ކ. މާލެ
|
1 އޯގަސްޓް 2022 | ހޯމަ 19:52
ރިލްވާނުގެ މަރާގުޅިގެން ފުލުހުން ހައްޔަރުކުރި 3 މީހުން
ރިލްވާނުގެ މަރާގުޅިގެން ފުލުހުން ހައްޔަރުކުރި 3 މީހުން
ޕޮލިސް
ޔާމީނާއި ރިލްވާންގެ މައްސަލަ
ޔާމީނާއި ރިލުވާންގެ މައްސަލަ އިތުރަށް ތަހުގީގުކޮށް ދައުވާކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅައިފި
އިސްމާއީލް އަބްދުއްރަހީމްގެ މައްޗަށް ދައުވާކުރަނީ ރިލުވާންއަށް ފާރަލައި، ރަހީނުކޮށް، މަރާލުމުގައި އެހީތެރިވެދީފައިވާތީ
އަހުމަދު އިސްމާއީލްގެ މައްޗަށް ދައުވާކުރަނީ އެހެން ބަޔަކު މެދުވެރިކޮށް ރިލްވާން ރަހީނުކޮށް މަރާލާފައިވާތީއާއި، ޔާމީން މަރާލުމަށް މަގުފަހިކޮށްދިނުމަށް އެހީތެރިވެދީފައިވާތީ
އަހުމަދު މުއާޒުގެ މައްޗަށް ދައުވާކުރަނީ އޭނާގެ ބައިވެރިން ރާވާފައިވާގޮތުގެމަތިން، އެހެން ބަޔަކު މެދުވެރިކޮށް ރިލްވާން ރަހީނުކޮށް މަރާލާފައިވާތީ

ޔާމީން ރަޝީދު މަރާލި މައްސަލައާއި, އަހުމަދު ރިޟުވާން އަބްދުﷲ ރަހީނުކޮށް މަރާލިކަމަށް ތުހުމަތުކުރެވޭ މައްސަލަ އިތުރަށް ތަހުގީގުކޮށް، "މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުން" ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅި މައްސަލައިގައި، ދައުވާކުރުމަށް ހޯމަ ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.

މި މައްސަލައިގައި ހިމެނޭ މ. ލެގޫންވިއު، އިސްމާއީލް އަބްދުއްރަހީމް އާދަމްގެ މައްޗަށް 2 ދައުވާއެއް ވަނީ ހުށަހަޅާފައެވެ.

ފުރަތަމަ ދައުވާއަކީ ގާނޫނު ނަންބަރު 10/90 (ދިވެހިރާއްޖޭގެ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު)ގެ 2 ވަނަ މާއްދާގެ (ހ)އާއި، (ށ)އާއި، 3 ވަނަ މާއްދާއާ ހަވާލާދީ އެ ގާނޫނުގެ 6 ވަނަ މާއްދާގެ (ހ)ގެ ދަށުން, ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވެދިނުމުގެ ކުށުގެ ދައުވާއެވެ. ދައުވާކުރަނީ 2014 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި މ. ޝައިނިންގސްޓާރ އަހުމަދު ރިލުވާން އަބްދުﷲ ރަހީނުކޮށް މަރާލުމަށްޓަކައި، 2014 ވަނަ އަހަރުގެ ތެރޭގައި އިސްމާއީލް އަބްދުއްރަހީމް އާދަމް، އަހުމަދު ރިލުވާން އަބްދުﷲއަށް ފާރަލައި، އަހުމަދު ރިލުވާން އަބްދުﷲ ރަހީނުކޮށް މަރާލުމުގައި އެހީތެރިވެދީފައިވާތީ އުފުލާފައިވާ ދައުވާއެއްކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

ދެވަނަ ދައުވާއަކީ ގާނޫނު ނަންބަރު 32/2015 (ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު)ގެ 6 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ނ)ގެ ދަށުން, ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވެދިނުމުގެ ކުށުގެ ދައުވާއެވެ. ދައުވާކުރަނީ، ޔާމީން ރަޝީދުގެ ބްލޮގްގައާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި އިސްލާމްދީނާ ފުށުއަރާ ވާހަކަތައް ލިޔެ ޕޯސްޓުކުރަމުން ގެންދާކަމަށް ބުނެ، 23 އޭޕްރީލް 2017 ދުވަހުގެރޭ، އަނިޔާވެރިގޮތަކަށް ޔާމީން ރަޝީދު މަރާލުމަށްޓަކައި، 2017 ވަނަ އަހަރުގެ ތެރޭގައި ޔާމީން ރަޝީދުއަށް ފާރަލައި، އޭނާ މަރާލުމަށް އެހީތެރިވެދީފައިވާތީ އުފުލާފައިވާ ދައުވާއެއްކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

މީގެ އިތުރުން މއ. ފާގަފިލާގެ، އަހުމަދު އިސްމާއީލްގެ މައްޗަށްވެސް 2 ދައުވާއެއް ވަނީ އުފުލާފައެވެ.

