ކޮމަންވެލްތު ގޭމްސްގެ ބެޑްމިންޓަން ދެވަނަ ބުރުން ރާއްޖޭގެ ނިބާލް އަޙުމަދު ޖާގަ ހޯދައިފިއެވެ.
ދެވަނަ ބުރުން ނިބާލް ޖާގަ ހޯދީ ފުރަތަމަ ބުރުގައި ކުޅުނު މެޗު ކާމިޔާބުކޮށްގެންނެވެ. މި ބުރުގައި 64 ކުޅުންތެރިން ވާދަ ކުރިއެވެ. ނިބާލް ވާދަކުރަން ޖެހުނީ ފޯކްލޭންޑް އައިލެންޑުގެ ޑަގްލަސް ކްލާކްއާއެވެ. މި މެޗު ނިބާލް ވަނީ ސީދާ ދެ ސެޓުން ކާމިޔާބުކޮށްފައެވެ. އެއީ ފުރަތަމަ ސެޓު 21-10 އަދި ދެ ވަނަ ސެޓު 21-11 ންނެވެ. ދެ ވަނަ ބުރުގައި މިއަދު ނިބާލް ނުކުންނާނީ، ސިއެރ ލިއޯންގެ އިބްރާހިމް އިޒާގޯ ކޮންޓޭއާ ދެކޮޅަށެވެ. މި ބުރުގައި ވާދަ ކުރި ރާއްޖޭގެ ޒަަޔާން ޒަކީ ވަނީ އޭނާ ކުޅުނު މެޗުން ބަލިވެފައެވެ. ޒަމްބިއާގެ ކަލޮމްބޯ މުލެންގާއާ ދެކޮޅަށް ކުޅެ ޒަޔާން ބަލިވީ، 21-16 އަދި 21-08 ންނެވެ.
ފިރިހެން ދެވަނަ ބުރުގައި ރާއްޖޭގެ މުޙައްމަދު އަޖުފާން ރަޝީދު ވާދަކުރާނެއެވެ. ދެވަނަ ބުރުގައި އަޖުފާން ނުކުންނާނީ ގާނާގެ އަޙުމަދު އަބްދުލް ސަމަދުއާ ދެކޮޅަށެވެ.
ބުދަ ދުވަހު ކުރިއަށްދިޔަ އެހެން އިވެންޓުތަކަށް ބަލާއިރު، އަންހެން ޑަބަލްސް ޕެއާ އަދި މިކްސް ޑަބްލްސް ޕެއާ ވަނީ ބަލިވެފައެވެ. އައިމިނަތު ނަބީހާ އަދި ފާތިމަތު ނަބާހާގެ އަންހެން ޑަބަލްސް ޕެއާ ވަނީ އޮސްޓްރޭލިއާއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެފައެވެ. އޮސްޓްރޭލިއާގެ ޕެއާ އިން ސެޓުތައް ހޯދީ 21-13 އަދި 21-15 ންނެވެ. ރާއްޖެ ވަނީ މި އިވެންޓުން ކަޓާފައެވެ.
މިކްސް ޑަބަލްސްގައި ވާދަކޮށް ޒަޔާން އާއި ނަބާހާ ވަނީ ސްކޮޓްލެންޑުގެ ޕެއާ އަތުން 21-08 އަދި 21-09 ން ބަލިވެފައެވެ. ދެން ކުޅުނު އަަޖުފާން އާއި ނަބީހާގެ ޕެއާ ވަނީ ސިންގަޕޫރުގެ ޕެއާ އަތުން 21-03 އަދި 21-12 ން ބަލިވެފައެވެ. މި އިވެންޓުން ވެސް ރާއްޖެ ވަނީ ކަޓާފައެވެ.
ގޭމްސްގައި މިއަދު ވެސް ރާއްޖޭގެ މެޗުތަކެއް ކުރިއަށްދާނެއެވެ. އެއީ އަންހެން ސިންގަލްސް އާއި ފިރިހެން ޑަބަލްސްގެ މެޗުތަކެކެވެ.