ދިވެހިރާއްޖޭގެ ތާރީހުގައި މިހާތަނަށް ހިންގާފައިވާ އެންމެ ބޮޑުއެއް ހިޔާނާތުގެ މައްސަލަކަމަށްވާ އެމް.އެމް.ޕީ.އާރު.ސީގެ ކޮރަޕްޝަން މައްސަލައާއި ގުޅުންހުރި ވ.އާރަށް ވިއްކުމުގައި ހިންގި ހިޔާނާތުގެ މައްސަލާގައި ރައީސް ޔާމީންއާއި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްއަށް ކުރާ ރިސްވަތު ހިފުމާއި މަނީލޯންޑަރިންގެ ދައުވާތައް ސާބިތުކުރުމަށް ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިންގެ ތެރެއިން މިހާތަނަށް 4 ހެއްކެއްގެ ހެކިބަސް ނަގާފާއިވާއިރު، އެންމެ ފަހުން އޮތް ޝަރީއަތުގެ މަޖިލީހުގައި ހެކިބަސްނަގާފައިވަނީ އެ ހިޔާނާތުގެ މުޢާމަލާތުގައި ބޭންކަށް ފައިސާ ޖަމާކުރުމަށް ހުށަހެޅި ޗެކްގެ ޑިޕޮސިޓް ސްލިޕްތަކާއި ސިޓީއެއްގައި އަތުން ލިޔެފައިވާ ލިޔުމަކާއި ކޮށްފައިވާ ސޮއިތަކުގެ ސައްހަކަން ހޯދަން ޑޮކިއުމަންޓް އެގްޒަމިނޭޝަން ރިޕޯޓް ތައްޔާރު ކުރި ފުލުސް އޮފިސަރުގެ ހެކިބަހެވެ.
އާރަށް މައްސަލައިގައި ޔާމީންގެ މައްޗަށް ދައުވާ ކުރަނީ އެ ރަށް ކުއްޔަށް ދޫކުރުމުން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި އަދި އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ އެވެ. މިމައްސަލަ ސާބިތުކުރުމަށް ދައުލަތުގެ ފަރާތުން ޝަފަހީ ހެކިންގެ ގޮތުގައި 13 ހެއްކެއް ހުށަހަޅާފައިވާއިރު، ގިނަ އަދަދެއްގެ ކިތާބީ ހެކިވެސް ދައުލަތުގެ ފަރާތުން ވަނީ ހުށައަޅާފައެވެ. ވ.އާރަށް ކުއްޔަށް ދިން މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ކުރާ ދައުވާގައި ޔާމީންއާއި އަހުމަދު އަދީބްއާ ދެމެދު ކުރެވުނު ފޯނު ކޯލްތަކެއްގެ ރިކޯޑިން ތަކަކާއި ލެޕްޓޮޕް އަކުން ހޯދި ކޮމިނުކޭޝަންތަކެއްގެ މުހިންމު ހެކިތަކެއް ދައުލަތުން ހުށައަޅާ އެހެކިތައް ތަޙުލީލު ކުރި ފަރާތްތަކުގެ ހެކިބަސް ވަނީ ޝަރީއަތުގައި ނަގާފައެވެ. އަދި އެންމެ ފަހުން ހެކިބަސް ނަގާފައިމިވަނީ ރިޝްވަތުގެ ގޮތުގައި ހޯދު ފައިސާ ބޭންކަށް ޖަމާކުރި ޗެކް، ޖަމާކުރުމައްޓަކައި ފޮނުވި ސިޓީގައިވާ އަތުލިޔުމާއި ސޮއި ތަހުލީލުކުރި ފުލުސް މީހާ އެވެ.
