނީ
ރާއްޖެއެމްވީ
ސްކޫލް މާހައުލުގެ ރައްކާތެރިކަން ކަށަވަރުކުރުން
ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތު ކުރެވޭ މީހަކު ސްކޫލުގައި ނުބަހައްޓާނަން: އެޑިއުކޭޝަން މިނިސްޓަރ
ޖިނާއީ ދައުވާ ސާބިތުނުވިނަމަވެސް، ޖިންސީ ގޯނާގެ ތުހުމަތުކުރެވޭނަމަ ސްކޫލުގެ ވަޒީފާގައި ނުހުރެވޭނެ
ކުދިންގެ ރައްކާތެރިކަމާމެދު ސުވާލު އުފެދޭ މައްސަލަތަކުގައި ގެންގުޅޭނީ ޒީރޯ ޓޮލަރެންސް - މިނިސްޓަރ
ސްކޫލް މާހައުލުގައި އެފަދަ ކަމެއް ނުހިނގާނެކަމުގެ 100% ޔަގީންކަން ދެން - މިނިސްޓަރ

ސްކޫލް މާހައުލުގައި ކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު ޚިދުމަތުގައި ދެމިހުންނަން ފުރުސަތު ނުދޭނެ ކަމަށާއި، އެފަދަ ކަންކަން އެއްވެސް ވަރަކަށް ތަހައްމަލުނުކުރައްވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު އަލީ ވިދާޅުވެއްޖެއެވެ.

ދިރާސީ އާ އަހަރު ފެށުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަމުންދާ ތައްޔާރީތަކާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތުދެއްވުމަށް ބޭއްވެވި ބައްދަލުވުމެއްގައި އެކަމަނާ ވިދާޅުވީ، ސްކޫލް މާހައުލުގައި ކުއްޖަކާމެދު ޖިންސީ ގޯނާގެ އަމަލެއް ނުހިނގާނެކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާކަމަށެވެ. ސްކޫލްތަކުގެ ނިޒާމް އެކުލަވާލާފައިވަނީ, ކޮންމެ މުވައްޒަފަކީ އެފަދަ ކަންކަމަށް ސަމާލުކަންދޭ، ކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މަސައްކަތްކުރާ މުވައްޒަފެއްކަން ޔަގީންކުރެވޭގޮތަށް ކަަމަށެވެ.

ސްކޫލް މާހައުލުގަ އެފަދަ ކަމެއް ނުހިނގާނެކަމުގެ 100% ޔަގީންކަން ދެން. މިފަދަ ކަންކަމަށް އަޅުގަނޑުމެން ދޭނީ ޒީރޯ ޓޮލަރެންސް. އެންމެ މުހިންމީ ކުދިންގެ ސޭފްޓީ. ޖިނާއީ ހުކުމެއް ނައިކަމުގަވީނަމަވެސް އެއްވެސް މުވައްޒަފެއްގެ ފަރާތުން ކުއްޖަކަށް ނުރައްކަލެއް އޮތް ނަމަ ކުދިންނާ ކުރިމަތިލާން އެ މީހަކު ނުހުންނާނެ.
އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު އަލީ

މީގެ އިތުރުން ކުރިއަށް އޮތްތަނުގައި މުދައްރިސުން ރަޖިސްޓަރކުރުމުގެ އިތުރުން, އުނގަންނައިދޭ ތަންތަން ރަޖިސްޓްރީކުރަން ނިންމާފައިވާއިރު، އެއީ ކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅާ މުހިންމު ފިޔަވަޅެއްކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. ޖިންސީގޯނާގެ މައްސަލަތަކުގެ ތުހުމަތުކުރެވޭ ފަރާތްތަކަށް ތައުލީމީ ދާއިރާގެ ވަޒީފާތަކުގައި ނުތިބެވޭނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ތައުލީމުދޭ ތަންތަން ރަޖިސްޓަރކުރުމާއެކު، ވަކިވަކި ދަރިވަރުން ގެންގޮސްގެން ޓިއުޝަން ދިނުން ހުއްޓުމަކަށް އަންނާނެކަމަށް އެކަމަނާ ވިދާޅުވިއެވެ. އެގޮތަށް ނިންމީ އެފަދަ ތަންތަނުގައި ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރެވޭނެ ނިޒާމެއް ނެތުމުންކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް