ކ. މާލެ
|
2 އޯގަސްޓް 2022 | އަންގާރަ 22:35
ކޯޓުތައް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ކޯޓުތައް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ޔޫތު މިނިސްޓްރީ
މާލޭގެ ޓެނިސް ކޮމްޕްލެކްސް
އޭޓީޕީ ސްޓޭންޑަރޑްއަށް ތަރައްގީކޮށް، މާލޭ ޓެނިސް ކޮމްޕްލެކްސް ހުޅުވައިފި
މޯލްޑިވްސް ޓެނިސް ޗެލެންޖުގެ ލޯގޯވެސް މި ރަސްމިއްޔާތުގައި އިފްތިތާހުކުރި
ރާއްޖޭގެ ޓީމު ބައިވެރިވާ ދެމުބާރާތެއްގައި ވާދަކުރާ ޓީމަށް ޖާޒީ ހަވާލުކުރި

މާލޭގައި ހުންނަ ޓެނިސް ކޮމްޕްލެކްސް އޭޓީޕީ ސްޓެންޑަރޑް އަށް ތަރައްޤީ ކުރުމަށްފަހު ރަސްމީކޮށް ހުޅުވައިފިއެވެ.

ކޯޓުތައް ރަސްމީކޮށް ހުޅުވީ މާލޭ ޓެނިސް ކޮމްޕްލެކްސްގައި މިރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި ރައްސްމިއްޔާތުގައި ކުޅިވަރާއި ބެހޭ ވަޒީރު އަހުމަދު މަހްލޫފުގެ އިތުރުން، މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ބައިވެރިވެވަޑައިގަތެވެ. މީގެ އިތުރުން ޓެނިސް އެސޯސިއޭޝަންގެ އިސް ވެރިންނާއި ރާއްޖޭގެ ގިނަ އަދަދެއްގެ ޓެނިސް ކުޅުންތެރިންވެސް މި ރަސްމިއްޔާތުގައި ބައިވެރިވިއެވެ.

ކޯޓުތައް ތަރައްގީކޮށް ގެނެވުނު ބަދަލުތަކާއެކު، މިހާރު މާލޭ ޓޭނިސް ކޮމްޕްލެކްސްގައި ކުޑަކުދިން ފަރިތަކުރުމަށް ޚާއްސަ ކޯޓަކާއެކު ޖުމްލަ 5 ކޯޓު އޮންނާނެއެވެ. މީގެ ކުރިން ކޮމްޕްލެކްސްގައި އޮންނަނީ 3 ކޯޓެވެ. މި ބަދަލާއެކު ގިނަ ކުޅުންތެރިންތަކަކަށް އެއްފަހަރާ ފަރިތަކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ކޯޓުތައް ތަރައްގީކުރުމުގެ މަސައްކަތް ސްޕޮންސަރކޮށްފައިވަނީ ރާއްޖޭގެ ޓެނިސް އެސޯސިއޭޝަންގެ ކުރީގެ ރައީސް އަހުމަދު ނަޒީރުއެވެ. މި ރަސްމިއްޔާތުގައި ޓެނިސް އެސޯސިއޭޝަނުން ވަނީ ނަޒީރު ކޮށްދެއްވާ މަސައްކަތް ފާހަގަކޮށް އަގުވަޒަން ކުރުމުގެ ގޮތުން ހަނދާނީ ފިލާއެއް ދީފަފައެވެ.

މީގެ އިތުރުން، ރާއްޖޭގައި އިންޓަރނޭޝަނަލް މުބާރާތްތައް ބޭއްވުމަށްވެސް މި ކޯޓުތަކުގެ ސަބަބުން ފުރުސަތު ބޮޑުވާނެކަމަށް އެސޯސިއޭޝަނުން މައުލޫމާތުދެއެވެ. ރާއްޖެ ޓީވީއަށް މައުލޫމާތުދެމުން ޓެނިސް އެސޯސިއޭޝަންގެ ނައިބު ރައީސް އަމީން ވިދާޅުވީ، މިއަހަރުގެ ފަހުކޮޅު، ބޭރު ގައުމުތަކުން ބައިވެރިވާ މުބާރާތެއް ރާއްޖޭގައި ބޭއްވުމަށް ނިންމާފައިވާކަމަށެވެ. މި މުބާރާތުގައި ބައިވެރިވުމަށް 6 ގައުމަކަށް ދައުވަތުދީފައިވެއެވެ.