ދަޢުވާކުރެވިފައި މައްސަލާގައި ކަންހިނގާފައިވާ ގޮތް
މިމައްސަލައިގައި ދައުވާކުރަމުން ޝަރީއަތުގައި ދަޢުލަތުން ކުރިން ފާހަގަކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމް ހިއްސާ އޮތް ކުންފުނީގެ ހިއްސާތައް 2015 ވަނަ އަހަރު ސެޕްޓެމްބަރ މަހު އެހެން ކުންފުންޏަކަށް އޭނާ ވިއްކާލުމާއެކު ޖެހިގެން އައި ދުވަހު އެ ކުންފުންޏަށް އާރަށް ދިނުމަށް އެމްއެމްޕީއާރުސީ އިން ނިންމާ އެރަށް އެކުންފުޏަށް ހަވާލުކޮށްފައިވާކަމަށެވެ. އަދިއެކުންފުނީގެ ފަރާތުން 1 (އެކެއް) މިލިއަން ޑޮލަރ އެމް.އެމް.ޕީ.އާރު.ސީ.އަށް ދެއްކުމަށް ޗެކެއް ހަވާލުކުރިއިރު، އިތުރު 1 (އެކެއް) މިލިއަން ޑޮލަރު ހިމެނޭ ޗެކެއް ޔޫސުފް ނައީމްއަށްވެސް އެދުވަހު ހަވާލުކޮށްފައިވާކަން ލިޔުންތަކުން އެނގޭކަމަށް ދައުލަތުން ބުނެފައިވެއެވެ. އޭގެ 3 ދުވަސް ފަހުން އެ ޗެކް ޔޫސުފް ނައީމުގެ އެކައުންޓަށް ޖަމާކުރުމަށްފަހު، އޭގެ 2 ދުވަސްފަހުން ޔޫސުފް ނައީމުގެ އެ އެކައުންޓުން ރައީސް ޔާމީނަށް 1 (އެކެއް) މިލިއަން ޑޮލަރގެ ޗެކެއް ދޫކޮށްފައިވާކަމަށާއި އަދި އޭގެ 2 ދުވަސް ފަހުން ޔާމީންގެ އެކައުންޓަށް ޔޫސުފް ނައީމް ދިން 1 (އެކެއް) މިލިއަން ޑޮލަރުގެ ޗެކް ޖަމާކޮށްފައިވާ ކަމަށް ދައުލަތުން ބުނެފައިވެއެވެ. ދައުލަތުން ބުނިގޮތުގައި އެޗް.އެސް.ބީ.ސީގައި ހުޅުވާފައިވާ ޔާމީންގެ އެކައުންޓަކަށް ޔޫސުފް ނައީމް ދިން ޗެކް ޖަމާކުރިއިރު، ޗެކާއެކު ފޮނުވި ސިޓީގައި ވަނީ އެއީ "ޕޮލިޓިކަލް ކެމްޕެއިނަށް" ދިން ފައިސާ ކަމަށެވެ. އަދި އެ ފައިސާ އާއި އިތުރު ފައިސާތަކެއް އެއްކުރުމަށް ފަހު، ޔާމީންގެ އެހެން އެކައުންޓް ތަކަކަށް ފައިސާ ޖަމާކުރިކުރުމަކީ މަނީ ލޯންޑަރިންގެ އަމަލެއްކަމަށް ދައުލަތުން ބުނެފައިވެއެވެ.
އަހުމަދު ތަހްސީންގެ ހެކިބަސް
މިމައްސަލައާ ގުޅިގެން މިއަދު ހެކިބަސްދިން ފަރާތަކީ، މޯލްޑިވެސް ޕޮލިސް ސަރވިސްގެ ފޮރެންސިކް ސަރވިސަސް ފިޒިކަލް އެވިޑެންސް ލެބޯރެޓަރީގައި ސީނިއަރ ފޮރެންސިކް އެނަލިސްޓެއްގެ ގޮތުގައި 2011 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރަމުން އަންނަ އަޙުމަދު ތަހުސީންއެވެ. އެ ފަރާތުގެ ހެކިބަސް ނަގާފައިވަނީ ދަޢުވާކުރެވިފައިވާ މައްސަލައިގެ ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާ ބޭންކަށް ފައިސާ ޖަމާކުރުމަށް ހުށަހެޅި ޗެކްގެ ޑިޕޮސިޓް ސްލިޕްތަކާއި ސިޓީތަކުގައި ކޮށްފައިވާ ސޮއިތަކުގެ ސައްހަކަން ކަށަވަރުކުރުމުގެ ގޮތުން އެކްސްޕާޓެއްގެ ހައިސިއްޔަތުންނެވެ. އެ ގޮތުން ހެކިބަސް ނެގި ފަރާތަކީ އެ ލިޔުންތަކުގެ ޑޮކިއުމަންޓް އެގްޒަމިނޭޝަން ރިޕޯޓް ތައްޔާރު ކުރި ފަރާތެވެ.
