ކ. މާލެ
|
2 އޯގަސްޓް 2022 | އަންގާރަ 17:20
ވައިބަރ
ވައިބަރ
ގޫގުލް
ސްލިޕް ވައިބަރ ކުރަނީ ދަންވަރު ގުޅާކަށް ނޫން!
ސްލިޕް ވައިބަރ ކުރަނީ ދަންވަރު ގުޅާކަށް ނޫން!
ވައިބަރ އިން ސްލިޕް ފޮނުވުމުން ގުޅާ ކަމުގެ ޝަކުވާތައް ގިނަ
ގިނައިން މިގޮތަށް ދިމާވަނީ އަންހެނުންނަށް
ސްލިޕް ވައިބަރ ނުކޮށް، އިތުރުގޮތެއް ހޯދަން ޖެހޭ

ކޮވިޑާއެކު ވިޔަފާރި ކުރުމުގެ ގޮތްތައް ވަރަށް ބޮޑަށް ބަދަލުވެގެންދިޔައެވެ. ނަގުދު ފައިސާއާއި ކޭޝް ކާޑު ބޭނުން ކުރުން މަދުވެ، އިންޓަނެޓް ބޭންކިން ނުވަތަ ފައިސާ ޓްރާންސްފަރ ކުރުން ގިނަ ބަޔަކު ޚިޔާރުކުރަން ފެށިއެވެ. އެއީ އެ ދުވަސްވަރު ރައްކާތެރިކަމުގެ ގޮތުން ވިޔަފާރިތަކުން ގެނައި ބަދަލެކެވެ. މިގެނައި ބަދަލު ގިނަބަޔަކަށް ކަމުދިއުމުން އެކަން ދާއިމީވީއެވެ. ނަމަވެސް މި ހިދުމަތާއެކު ގިނަ ބަޔެއްގެ ކަންބޮޑުވުމަކަށްވީ ފައިސާ ޓްރާންސްފަރ ކުރުމަށްފަހު ސްލިޕް ވައިބަރ ކުރުމެވެ.

ވައިބަރ އިން ފޮނުވާ ސްލިޕާ އާއިއެކު ހިއްސާ ކުރެވެނީ އެމީހެއްގެ ނަންބަރެވެ. އަމިއްލަ ނަންބަރު މީހުންނާ ހިއްސާ ކުރުމަށް ބައެއް ފަރާތްތައް ބޭނުމެއް ނުވެއެވެ. އެއީ އިތުރު އުދަނގުލެއް ދިމާވެދާނެތީ އެވެ. މިގޮތުން، ފިހާރަތަކާއި ރެސްޓޯރެންޓުތަކާއި ޓެކްސީތަކުން ވައިބަރ އިން ސްލިޕް ފޮނުވުމުން އެ މީހެއްގެ ނަންބަރު ނަގައި އެ މީހަކަށް ގުޅައި ހަދައެވެ. ގިނައިން މިގޮތަށް ދިމާވަނީ އަންހެނުންނަށެވެ. ގިނަ އަންހެނުން ބުނާ ގޮތުގައި މިގޮތަށް ގުޅައިގެން އުދަނގޫކޮށް ހަދަނީ ދަންވަރު އެވެ. ބައެއް މީހުން ވާހަކަދައްކާނެ ބަހަނާއެއް ހޯދާ ކަމަށާއި ވައިބާއިން ނުވަތަ އެސްއެމްއެސްގެ ޒަރީއާއިން ވާހަދެއްކުމަށް މަސައްކަތް ކުރާ ކަމަށް ވެސް ބުނެއެވެ.

"ރާއްޖެ އެމްވީ" އާ ވާހަކަދެއްކި އަންހެނަކު ބުނީ އޭނާ ޓެކްސީއަކަށް އެރުމަށްފަހު އާއްމުކޮށް ހަދާގޮތަށް ދަތުރަށްވާ ފައިސާ ޓްރާންސްފަރ ކުރުމަށްފަހު އެ ސްލިޕް ވައިބަރ ކުރީއެވެ. އެރޭ ދަންވަރު އޭނާއަށް ނުދަންނަ ނަންބަރަކުން ގުޅުމުން އެއީ ކާކުތޯ ބެލުމަށް ވައިބަރ ގައި ނަންބަރު ޖެހުމުން އެއީ އެ ދުވަހު އެރި ޓެކްސީގައި އިން މީހާކަން އެނގުނު ކަމަށް އޭނާ ބުންޏެވެ. އަދި ޓެކްސީގައި އެއްޗެއް ބޭއްވިގެން ކަމަށް ހީކޮށް ޑްރައިވަރު ކައިރީ ގުޅީ ކީއްވެތޯ ސުވާލުކުރުމުން އޮޅިގެން ކަމަށްބުނެ، ވާހަކަދައްކަން ފެށި ކަމަށާއި އިތުރަށް ވާހަކަ ނުދެއްކުމުން ވެސް ދިމާވަން ކިޔައި މެސެޖު ކުރި ކަމަށް އެ އަންހެން މީހާ ކިޔައިދިނެވެ.

