އިނގިރޭސިވިލާތުގެ މެންޗެސްޓަރ ސިޓީއާއެކު ފިލް ފޯޑެން ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އައުކުރަން ނިންމައިފިއެވެ.
ރިޕޯޓުތައް ބުނާ ގޮތުން ފޯޑެންގެ ކޮންޓްރެކްޓް އައުކުރަނީ 2028 ވަނަ އަހަރުގެ ނިޔަލަށެވެ. އަދި ކުރިއަށް އޮތް ދެތިން ދުވަސް ތެރޭގައި އެކަން ރަސްމީކޮށް އިއުލާނު ކުރާނެ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. މީގެ ކުރިން، 2018 ވަނަ އަހަރު ފޯޑެން ސިޓީއާއެކު ހަފާދައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2024 ވަނަ އަހަރުއެވެ.
މިހާރު ހަދާފައިވާ އެއްބަސްވުމުގައި މުސާރައިގެ ގޮތުގައި ފޯޑެންއަށް ހަފްތާއަކު 30،000 ޕައުންޑު ލިބޭނެއެވެ. ނަމަވެސް އައު ކޮންޓްރެކްޓާއެކު މި އަދަދު 225،000 ޕައުންޑަށް އިތުރުވާނެ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
ފޯޑެންއަކީ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އަދި ޓީމުން ގަބޫލުކުރާ ގޮތުގައި އިނގިރޭސި ފުޓްބޯޅައިގައި މިހާރު ވާދަކުރަމުން އަންނަ އެންމެ ހުނަރުވެރި އެއް ކުޅުންތެރިޔާއެވެ. ފޯޑެން ވަނީ ފާއިތުވި ދެ ސީޒަންގައިވެސް ޕްރިމިއަރ ލީގުގެ އެންމެ އުންމީދީ ޒުވާން ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ. މިދިޔަ ސީޒަންގެ ޕްރިމިއަރ ލީގުގައި ފޯޑެން ވަނީ ނުވަ ލަނޑު ޖަހާ ފަސް ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ. މީގެ އިތުރުން ޗެމްޕިއަންސް ލީގުގައި އޭނާ ކުޅުނު 11 މެޗުގައި އޭނާ ވަނީ ތިން ލަނޑު ޖަހާ ދެލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ.
މެންޗެސްޓަރ ސިޓީގެ އެކަޑަމީއާއި ފޯޑެން ގުޅުނީ އޭނާގެ އުމުރުން އަށް އަހަރުގައެވެ. ސިޓީގެ ސީނިއާ ޓީމަށް ފޯޑެން އެންމެ ފުރަތަމަ ކުޅުނީ 2017 ވަނަ އަހަރުގެ ނޮވެމްބަރު 21 ގައެވެ.