ކ. މާލެ
|
3 އޯގަސްޓް 2022 | ބުދަ 08:00
ލިއޮނެލް މެސީ
ލިއޮނެލް މެސީ
ޓްވިޓަރ
ލިއޮނަލް މެސީ
މެސީ، ފުޓުބޯޅައިގެ އައު ރެކޯޑާކާ ދިމާލަށް
 
ދާދި ފަހުން ޕީއެސްޖީއާއެކު ޗެމްޕިއަން ޓްރޮފީ ކާމިޔާބުކުރުމާއެކު، މެސީގެ ކެރިއަރުގައި އޭނާ ހޯދި ޓްރޮފީގެ އަދަދު ވަނީ 41 އަށް އަރާފައި

ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ފުޓުބޯޅައިގެ އައު ރެކޯޑެއް ހެދުމާ ގާތަށް ޖެހިލައިފިއެވެ.

ދާދި ފަހުން ޕީއެސްޖީއާއެކު ޗެމްޕިއަން ޓްރޮފީ ކާމިޔާބުކުރުމާއެކު، މެސީގެ ކެރިއަރުގައި އޭނާ ހޯދި ޓްރޮފީގެ އަދަދު ވަނީ 41 އަށް އަރާފައެވެ. މިއީ ފުޓުބޯޅައިގެ ތާރީޚުގައި ވެސް ޤައުމީ ޓީމު އަދި ކުލަބާއެކު ދެވަަނަ އަަށް އެންމެ ގިނަ ޓްރޮފީއެވެ. އެންމެ ގިނަ ޓްރޮފީ ހޯދި ލިސްޓުގެ އެއް ވަނަ މަގާމުގައި 43 ޓްރޮފީއާއެކު އޮތީ، މެސީއާއެކު ކުރިން ބާސެލޯނާއަށް ކުޅުނު ބްރެޒިލްގެ ޑެނީ އަލްވޭސްއެވެ.

އުމުރުން 39 އަހަރުގެ ޑެނީ އަލްވޭސް މިހާރު ކުޅެމުން އަންނަނީ މެކްސިކޯގެ ޕޫމާސްއަށެވެ. އެ ޓީމަށް 2011 ވަނަ އަހަރުގެ ފަހުން މިހާތަނަށް އަދި ލީގު ކާމިޔާބު ކުރެވިފައިނުވާއިރު، 1975 ގެ ފަހުން ކަޕް ކާމިޔާބުކުރެވިފައެއް ނުވެއެވެ. އެހެންކަމުން ޑެނީ އަލްވޭސް އަށް އެ ޓީމާއެކު މި ދެ މުބާރާތް ކާމިޔާބު ނުކުރެވިއްޖެ ނަމަ، 43 ތަށީގެ އަދަދު އެގޮތުގައި ހުރުން ގާތެވެ.

އުމުރުން 35 އަހަރުގެ މެސީއަށް މި ސީޒަނުގެ ފްރާންސް ލީގާއި، ކަޕް ކާމިޔާބުކޮށްގެން ޑެނީ އަލްވޭސްގެ އަދަދާ އަރާ ހަމަ ކުރެވޭނެއެވެ. ފްރާންސް ލީގުގައި ޕީއެސްޖީގެ ރޯލަށް ބަލާއިރު، މި ދެ މުބާރާތް އެ ޓީމުން ކާމިޔާބުކުރުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

މީގެ އިތުރުން މިއަހަރުގެ ފަހުކޮޅު ޤަތަރުގައި އޮންނަ ވޯލްޑް ކަޕަކީ ވެސް މި ދެ ކުޅުންތެރިންނަށް ވަރަށް މުހިންމު މުބާރާތެކެވެ. ބްރެޒިލާއެކު ޑެނީ އަލްވޭސް މިހާތަނަށް ހަ ތަށި ހޯދާފައިވެއެވެ. އެއީ ކޮޕާ އެމެރިކާގެ ދެ މުބާރާތާއި، ކޮންފެޑަރޭޝަން ކަޕްގެ ދެ މުބާރާތާއި، އޮލިމްޕިކްސްގެ އިތުރުން 20 އަހަރުން ދަށުގެ ވޯލްޑް ކަޕެވެ. އާޖެންޓީނާއާއެކު މެސީ ވަނީ ހަތަރު ތައްޓެއް ކާމިޔާބުކޮށްފައެވެ. އެއީ ކޮޕާ އެމެރިކާއާއި، ކޮންމެބޮލް ޔުއެފާ ކަޕް އޮފް ޗެމްޕިއަންސް އާއި، އޮލިމްޕިކްސްގެ އިތުރުން 20 އަހަރުން ދަށުގެ ވޯލްޑް ކަޕެވެ.

އެންމެ ގިނަ ޓްރޮފީ ހޯދި ކުޅުންތެރިންގެ ލިސްޓުގައި ދެން ހިމެނެނީ، 37 ތަށި ހޯދާފައިވާ އަންދްރޭސް އިނިއެސްޓާ، 36 ތަށި ހޯދާފައިވާ ޖެރާޑް ޕީކޭ އަދި 34 ތަށި ހޯދާފައިވާ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
100%
0%
0%
0%
ކޮމެންޓް