ފުރަތަަމަ ދައުވާއަކީ ގާނޫނު ނަންބަރު 10/90 (ދިވެހިރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު)ގެ 2ގެ (ހ)އާއި، (ށ)އާއި، (ކ)އާއި، އެ ގާނޫނުގެ 3 ވަނަ މާއްދާއާ ހަވާލާދީ، އެ ގާނޫނުގެ 6 ވަނަ މާއްދާގެ (ހ)ގެ ދަށުން, ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއެވެ. މި ދައުވާކުރާ ސަބަބަކީ، އަހުމަދު ރިލުވާން މަރާލުމުގެ ކަންކަން ރާވައި އިންތިޒާމުކޮށްފައިވާތީއާއި، އަހުމަދު އިސްމާއީލްއާއި އޭނާގެ ބައިވެރިން ރާވާފައިވާ ގޮތުގެ މަތިން، އެހެން ބަޔަކު މެދުވެރިކޮށް، 8 އޯގަސްޓް 2014 ދުވަހުގެ ދަންވަރު އަހުމަދު ރިޟްވާން ރަހީނުކޮށް މަރާލާފައިވާތީ އުފުލާފައިވާ ދައުވާއެއްކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

ދެވަނަ ދައުވާއަކީ ގާނޫނު ނަންބަރު 32/2015 (ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު)ގެ 6 ވަނަ މާއްދާގެ (ހ)އާ ހަވާލާދީ، އެ މާއްދާގެ (ނ)ގެ ދަށުން, ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވެދިނުމުގެ ކުށުގެ ދައުވާއެވެ. މި ދައުވާކުރާ ސަބަބަކީ، 23 އޭޕްރީލް 2017 ދުވަހުގެ ރޭ އަނިޔާވެރިގޮތަކަށް ޔާމީން ރަޝީދު މަރާލުމަށް މަގުފަހިކޮށްދިނުމަށްޓަކައި، ޔާމީން ރަޝީދަށް ފާރަލުމުގެ ކަންކަން އިންތިޒާމުކޮށް، އެކަން ކުރުމަށް އޭނާ އެހީތެރިވެދީފައިވާތީ އުފުލާފައިވާ ދައުވާއެއްކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

މި ދެމީހުންގެ އިތުރުން މި މައްސަލައިގައި ހިމެނޭ، ދަފްތަރު ނަންބަރު 8499، އަހުމަދު މުއާޒުގެ މައްޗަށް 1 ދައުވާ އުފުލާފައިވެއެވެ. އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާއަކީ، ގާނޫނު ނަންބަރު 10/90 (ދިވެހިރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު)ގެ 2ގެ (ހ)އާއި، (ށ)އާއި، (ކ)އާއި، އެ ގާނޫނުގެ 3 ވަނަ މާއްދާއާ ހަވާލާދީ، އެ ގާނޫނުގެ 6 ވަނަ މާއްދާގެ (ހ)ގެ ދަށުން, ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއެވެ. ދައުވާކުރާ ސަބަބަކީ، އަހުމަދު ރިލުވާން އަބްދުﷲ މަރާލުމުގެ ކަންކަން ރާވައި އިންތިޒާމުކޮށްފައިވާތީއާއި، އަހުމަދު މުއާޒުއާއި އޭނާގެ ބައިވެރިން ރާވާފައިވާ ގޮތުގެ މަތިން، އެހެން ބަޔަކު މެދުވެރިކޮށް، 8 އޯގަސްޓް 2014 ދުވަހުގެ ދަންވަރު އަހްމަދު ރިލުވާން ރަހީނުކޮށް މަރާލާފައިވާތީ އުފުލާފައިވާ ދައުވާއެކެވެ.

ޕީޖީ އޮފީހުން ބުނީ މި މައްސަލަ ތަހުގީގުކުރުމަށްފަހު ކޮމިޝަނުން އެ އޮފީހަށް ހުށަހަޅާފައިވަނީ 24 ޖުލައި 2022ގައި ކަމަށެވެ.

- ކޮމެންޓް