އެހެން އަންހެނަކު ބުނި ގޮތުގައި އޭނާއަށް އެގޮތަށް ދިމާވީ ފިހާރައަކުންނެވެ. ގޭ ކައިރީ ފިހާރައަކުން ވިޔަފާރިކުރުމަށްފަހު ސްލިޕް ވައިބަރ ކުރުމަށްފަހު އެ ރޭ ނުދަންނަ ނަންބަރަކުން ގުޅި ކަމަށެވެ. މައުލޫމާތު ބެލި އިރު އެއީ އެ ފިހާރައިގައި ހުރި ބިދޭސީއެއްކަން އެނގުނު ކަމަށް އެ އަންހެން މީހާ ބުންޏެވެ.

ގިނަ ބަޔަކު ދެކޭ ގޮތުގައި މިގޮތަށް ސްލިޕް ވައިބަރ ކުރުމަކީ ނުރައްކާތެރިކަމެކެވެ. އަމިއްލަ ނަންބަރު ހިއްސާ ކުރެވެނީ ނުވެސް ދަންނަ މީހަކާއެވެ. އެހެންކަމުން ސްލިޕް ވައިބަރ ކުރަން ބުނުން ހުއްޓާލަން ޖެހޭ ކަމަށް ގިނަ ބަޔަކު ދެކެއެވެ.

ވިޔަފާރިވެރިންނާއި ޚިދުމަތް ދޭ ފަރާތްތަކުން ޓްރާންސްފަރ ކުރުމަށްފަހު ސްލިޕް ވައިބަރ ކުރަން ބުނަނީ އެ ފައިސާ ލިބުނުކަން ޔަގީން ކުރާށެވެ. ނުވަތަ ރަސީދެއްގެ ގޮތުގައި އެ ބޭއްވުމަށެވެ. ނަމަވެސް ވައިބަރ ނުކުރިޔަސް މިކަމަށް ހައްލު ލިބިދާނެއެވެ.

ފައިސާ ޓްރާންސްފަރ ކުރުމަށްފަހު ވައިބަރ އިން އެ ސްލިޕް ފޮނުވުމުގެ ބަދަލުގައި ވަގުތުން އެ ސްލިޕްގެ ފޮޓޯއެެއް އަމިއްލަ ފޯނުންވެސް ނެގިދާނެއެވެ. ކޮންމެ މީހަކުވެސް މިހާރު ފޯނުގައި އިންޓަރނެޓް ބޭންކިން ގެންގުޅޭއިރު ވަގުތުން ފައިސާ ލިބުނުކަން އެޕް މެދުވެރިކޮށް އަމިއްލައަށް ވެސް ބަލައިލެވޭނެއެވެ. ސްލިޕް ފޮނުވާއިރު ބައެއް ފަރާތްތަކުން ހަދާ ފްރޯޑު ވެސް މިގޮތަށް ކަންކަން ކުރުމުން ނުހެދޭނެއެވެ.

މިހާރު ވެސް ބައެއް ފިހާރަތަކުންނާއި ޓެކްސީތަކުން ވެސް މިގޮތަށް ކަންތައްތައް ކުރެއެވެ. ފައިސާ ޓްރާންސްފަރ ކުރެވުމުން އެ ފިހާރައެއްގެ ފޯނުން ނުވަތަ އެވަގުތެއްގައި ކައުންޓަރުގައި އިންނަ ސޭޓުގެ ފޯނުން ސްލިޕުގެ ފޮޓޯއެއް ނަގާލަނީއެވެ. ޓެކްސީ ޑްރައިވަރުން ވެސް އަމިއްލަ އެޕް މެދުވެރިކޮށް އެ ފައިސާ ލިބުނުކަން ޔަގީން ކުރުމަށްފަހު ސްލިޕް ވައިބަރ ނުކުރިޔަސް ހެޔޮ ކަމުގައި ބުނެއެވެ.

ވައިބަރ އިން ސްލިޕް ފޮނުވި ނަމަވެސް އެ ދެވެނީ އެ ނަންބަރު ނަގައިގެން ގުޅުމުގެ ހުއްދައެއް ނޫންކަން ދަންނަން ޖެހެއެވެ.

- ކޮމެންޓް