ކޯޓުތައް ރަސްމީކޮށް ހުޅުވުމުގެ އިތުރުން މިއަހަރު ރާއްޖޭގެ ޓީމު ބައިވެރިވާ ދެމުބާރާތެއްގައި ވާދަކުރާ ކުޅުންތެރިންނާއި ކޯޗުންނާއި ކުޅުންތެރިންނަށް ޖާޒީ ހަވާލުކުރުންވެސް މި ރަސްމިއްޔާތުގައި ކުރިއަށް ގެންގޮސްފައިވެއެވެ. ރާއްޖެއިން ވަނީ މިއަހަރު އޮންނަ ޑޭވިސް ކަޕް އަދި ބިލިޖީން ކިންގް ކަޕްގައި ބައިވެރިވުމަށް ނިންމާފައެވެ. މިއީ ރާއްޖެއިން މި މުބާރާތުގައި ބައިވެރިވާ ފުރަތަމަ ފަހަރެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަމުން މިނިސްޓަރ މަހްލޫފު ވިދާޅުވީ ތަރައްޤީ ކުރެވުނު މާލޭގެ ޓެނިސް ކޮމްޕްލެކްސްގެ އިތުރުން ހުޅުމާލޭގައި ޓެނިސް އެރީނާއެއް ބިނާކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

އަޅުގަނޑު މި މަޤާމާއި ހަވާލުވިފަހުން އެއް ކަމަކަށް އެންމެ ބޮޑަށް އިވޭ ޝަކުވާއަކީ ކުޅުމުގެ ޖާގައިގެ ދަތިކަމުގެ ވާހަކަ. އެކަމަށްވެސް ޓެނިސް އެސޯސިއޭޝަނާއެކީ ކުރެވުނު މަސައްކަތުން ހުޅުމާލޭގަ ބިން ކަނޑައެޅި، ހުޅުމާލޭގަ ޓެނިސް އެރީނާއެއް ޤާއިމުކުރުމުގެ މަސައްކަތް އެދަނީ ކުރިއަށް.
ކުޅިވަރާއި ބެހޭ ވަޒީރު އަހުމަދު މަހްލޫފް

އަދި ޖާގައިގެ ދަތިކަމަށް މިވަގުތުން މިވަގުތަށް ހައްލެއް ހޯދުމުގެ ގޮތުން ސިންތެޓިކް ޓްރެކްއާއި އެންމެ ގާތުން އިތުރު ޖާގަ ޓެނިސް އެސޯސިއޭޝަނަށް ދީފައިވާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ހަމައެހެންމެ، ކުރިއަށް އޮތް ދެމުބާރަތަކީ ރާއްޖޭގެ ޓެނިސް އެސޯސިއޭޝަންއާއި ކުޅުންތެރިންގެ އިތުރުން ބެލެނިވެރިން ކުރި ވަރަށް ބުރަ މަސައްކަތުގެ ނަތީޖާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މި ދެމުބާރާތުގައި ލިބޭ ފުރުސަތުގެ ބޭނުންހިފާ، ރަނގަޅު ތަޖުރިބާއަކާއި ކާމިޔާބީތަކެއް ހޯދުމަށް މިނިސްޓަރ ވަނީ ޓީމުގެ ފަރާތުން އެދިލައްވާފައެވެ.

މިއަހަރު ރާއްޖޭގައި އޮންނަ މޯލްޑިވްސް ޓެނިސް ޗެލެންޖުގެ ލޯގޯވެސް މި ރަސްމިއްޔާތުގައި އިފްތިތާހުކޮށްފައިވެއެވެ.

- ކޮމެންޓް
3 އޯގަސްޓް 2022 | ބުދަ 08:36
ފަގީރުކޮއި
ޓެނިހަކީ މާލޭގެ މުއްސަނދި އާއިލާތކުން ކުޅޭ ކުޅިވަރެއް، އާއްމުންގެ މާބޮޑު ތަރުހީބެއްވެސް އޮތް ކުޅިވަރެއް ނޫން. އެކަމަކު ކުޅިވަރު އެކުވެނީގެ ތިން ބައިކުޅަ އެއްބައިގައި އެއޮތީ ހުސް ޓެނިސް ކޯޓު. ދެން ކިޔާނެ ހުރިހާ ކުޅިވަރަކަށްވެސް ހަމަހަމައަށް އިސްކަންދެމޭ.