މިއަދު ހެކިބަސްދިން އަޙުމަދު ތަހުސީން އަކީ 2011 ވަނަ އަހަރުން ފެށިގެން ފޮރެންސިކް ސަރވިސަސް ފިޒިކަލް އެވިޑެންސް ލެބޯރެޓަރީގައި ފޮރެންސިކް އެނަލިސްޓެއްގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ ފަރާތެކެވެ. 2010 ވަނަ އަހަރުން ފެށިގެން މިދާއިރާއާ ގުޅޭ ގޮތުން މަތީ ތައުލީމް ހާސިލްކޮށް ގިނަ ތަމްރީންތަކާ ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވައިރު، ގިނަ ގައުމުތަކެއްގައި ދާއިރާއާ ގުޅޭ ތަފާތު ކޯސްތަކާއި ތަމްރީންތައް އެފަރާތުން ފުރިހަމަކޮށްފައިވެއެވެ. އަދި މިހާތަނަށް 600 އަށްވުރެ ގިނަ އެނަލިސިސް ރިޕޯޓް ތައްޔާރުކޮށްފައިވާކަމަށް ހެކިބަސްދެމުން އަޙުމަދު ތަހުސީން ބުނެފައިވެއެވެ.
ތަޙުޤީޤުކުރާ ފަރާތުން ތަޙުލީލުކުރުމަށް ބޭނުންވާ އެވިޑެންސްއެއް ލެބޯރެޓަރީއަށް ގެނައުމުން ތަހުލީލުކުރަނީ އެ ގެނެވޭ އެވިޑެންސް ހުރީ އެވިޑެންސް ބޭގެއްގައި ރައްކާތެރިކަމާއެކު ސީލް ކުރެވިފައިތޯއާއި ޗެއިން އޮފް ކަސްޓަޓީ ފުރިހަމަކޮށްފައިވޭތޯ ބެލުމަށްފަހުގައި ކަމަށް ހެކިބަސްދިން ފަރާތުން ބުނެފައިވާއިރު އެފަރާތާ ހަމައަށް ގެނަވުނު ތަކެތި ހުރީ އެގޮތަށް ކަމަށްވެސް ބުނެފައިވެއެވެ.
މި މައްސަލައި ގައި ހެކިބަސް ދެމުން ހެކިވެރިޔާ ބުނެފައިވަނީ އެގްޒާމިން ކުރުމަށް އެފަރާތާ ހަވާލު ކުރެވުނު ލިޔުންތަކުގެ ތެރޭގައި ސުވާލު އުފެދޭކަމަށް ބުނާ ލިޔުމަކާއި އެލިޔުމާ އާޅާ ކިޔުމަށް އެހެނިހެން ލިޔުންތައް ހަވާލު ކުރެވިފައިވާކަމަށެވެ. އެ ޑޮކިއުމަންޓުތައް އެގްޒަމިން ކުރުމަށް ތަހުޤީޤު ކުރާ ފަރާތުން އެދިފައިވަނީ އެ ލިޔުންތަކުގައި ހުރި އަތު ލިޔުންތަކާއި ސޮއިގެ ސައްހަކަން ކަށަވަރުކުރުމަށް ކަމަށްވާއިރު، ހަވާލު ކުރެވިފައި ހުރީ އޮރިޖިނަލް ޑޮކިއުމަންޓްތަކެއް ކަމުން އެއީ އެފަދަ އެކްސްޕާރޓް އެނަލިސިސްއެއް ހެދުމަށް ޝަރުތު ހަމަވާ ލިޔުންތަކެއްކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ. ހުށަހެޅިފައިވާ ސުވާލު އުފެދިފައިވާ ޑޮކިއުމަންޓަކީ 2015 ވަނަ އަހަރު ގެ ލިޔުންތަކެއްކަމުން އެ ލިޔުންތަކާ އަޅާ ކިޔުމަށް އެންމެ އެކަށީގެންވަނީ އެދުވަސްވަރެއްގެ ލިޔުންތަކެއްކަމާއި ސަބަބަކީ އަތުލިޔުން އަދި ސޮޔަކީ ގިނަ ދުވަސްވާވަރަކަށް ބަދަލުތަކެއް އަންނަ އެއްޗެއް ކަމަށް ވާތީއެވެ.
ހެކިވެރިޔާއާއި ތަޙުލީލުކުރުމަށް ހަވާލުކުރެވިފައިވަނީ އެކައުންޓް ރީ އެކްޓިވޭޝަން ސިޓީގައި ލިޔެފައިވާ އަތުލިޔުމާއި ކޮށްފައިވާ ސޮއި އަދި ނަމޫނާ ޗެކްތަކާއި ޑިޕޮސިޓް ސިލިޕްތަކުގައި ކޮށްފައިވާ ސޮޔާއި ލިޔުންތައް އަޅާކިޔުންކަމަށް ހެކިބަސްދެމުން ބުނެފައިވާއިރު، ރީ އެކްޓިވޭޝަން ސިޓީގައި ގަލަމަކުން އިގިރޭސި ބަހުން އަތުލިޔުމުން ލިޔުމެއް ލިޔެފައިވާކަމާއި އެ ލިޔުމުގައި ބަޔާންކޮށްފައިވަނީ ޕޮލިޓިކަލް ކެމްޕޭއިންއަށް އެހީ ވުމަށް ދިން ފައިސާކަމަށް ބުނެފައިވެއެވެ. އެނގިފައިވާ ގޮތުގައި މި ސިޓީ އަކީ ރައީސް ޔާމީންގެ އެކައުންޓް އަލުން އެކްޓިވޭޓް ކުރުމުގެ ގޮތުން ބޭންކަށް ޔާމީން ފޮނުވާފައިވާ ސިޓީއެކެވެ. މި ސިޓީގައި އަތުލިޔުމުން ލިޔެފައިވަނީ ރައީސް ޔާމީންއެވެ. އަދި ކޮށްފައިވާ ސޮޔަކީ އެފަރާތުގެ ސޮޔެވެ. މި ލިޔުމަށް އަދި ސޮޔަށް ޔާމިން ތަޙުޤީޤު މަރުހަލާގައިވެސް އިންކާރުކުރައްވާފައެއް ނުވެއެވެ. އަދި އެއި އެފަރާތުން ލިޔެފައިވާ ލިޔުމެއްކަމާއި އެއީ އެފަރާތުގެ ސޮއިކަމަށް އިއުތިރާފްވެފައިވާ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.
އަތުލިޔުން އަދި ސޮއި ދެނެގަތުމުގައި ބިނާ ވަނީ ސައިންޓްފިކް ހެކިތަކެއްގެ މައްޗަށް ކަމަށާއި އަތުލިޔުން އަދި ސޮއިގައި ހިމެނޭ ސިފަތައް ޒަމާނީ ޓެކްނޮލަޖީގެ އެހީގައި ދެނެގަތުމުގެ ގާބިލްކަން ލިބިގެންވާ ބައެއް އާލަތްތައް އެނަލިސިސް ހެދުމަށް ބޭނުންކޮށްފައިވާނެކަމަށާއި އެގޮތުން 80 ގުނައަށް ޒޫމް ކުރެވޭ ސްޓީރިއޯ ޒޫމް މައިކްރޮސްކޯޕް މެގްނިފަޔަރ އެއްވެސް ބޭނުންކުރިކަމަށް ބުނެފައިވެއެވެ. ކުރެވުނު ތަހުލީލުތަކުން އެނގިގެން ދިޔައީ ސިޓީގައި ޔާމީން ނަމުގައި ކޮށްފައިވާ ސޮޔަކީ ނަމޫނާ ލިޔުންތަކުގައިވެސް ކޮށްފައިވާ ސޮއިކަމަށާއި އެ ސިޓީގައި ނޫކުލާއިގެ ގަލަމަކުން އަތުލިޔުމުން ލިޔެފައިވާ ލިޔުމާވެސް ނަމޫނާ ލިޔުންތަކާ ދިމާވާކަމަށް ހެކިވެރިޔާ ބުނެފައިވެއެވެ. އަދި އެލިޔުންތަކުގައި ބޭނުންކޮށްފައިހުރީ އެއްބާވަތެއްގެ ގަލަންތަކެއްކަންވެސް އެނގިގެން ދިޔަކަމަށް ހެކިވެރިޔާ ބުނެފައިވެއެވެ.
ތަހުލީލުކުރި ހެކިވެރިޔާ ތައްޔާރުކުރި ރިޕޯޓުގައި ނިންމާލަމުން ފާހަގަކޮށްފައިވަނީ ސޮޔާއި ލިޔުންތައް ސުވާލު އުފެދުނު ލިޔުންތަކާއި ސޮޔާއި ނަމޫނާ ލިޔުންތައް އެއްވެސް ޝައްކެއްނެތް މިންވަރަށް އެއްގޮތް ކަމަށް ސާބިތުވާކަމަށެވެ. އަދި އެ ލިޔުންތަކުގައި ހުރި ސޮޔަކީ ފޯޖް ކުރުމަށް އުދަގޫ ސިފަތަކެއް ހުރި ސޮޔެއްކަމަށްވެސް ހެކިވެރިޔާ ފާހަގަކޮށްފައިވެއެވެ. ތަޙުލީލު ރިޕޯޓް ވަކިގޮތަކަށް ތައްޔާރުކުރުމަށް އެފަރާތުގެ މައްޗަށް އެއްވެސް ނުފޫޒެއް އައިސްފައިނުކަމަށާއި އެފަރާތުން ތައްޔާރުކޮށްފައިވާ ރިޕޯޓަކީ ސައްހަ ރިޕޯޓެއްކަމަށް ހެކިވެރިޔާ ޝަރީއަތުގެ މަޖިލީހުގައި ބުނެފައިވެއެވެ.
މި މައްސަލާގައި ހިމެނޭ އެވިޑެންސްތަކުގެ އެއް ޗެއިން އޮފް ކަސްޓަޑީގައި 2026 ވަނަ އަހަރު ޖަހާފައިވާ ކަމަށް ޔާމީންގެ ވަކީލުން ވަނީ ޝަރީއަތުގައި ފާހަގަކޮށްފައެވެ. އެނގިފައިވާ ގޮތުން އެއީ އޮޅުމަކުން އަހަރު ޖެހުމުގައި ދިމާވެފައިވާ މައްސަލައެކެވެ. ނަމަވެސް އެއީ ލިޔުންތަކުގެ އެނަލިސިސް ނަތީޖާއަށް އަސަރު ކުރާވަރު ކަމެއް ކަމަށް ނުދެކޭ ކަމަށާއި ނަތިއްޖާއަކަށް އޭގެ ސަބަބުން ބަދަލެއް ނާންނާނެކަމަށް ހެކިވެރިޔާ ބުނެފައިވެއެވެ. ފާހަގަކުރެވިފައިވާ ގޮތުން 2026 ވަނަ އަހަރު ޖެހިފައިވަނީ އަތުލިޔުމުގެ ކުށަކުންކަމުން މިއީ އިޖުރާތާ ހިލާފްވުމެއްކަމަށް ނުބެލެވޭކަމަށް ޤާނޫނީ ބޭފުޅުން ދެކެއެވެ. 2020 އަހަރު ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުމެއްގައިވަނީ އިޖްރައާތާ ހިލާފްވާ ކޮންމެ ފަހަރަކީ މުޅި މައްސަލައަށް އަސަރުކުރާނެ ހާލަތެއް ނޫންކަމާއި ޖިނާއީ އިޖުރާތުގެ ތެރޭގައި މައްސަލައަށް އަސަރުކުރާ ފަދަ އިޖްރައާތުތަކާއި އަސަރު ނުކުރާނެ އިޖްރައާތުތައް ހުންނަ ކަމަށް ސްޕްރީމް ކޯޓުން ކޮށްފައިވާ ހުކުމެއްގައި ޔާންކޮށްފައިވެއެވެ. އިޖްރައާތުގައި ބަޔާންކުރާ ކަންކަން ފުރިހަމައަށް އަދާ ނުކުރިޔަސް، އެއީ އަސާސީ ޚިލާފްވުމެއް ނޫން ނަމަ، އެކަން ކޯޓުތަކުން ބަލައިގަނެވިދާވޭނެ ކަމަށް އެ ހުކުމުގައިވެ އެވެ.